ރާއްޖޭގެ މޫސުމާ ގުޅޭ މައުލޫމާތު ލިބޭ މޯބައިލް އެޕްލިކޭޝަން ބޭނުން ކުރެވޭ ގޮތް އިއްޔެ ހަދައިފި އެވެ.
ގޫގުލް ޕްލޭ އާއި އެޕް ސްޓޯރުން ޑައުންލޯޑް ކުރެވޭ ގޮތަށް "މޫސުން" އެޕްލިކޭޝަން މިދިޔަ ބުރާސްފަތި ދުވަހު ލޯންޗްކުރި ނަމަވެސް ޑައުންލޯޑަށް ދޫކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.
އެގޮތުން މޫސުމާބެހޭ އިދާރާ އިން ދެމުން އަންނަ މައުލޫމާތު ދިވެހި ބަހާއި އިނގިރޭސި ބަހުން މި އެޕުން ލިބޭނެ އެވެ. އަދި ހަމައެހެންމެ އެ ވަގުތެއްގެ މޫސުން ހުރި ގޮތުގެ އިތުރުން ކުރިއަށް އޮތް ފަސް ދުވަހުގެ މޫސުން ލަފާކުރެވޭ ގޮތް ވެސް މީގައި ފެންނާނެ އެވެ. އަދި ދިޔަވަރާއި އިރާއި ހަނދުގެ މައުލޫމާތު ވެސް ވަނީ ހިމަނަފައިފަ އެވެ.
އިޓަލީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އެ އެޕްލިކޭޝަން ތައްޔާރުކުރީ މެޓުގެ ހިދުމަތްތައް ހަރުދަނާކޮށް ޒަމާނީ ވަސީލަތްތަކުގެ އެހީގައި އާއްމުންނާ ހަމައަށް މޫސުމާ ގުޅޭ މައުލޫމާތު ގެނެސްދިނުމަށެވެ. އަދި މިއީ އެ އިދާރާއިން ދެމުން އަންނަ އެލާޓްތައް، ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ބޭނުންކުރަމުން އަންނަ ކޮމަން އެލާޓިން ޕްރޮޓޮކޯލް (ކެޕް) ސިސްޓަމަށް ބަދަލުވުމަށްޓަކައި އެ އޮފީހަށް ހާއްސަކޮށްގެން ކެޕް އެލާޓިން ސިސްޓަމެއް ގާއިމްކުރަން ކުރިއަށްގެންދިޔަ ޕްރޮޖެކްޓެކެވެ.
[contentcards url="https://play.google.com/store/apps/details?id=mv.codeworks.nihaz.weather&hl=en_US"]
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް