ޓިކްޓޮކް ވީޑިއޯތަކުގައި މިސްރުގެ އާއްމު އަހްލާގީ މިންގަނޑުތަކާ ހިލާފުވި ފަސް އަންހެނަކު ޖަލަށް ލައި ބޮޑު ޖޫރިމަނާއެއް ކޮށްލައިފިއެވެ.
އެގައުމުގެ މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާގޮތުގައި އެގޮތުން ޖަލަށް ލާފައިވަނީ ހަނީން ހޮސާމް ނަމަކަށް ކިޔާ އުމުރުން 20 އަހަރުގެ އަންހެނަކާއި މަވާދާ އަލް އަދަމް ނަމަކަށް ކިޔާ އަންހެނެއްގެ އިތުރުން މި ދެމީހުންގެ ސޯޝަލް މީޑިއާ އެކައުންޓްތައް ހިންގުމުގައި އުޅޭ އިތުރު ތިން އަންހެނެކެވެ.
މި މީހުން ޖަލަށް ލުމުގެ އިތުރުން މީން ކޮންމެ މީހަކު ތިން ލައްކަ، އިޖިޕްޝަން ޕައުންޑުން (ގާތްގަނޑަކަށް 25 ހާސް އެމެރިކާ ޑޮލަރު) ޖޫރިމަނާވެސް ކޮށްފައިވެއެވެ.
މި އަންހެނުންގެ ތެރެއިން ހަނީން ހޮސާމްގެ މައްޗަށް އިއްވި ދައުވާއަކީ ޓިކް ޓޮކުން ފިރިހެނުން އެޑްކޮށް އެ ފިރިހެނުންނާ ބައްދަލުވެ ރަހުމަތްތެރިވުމަށް ޒުވާން އަންހެން ކުދިންނަށް ބާރުއަޅާފައިވާތީއެވެ.
މަވާދާ އަލް އަދަމަށް ދައުވާ ކޮށްފައިވަނީ އާއްމު އަހްލާގީ މިންގަނޑަށް ނުފެތޭ ހެދުން އަޅައިގެން ނަގާ ފޮޓޯ އިންސްޓަގްރާމް ކުރުމާއި އެފަދަ ހެދުން އަޅައިގެން ޓިކްޓޮކުގައި ވީޑިއޯ ކުޅޭތީއެވެ. ޓިކްޓޮކުގައި އޭނާގެ ފޮލޯވަރުންގެ އަދަދު ދެ މިލިޔަނަށްވުރެ މައްޗެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް