މިހާރު ޖަލުގައި އޮންނެވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް މިހާރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަރަށް ބޮޑަށް ތައުރީފް ކުރައްވައި ވާހަކަފުޅުދައްކަވައިފިއެވެ.
ރައީސް ޔާމީން ރައީސް މައުމޫނަށް ތައުރީފްކޮށް ވާހަކަފުޅުދައްކަވާފައިވަނީ ރ. ދުވާފަރުގައި ރޭ ބޭއްވި ކެމްޕޭނު ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ދުވާފަރުވެސް ތަރައްގީ ކުރެއްވި ބާނީއަކީ ރައީސް މައުމޫން ކަމަށާއި ރައީސް މައުމޫނަކީ އިގްތިސޯދީ ކުރިއެރުންވެސް އަދި އިޖްތިމާއީ ހަމަޖެހުމާއި ތައުލީމީ ދާއިރާވެސް ހީނުކުރާ ހިސާބަށް ގެންގޮސްދެއްވި ބޭފުޅެއް ކަމުގައިވެސް ވިދާޅުވިއެވެ.
ރައީސް މިމޭރުމުން ވާހަކަފުޅު ދެއްކެވީ އެ ޖަލްސާގައި އެންވަޔަރަންމަންޓް މިނިސްޓަރު އިބްރާހިމް ތޯރިގް ރައީސް މައުމޫނަށް ފާޑުވިދާޅުވުމުންނެވެ.
ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާ ޖަލްސާއެއްގައި، މައުމޫންގެ ޚިދުމަތަށް އެއްވެސް ކަހަލަ ކޫރުމެއް އެޅޭ ކަހަލަ ވާހަކަ އެއްވެސް ބޭފުޅަކު ނުދެއްކެވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. ރައީސް ޔާމީން ވިދާޅުވި ގޮތުގައި މައުމޫނަކީ ރާއްޖެއަށް ޚިދުމަތްތެރިއެއް އަދި ރާއްޖެ ތަރައްގީކުރެއްވި ބޭފުޅެއް ކަމުގައި ރައީސް ވިދާޅުވިއެވެ.
ރައީސް ޔާމީން ރައީސް މައުމޫނަށް ތައުރީފުކޮށް ވާހަކަފުޅު ދައްކަވާފައިވާއިރު މި ފަހަކަށް އައިސް ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާ ޖަލްސާތަކުގައި ރައީސް މައުމޫންގެ ނަންފުޅު ބޭނުންކުރެވޭލެއް އަންނަނީ ގިނަވަމުންނެވެ.
ރައީސް މައުމޫނަށް ރައީސް ޔާމީން ތައުރީފްކުރައްވާފައިވާއިރު ފޯނު ދިނުމަށް ފުލުހުން އިންކާރު އެންގުމުން އެކަމަށް އިންކާރު ކުރެއްވި މައްސަލައިގާ ރައީސް މައުމޫނަށްވަނީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލުހުކުމެއް އިއްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް