އާފުރުމަކީ ތަބީޢީ ކަމެކެވެ. ނަމަވެސް މާ ގިނައިން އާފުރެނީނަމަ އެކަމާ ކޮންމެވެސް ވަރަކަށް ވިސްނާލަން ޖެހޭކަމުގައި ޑަކުޓަރުންނާއި އިންސާނީ ސައިކޮލޮޖީއާއި ބެހޭ މާހިރުން ބުނެއެވެ.
އާފުރޭއިރު އަނގަ ތަންމިނަށް ހުޅުވި ވައި އަނގައިން ވައި އެތެރެއަށްގޮސް ފުއްޕާމޭ ފުރާލާ ކަންފަތުގެ ތޫރި ދެމިލާ ލޭހޮޅިތަކުގެ އެހީގައި އިތުރު އޮކްސިޖަން ސިކުނޑިއަށްފޮނުވާލައެވެ. ތަބީއަތުގައި އާފުރެނީ އިންސާނާ އެލާޓް ކުރުމަށް ކަމަށް ދިރާސާތަކުން ދައްކައެވެ.
އާފުރުމުގައި އެތައް ގުނަވަނެއް އެއްފަހަރާ ހަރަކާތްތެރިވާއިރު އާ ފުރެނީ ހަމައެކަނި ވަރުބަލި ވެގެންނޭވެސް ބުނެވޭކަށް ނެތެވެ. ދެތިން މޭލު ދުވެ ވަރުބަލިވިޔަސް އާނުފުރޭނެއެވެ. ނަމަވެސް ކަމަކާ ފޫހިވުމުން އާފުރޭގޮތްވެއެވެ. އަދި އެ ފޫހިކަން ފިލުވާލުމަށް އޮންނަ ނިޒާމަކީ އާފުރުން ކަމުގައިވަނީ އެހެންވެކަމަށް ބުނެއެވެ.
މާ ގިނައިން އާފުރޭނަމަ ވިސްނާލުން ރަނގަޅު
މާ ގިނައިން އާފުރެން މެދުވެރިވާ ސަބަބުތަކެއް ހުރެއެވެ.
އެއް ސަބަބަކީ "ވަސޯވޭގަލް ރިއެކްޝަން" ނަމަކަށް ކިޔާ ރިއެކްޝަނެއްގެ ސަބަބުންވެސް މާގިނައިން އާފުރޭގޮތް މެދުވެރިވެދާނެއެވެ. މި ރިއެކްޝަން އާންމުކޮށް ދިމާވަނީ މާ ސްޓްރެސް ބޮޑު ހާލަތްތަކުގައެވެ. ސްޓްރެސް ބޮޑުވުމުން ސިކުނޑިއަށް ލޭ ފޮނުވަދޭ މިންވަރު ދަށްކޮށްދޭތީ އާފުރުން މެދުވެރިކޮށް ސިކުނޑިއަށް އޮކްސިޖަން ހޯދަން މަސައްކަތްކުރާކަމަށްވެއެވެ.
ނިދާ ބޭހުގެ ސަބަބުންވެސް އާފުރޭގޮތްވެއެވެ. އަދި މާ ގިނައިން އާފުރެނީނަމަ މޭގައި މައްސަލައެއް އުޅުން އެކަށީގެންވާކަމަށްވެސްވެއެވެ. މީގެ އިތުރުން މަލްޓިޕަލް ސްކަލެރޯސިސް އަދި ސްލީޕިން ޑިސޯޑާ ހުންނަނަމަވެސް މާގިނައިން އާފުރޭގޮތްވެއެވެ. އަދި ސިކުނޑީގައި ޓިއުމަރެއް އުފެދުމުގެ ސަބަބުންވެސް މާ ގިނައިން އާފުރެން މެދުވެރިވާކަމަށާއި ލޭގެ ގްލުކޯޒް ލެވެލް މާބޮޑަށް ދަށްވުމުންވެސް އާފުރޭގޮތް މެދުވެރިވެއެވެ.
އެހެންކަމުން މާ ގިނައިން އާފުރޭނަމަ އަދި އެކަމަށް ހުއްޓުމެއް ނާންނަނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުން ބުއްދިވެރިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް