އިންސާނާއަށް ނުރައްކަލެއް ނުވަތަ ނުރައްކާތެރި ހާދިސާއެއް މެދުވެރިވެއްޖެނަމަ އެ އިންސާނާގެ ހިތާއި ހަށިގަނޑު އެ ނުރައްކާލާއި ކުރިމަތިލާން ތައްޔާރުވެއެވެ. ހަށިގަނޑުގެ މި ގުދުދަތީ ދިފާއީ ނިޒާމަށް އަޅުގަނޑުމެން މިކިޔަނީ ސްޓްރެސްއެވެ. ސްޓްރެސް އާއި ކުރިމަތިލާންޖެހިފައިވާ މީހުންގެ އަދަދު އިންތިހާއަށް ގިނައެވެ. ސްޓްރެސް ވުމުން އެކި ފަހަރު އެކި މީހުން އަމަލުތައް ބަހައްޓާ ގޮތްވެސް ތަފާތެވެ. އިންސާނާއަށް ސްޓެރެސް ކުރިމަތިވަނީ ހަމައެކަނި ދެރަވާ ކަމެއް ދިމާވާގެންނެއް ނޫނެވެ. އުފާވެރިކަމަކުންވެސް އެފަދަ ކަމެއް ކުރިމަތި ކުރުވަފާނެއެވެ. ޝޯޓް ޓާމް ސްޓްރެސް ނުވަތަ ވަގުތީ ސްޓެރެސް އަކީ ހަށިގަނޑަށް އޭގެ ސަބަބުން ނޭދެވޭ އަސަރެއްކޮށްފާނެ ކަމަކަށް ނުވިޔަސް ލޯންގް ޓާމް ސްޓްރެސް ނުވަތަ ދާއިމީ ސްޓެރެސް އަކީ ސިއްހީގޮތުން ގެއްލުންހުރި ކަމެއް ކަމުގައި ކަމާއި ބެހޭ ސިއްހީ މާހިރުން ހާމަކުރެއެވެ.
ސްޓެރެސްގެ ވައްތަރުތަކަކީ ކޮބާ؟
އެކިއުޓް ސްޓެރެސް.
މި ބާވަތުގެ ސްޓްރެސް އަކީ ސްޓެރެސްގެ އެންމެ އާންމު ބާވަތެވެ. މި ބާވަތުގެ ސްޓެރެސް އާއި އާންމުކޮށް ކުރިމަތިލާން ޖެހެނީ އިންސާނާއަށް ކުރިމަތިކުރުވާ ކަމަކުން އޭނާއަށް ދިމާވެދާނެ ކަމެއް (ކޮންސީކުއެންސެސް) ނުވަތަ ކުރިމަތީލާން ޖެހިދާނެ ޕްރެޝާއަކާއި ދޭތެރޭ ވިސްނާ ވިސްނުމުގެ ސަބަބަންނެވެ. މިސާލަކަށް ދެމަފިރިއެއްގެ ދެމެދުގައި ޒުވާބެއް ހިނގައި އެކަން ހައްލުނުވެދާ ވަގުތުތަކުގައި ހިތާއި ސިކުނޑި އެ ޒުވާބުގެ ސަބަބުން ވެދާނެ ގޮތަތަކާއި މެދު ވިސްނާ ފުކުރުކުރުވުމަށް ބާރުއަޅައެވެ. ނަމަވެސް އަކަން ހައްލުވުމުން ސްޓްރެސް އަށް ފަރުވާއެއް ލިބި ހައްލުވެއެވެ.
މިފަދަ ސްޓެރެސްގެ ބައެއް އަލާމާތްތަކުގެ ތެރޭގައި ބޮލުގައި ރިއްސުން ނުވަތަ ބަނޑަށް އުނދަގޫވުން ހިމެނެއެވެ. އެކިއުޓް ސްޓްރެސް ތަކުރާރުކޮށް އިންސާނަކަށް ކުރިމަތި ވާކަމުގައި ވަނީނަމަ ދާއިމީ ސްޓްރެސްގެ އެންމެ ނުރައްކާތެރި ދަރަޖައަށް ވާސިލުވުމަށް މަގުފަހިވެއެވެ.
އެޕިސޮޑިކް އެކިއުޓް ސްޓްރެސް
ސްޓްރެސްގެ ފުރަތަމަ ބާވަތް ކަމުގައިވާ އެކިއުޓް ސްޓްރެސް ތަކުރާރުވާކަމުގައި ވަނީނަމަ އެޕިސޮޑިކް އެކިއުޓް ސްޓެރެސް އަށް ބަދަލުވެއެވެ. މިސާލަކަށް ބައިވަރު ޒިންމާތަކެއް (ކޮމިޓްމަންޓްސް) ބޮލުގައި އަޅައިގެން އުޅޭ މީހަކު އެ ޒިންމާތައް ފުރިހަމައަށް އަދާކުރާން ނުކުޅެދުން ނުވަތަ އެ ޒިންމާއަދާރަން އުޒުރުވެރިވުމަކީ އެޕިސޮޑިކް އެކިއުޓް ސްޓެރެސް އާއި ކުރިމަތިލާންޖެހިދާނެ ކަމަކެވެ.
މި ބާވަތުގެ ސްޓްރެސްގެ ސަބަބުން ލޭގެ ޕްރެޝަރު މައްޗަށްގޮސް ހިތުގެ ބަލިތަކަށް މަގުފަހިވެއެވެ.
ކޮރޮނިކް ސްޓެރެސް
މި ބާވަތުގެ ސްޓްރެސް އަކީ ދާއިމީ ގޮތަކަށް ކުރިމަތިކުރުވާ އަދި އެންމެ ގެއްލުންދެނިވި ސްޓްރެސްއެވެ. އިންސާނާއަށް ދިމާވާ ކަމަކުން ނުވަތަ ހާދިސާއަކުން އަރައި ނުގެނެވި އެފަދަ ކަމަކުން ސަލާމާތްވާނެ މަގު ބަންދުވެފައިވާ ކަމަށް އަމިއްލައަށް ޤަބޫލުކުރެވުމުން މިހާގެ ހިތާއި ސިކުނޑިއަށް ކުރާ ދާއިމީ އަސަރުތަކަކީ ކޮރޮނިކް ސްޓްރެސްއެވެ. މިސާލަކަށް ޖިސްމާނީ ނުވަތަ ޖިންސީ އަނިޔާ ލިބޭ މީހާ މިބާވަތުގެ ސްޓްރެސްގެ ޝިކާރައަށް ވެއެވެ. ނުވަތަ ބޮޑު ދަރަންޏެއް އޮވެ ނުވަތަ ކުއްލިއަށް ބަންގުރޫޓްވުން ފަދަ ކަމެއް ދިމާވުމަކީ ވެސް ކޮރިނިކް ސްޓްރެސްއަށް މަގުފަހި ވެދާނެކަމެކެވެ. މިފަދަ ސްޓެރެސް ދިމާވާ މީހުންނަށް ސްޓްރޯކް ނުވަތަ ހާޓްއެޓޭކް ޖެހުމުގެ ފުރުސަތު ބޮޑެވެ. އަދި ބައެއް ފަހަރު މި ބާވަތުގެ ސްޓްރެސް ހުންނަ މީހުންނަށް އަމިއްލައަށް މަރުވުމުގެ ޚިޔާލުވެސް އާދެއެވެ.
ގިނަ ފަހަރަށް ދިގު މުއްދަތަކަށް ސްޓެރެސްވާ ކަންކަން މެދުވެރިވަނީ އިންސާނާއަށް ދިމާވާ ނާޒަކު ހަލާތްތައް ނުވަތަ ދިމާވާ ހާދިސާއެއްގެ ސަބަބުންނެވެ. މިސާލަކަށް އެކްސިޑެންޓެއް ނުވަތަ ޖިންސީ ނުވަތަ ޖިސްމާނީ އަނިއާއެއް ލިބުންފަދަ ކަންކަމެވެ. މިފަދަ ހާލާތްތަކަށް ކިޔާ ނަމަކީ ޕޯސްޓް ޓްރޯމެޓިކް ސްޓްރެސް ޑިސްއޯޑަރ އެވެ.
ސްޓްރެސް އޮތް ހައްލަކީ ކޮބާ؟
ޑޮކްޓަރަކު ނުވަތަ ސިއްހީ މާހިރަކު ސްޓްރެސް އަށް ފަރުވާ ކުރުމުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ ފަރުވާ ހޯދަން އަންނަ މީހާގެ ހާލަތް ވަޒަންކުރުމަށްފަހު އެ މީހާކާއި އެންމެ އެކަށޭނެ ފަރުވާއެއް ދިނުމަށެވެ. ސްޓްރެސް އަށް ފަރުވާ ހޯދުމަކީ އުނދަގޫ މަރުހަލާއެކެވެ. ތަފާތު އެކި ތެރަޕީ ތަކަކީ ސްޓްރެސް އަށް އަށް ފަރުވާ ހޯދުމަށް އަންނަ ފަރާރްތަކަށް އޮތް ކުޑަ ހައްލެކެވެ. އޭގެ ތެރޭގައި އަރޯމާ ތެރެޕީ ނުވަތަ ރިފްލެކްސޮލޮޖީ ހިމެނެއެވެ.
ސްޓްރެސްވާ މީހުންނަށް ކުރެވިދާނެ ބައެއް ފަސޭހަ ކަންކަމަކީ ކޮބާ؟
ކަސްރަތު ކުރުން
ސިއްހީ މާހިރުން އިރުޝާދުދެއްވާ ގޮތުގައި ކަސްރަތު ކުރުމަކީ އިންސާނާ ސްޓެރެސްއާއި ދުރުގައި ބެހެއްޓުމަށް މަގުފަހި ކުރުވާކަމެކެވެ.
ދުޅަހެޔޮ ކާނާކެއުން
ދުޅަހެޔޮ ކާނާ ކެއުމަކީވެސް ސްޓްރެސް އާއި ދުރުވުމަށް އެޅިގެންދާނެ ފިޔަވަޅެކެވެ.
ތަރުތީބް ދިރިއުޅުމެއް އުޅުން
އިންސާނާގެ ދިރިއުޅުމުގެ ހުރިހާ ކަމެއް ތަރުތީބުވެފައި ހުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. ތިމާގެ ދިރިއުޅުމުގެ މިސްރާބް ވަކި މަންޒިލަކަށް ވާސިލުވުމަށް އަޒުމް ކަނޑައަޅަށް އެމަންޒިލަށް ވާސިލްވުމަށް މަސައްކަތް ކުރުމަކީ އެ މީހަކަށް ކުރުމަތިވާނެ ދަތިތަކާއި ވިސްނަންޖެހޭ ވިސްނުން މަދުވާނެ ކަމެކެވެ.
އަރާމް ކުރުން
ރަނގަޅަށް ނޭވާލައި އަރާމްކުރުމަކީ ސްޓްރެސް އަށް އޮތް ހައްލެކެވެ. މި ކަން ކުރުމުގެ ސަބަބުން ހަށިގަނޑުގެ އިތުރަށް ނަފްސުވެސް ތާޒާކޮށް ފިކުރުތަކާއި ދުރުކޮށްދެއެވެ.
ވާހަކަ ދައްކާ މުއާމާލާތްކުރުން
ސްޓްރެސް ވާފަދަ ކަމެއް ދިމާވުމުން އެފަދަ ހާލަތެއްގައި އެންމެ މުހިއްމު ކަމަކީ އިތުބާރު ހިފޭ މިހާކާއި ވާހަކަދެއްކުމެވެ. އެފަދަ ހާލާތުގައި އެންމެ އިތުބާރު ހިފޭ ފަރާތްތައް ކަމުގައި ސިއްހީ މާހިރުން ޤަބޫލުކުރަނީ މައިންބަފައިން، އަނބިމީހަ ނުވަތަ ފިރިމީހާއެވެ. އެހެންނޫންނަމަ ހެޔޮއެދޭ ރަހުމަތްތެރިއެއްވެސް ފުދެއެވެ.
އަޅުކަން ކުރުން
ސްޓްރެސް އާއި ފިކުރުތަކުން ދުރުކޮށްދޭ އެންމެ މުހިއްމު އެއްކަމަކީ އަޅުކަމާއި ގާތްވުމެވެ. ނަމާދު ކުރުމާއި ކީރިތި ޤުރުއާން ކިޔެވުމަކީ ނަފްސް އެންމެ ބޮޑަށް ތާޒާކޮށްދޭ ކަމެކެވެ. ދަތި އެއްވެސް ހާލަތެއް މެދުވެރިވެއްޖެނަމަ އަބަދުވެސް މާތްﷲ ހަޒަރަތުގައި ދުޢާ ދަންނަވައި އެކަލާނގެއާއި ދެމެދުގައިވާ ގުޅުން ބަދަހިކުރުމަކީ ސްޓްރެސްއަށް އޮތް އެންމެ ބޮޑު ފަރުވާއެވެ.
ސްޓްރެސް ވުމަކީ މައްސަލައެއް ނޫނެވެ. އެކަމަށް ފަރުވާ އެބައޮތެވެ. ސްޓްރެސްގެ ނަމުގައި ނޭއްގާނީ ކަންކަމަށް އަރައިގަނެ ނަފްސްގެ އަގު ވައްޓާލުމަކީ އޮތް ހައްލެއް ނޫނެވެ. ވިސްނާށެވެ. ބުއްދީގެ ބޭނުން ކުރާށެވެ.
މިލުޔުމަށް މައުލޫމާތު ހޯދުމަށް އެހީ ހޯދި ފުރަތަމަ މަސްދަރަކީ (ޕްރައިމަރީ ސޯސް) މެޑިކަލް ނިއުސް ޓްޑޭ ވެބްސައިޓެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް