ނުރައްކާލުގެ ރަނގަބީލުގެ އަޑު ގަދަވަމުންދާ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ކުރެއްވި ޓުވީޓެއްގައި މިހެން ވިދާޅުވެފައިވަނީ މާލޭ ސިޓީގެ ލޮކްޑައުނަށް ލުއިދިން ފަހުން މިހާތަނަށް އެންމެ ގިނަ މީހުން މިއަދު ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވަނިކޮށެވެ. މިއަދު 137 މީހަކު ރާއްޖެއިން ކޯވިޑަށް ޕޮސިޓިވްވެފައިވާއިރު އޭގެ ތެރެއިން 92 މީހުންނަކީ ދިވެހިންނެވެ.
މިނިސްޓަރު ވިދާޅުވީ ކޯވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް އެއްކޮށް އުވާލައި އާންމު ހާލަތަށް ދާން އެދޭ ނަމަ އެޗްޕީއޭގެ އިލްތިމާސްތަކަށް އަމަލު ކުރަން ޖެހޭ ކަމަށެވެ.
އެގޮތުން މާސްކު އެޅުމާއި، އިޖްތިމާއީ ގައިދުރު ކަމަށް ސަމާލުކަން ދޭން ޖެހޭ ކަމަށް އަމީން ވިދާޅުވި އެވެ. އަދި ވިދާޅުވީ މީހުންނާއި ބައްދަލު ކުރުން މަދުކުރުމުގެ އިތުރުން ކޮންމެހެން ދާން ޖެހިގެން ނޫނީ ބޭރަށް ނުދިއުމަކީ މުހިންމު ކަމެއް ކަމަށެވެ.
https://twitter.com/ameenex/status/1288155099399823361
މިމަހުގެ އެއް ވަނަ ދުވަހުން ފެށިގެން ލޮކްޑައުނަށް ބޮޑެތި ލުއިތަކެއް ދީފައިވާއިރު ކޯވިޑަށް ޕޮސިޓިވްވާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. މިފަހަކަށް އައިސް ޕޮސިޓިވްވާ މީހުންގެ ތެރޭގައި އަތޮޅުތެރެއަށް ހޯމް ކަރަންޓީނަށް ދާ މީހުންވެސް ހިމެނެ އެވެ.
ލޮކްޑައުނަށް ލުއިދީ ވައިގެ ބޯޑަރު ހުޅުވި ފަހުން މިހާތަނަށް ރާއްޖެ އައި ޓޫރިސްޓުންގެ ތެރެއިން ޕޮސިޓިވް ވެފައިވަނީ އެންމެ މީހެކެވެ. އެއީ އެމެރިކާއިން އައި ޓޫރިސްޓެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް