ކުޑަ ދެ ފިރިހެން ކުދިންނަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ ފުލުސް މީހާ ރާއްޖެ އައިތަނުން މިއަދު ފުލުހުން ހައްޔަރުކޮށްފިއެވެ.
އުމުރުން 14 އަހަރުގެ ދެ ފިރިހެން ކުދިންނަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ މި ފުލުސް މީހާ ހައްޔަރުކޮށްފައި ވަނީ، ނޯޕޭ ލީވެއްގައި ލަންކާގައި ހުއްޓައި ފުލުހުން ދިން މުއްދަތުގެ ތެރޭގައި ރާއްޖެ އައިތަނާއެވެ. ފުލުހުން ވަނީ އެ ފުލުސް މީހާ އަށް ވަކި މުއްދަތެއްގެ ތެރޭގައި ރާއްޖެ އައުމަށް އަމުރުކޮށްފައެވެ. މައުލޫމާތު ލިބޭގޮތުގައި މި ފުލުސް މީހާ މިހާރު ހުރީ އަތޮޅުވެހިގޭގައެވެ.
މަޝްހޫރު ވޮލީ ކުޅުންތެރިއެއް ކަމަށްވާ މި ފުލުސް މީހާގެ މައްޗަށް ކޯޓުން ވަނީ 15 ދުވަހުގެ ބަންދުގެ މުއްދަތެއް ޖަހާފައެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި މަޝްހޫރު އެ ވޮލީ ކުޅުންތެރިޔާ 14 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ފުރަތަމަ މައްސަލަ ބަލަން ފަށާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. ދެވަނަ މައްސަލަ ބަލަން ފަށާފައިވަނީ މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން ޖެންޑަރ މިނިސްޓްރީގެ އޮފިޝަލަކު މީގެކުރިން ވިދާޅުވީ 14 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެބްރުއަރީ 28 ވަނަ ދުވަހު ހުށަހަޅާފައިވާކަމަށާއި، އެ ކުދިންނަށް ރައްކާތެރި މާހައުލެއް މިހާރު ގާއިމްކޮށްދީފައިވާކަމަށެވެ. އަދި ފުލުހުންނާއި ގުޅިގެން މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
އެ ފުލުސް މީހާ އަދިވެސް ހުރީ ފުލުހުންގެ ވަޒީފާގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް