ލަފާކުރެވޭ ގޮތުގައި ކަޅުވަކަރު މިސްކިތް ބައްޓާނިމޭނީ އަހަރުގެ ފަހުކޮޅަށް: ހެރިޓޭޖް މިނިސްޓްރީ

ކަޅުވަކަރު މިސްކިތުގެ މަސައްކަތްތައް ކުރިއަށްދާ މިިންވަރަށް ބަލައި މިސްކިތް ބެހެއްޓުމުގެ މަސައްކަތް ނިމޭނެކަމަށް މިހާރު ލަފާކުރަނީ މިއަހަރުގެ ފަހުކޮޅުކަމަށް ހެރިޓޭޖް މިނިސްޓްރިއިން ހާމަކޮށްފިއެވެ. ސަރ...

28 Jul 2019 | 05:46

ކަޅުވަކަރު މިސްކިތުގެ މަސައްކަތްތައް ކުރިއަށްދާ މިިންވަރަށް ބަލައި މިސްކިތް ބެހެއްޓުމުގެ މަސައްކަތް ނިމޭނެކަމަށް މިހާރު ލަފާކުރަނީ މިއަހަރުގެ ފަހުކޮޅުކަމަށް ހެރިޓޭޖް މިނިސްޓްރިއިން ހާމަކޮށްފިއެވެ.

ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހެރިޓޭޖް މިނިސްޓްރީއިން ކުރުމަށް ނިންމި ކަންކަމުގެ ތެރެއިން އެންމެ ފުރަތަމަ ފެށި މަސައްކަތަކީވެސް ކަޅުވަކަރު މިސްކިތުގެ ބައިތައް ހޯދާ މިސްކިތް އަލުން ރޭވުމަށް ކުރަންޖެހޭ މަސައްކަތްތަކެވެ.

ކުރީގެ ސަލްޓަން ޕާކުގައި ހުރި މިސްކިތް އެތަނުން ނަގާފައިވަނީ ރަސްރަނި ބަގީޗާ ހެދުމަށް އޭރުގެ ސަރުކާރުން 2016ވަނަ އަހަރުއެވެ. އަދި މިސްކިތް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބެހެއްޓުމަށް ނިންމުމާއި އަދި ފަހުން ގދ.ތިނަދުއަށް ބަދަލުކުރުމަށްވެސް ނިންމިއެވެ. ނަމަވެސް މިސްކިތް ނެގިތާ 3 އަހަރު ވީއިރުވެސް މިސްކިތް އަލުން ބެހެއްޓުމުގެ އެއްވެސް މަސައްކަތެއް ފަށާފައެއް ނުވެއެވެ.

ކަޅުވަަކަރު މިސްކިތަށް 200 އަށްވުރެ ގިނަ އަހަރު ވެފައިވާކަމަށް ބެލެވެއެެވެ. މި މިސްކިތަށް މިހާ ގިނަ ދުވަސް ވުމާއި، މިސްކިތުގެ ބައިތައް ރޫޅާލުމަށްފަހު އަޅާނުލެވި ހުރުމުގެ ސަބަބުން ހަލާކުވެ އަލުން މަރާމާތު ކުރަންވެސް ޖެހުނެވެ.

އެގޮތުން މިސްކިތުގެ ހިރިގަލުގެ ބައިތަކާއި، ލަކުޑީގެ ބައިތަކަށް މަސައްކަތުގެ ފަންނުވެރިންގެ އެހީގައި މިހާރުވަނީ ފަރުވާދީ ނިމިފައެވެ. އަދި ލިޔެލާޖަހާފައި ހުރި ބައިތައް ސާފުކުރުމުގެ މަސައްކަތްވެސް މިހާރުވަނީ ނިމުމަކާއި ގާތްވެފައިވާކަމަށް ހެރިޓޭޖް މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.

މިސްކިތުގެ ބައިތައް މަރާމާތުކުރުމުގެ ހުރިހާ މަސައްކަތެއް މިހާރު ގާތްގަނޑަކަށް ނިމިފައިވާއިރު، ލަސްވަމުން އަންނަނީ މިސްކިތް ބެހެއްޓުމުގެ މަސައްކަތެވެ. މިސްކިތް ބެހެއްޓުމަށް އެންމެ ފުރަތަމަ ބަޔަކު ހޯދަން އިޢުލާންކުރީ މިއަހަރުގެ އޭޕްރިލް މަހުއެވެ. ނަމަވެސް އެކަމަށް އެކަށީގެންވާ ތަރްޚީބު ނުލިބުމުގެ ސަބަބުން އަނެއްކާވެސް ބީލަމަށް ހުޅުވާލާފައިވެއެވެ.

މިސްކިތުގެ މަސައްކަތް ފެށިތާ 8 މަސްވެފައިވާއިރު، ހެރިޓޭޖް މިނިސްޓްރިއިން ބުނެފައިވަނީ މިސްކިތް ރޭވުމުގެ މަސައްކަތް ނުފެށި ލަސްވަނީ މިސްކިތް ބަހައްޓާތަނުގެ ޑިޒައިން މަސައްކަތްތަކަށް ބަދަލު ގެންނަން ޖެހުމާއި، މިސްކިތް ބެހެއްޓުމަށް ބެނުންވާ ފައުންޑޭޝަން ބެހެއްޓުމަށް ބަޔަކާއި ހަވާލުކުރުމުގައި ލަސްވަމުން އަންނާތީކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް