ޖުލައި މަހުގެ 29 ވާ އާދިއްތަ ދުވަހަކީ ސަރުކާރު ރަސްމީ ބަންދު ދުވަހެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޣައްޔޫމް ނިންމަވާފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހީމް މުއާޒު އަލީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އާދިއްތަ ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ނިންމެވީ މިނިވަންދުވަހުގެ މުނާސަބަތާ ގުޅިގެން ބާއްވާ ކުޅިވަރުގެ ހެވިކަމުގެ ރަސްމިއްޔާތު، ޖުލައި 28 ވާ ހޮނިހިރު ދުވަހުގެ ރެޔަށް ފަސްކުރެވިފައިވާތީ، އެހަރަކާތުގައި ސްކޫލްތަކުގެ ދަރިވަރުންނާއި ސަރުކާރު މުވައްޒަފުން ބައިވެރިވާތީ ، މުވައްޒަފުންނާއި ދަރިވަރުންނަށް ލުއި ފަސޭހަކަމެއް ދިނުމަށްޓަކައެވެ.
އެހެންކަމުން ސަރުކާރު އޮފީސްތައް ދެން ހުޅުވޭނީ ޖުލައި 30 ވާ ހޯމަ ދުވަހުކަމަށް މުއާޒު ކުރެއްވި ޓްވީޓްގައި ވެއެވެ.
މިނިވަންދުވަހާއި ގުޅިގެން ބާއްވާ ކުޅިވަރުގެ ހަރަކާތްތައް ކުރިން ބޭއްވުމަށް ނިންމާފައިވަނީ މިރެއެވެ. ނަމަވެސް ހޯމް މިނިސްޓްރީން ވަނީ ފަހުން އެ ހަރަކާތް ހޮނިހިރު ދުވަހުގެ ރެއަށް ފަސްކޮށްފައެވެ. މީގެއިތުރުން މިނިވަން ދުވަހާ ގުޅުވައިގެން އެމް.އެން.ޑީ.އެފުން ބޭއްވުމަށް ހަމަޖެއްސި ޝަރަފުގެ ހިނގާލުން މިހާރު ވަނީ ކެންސަލްކޮށްފައެވެ. ކުރިން ޝަރަފުގެ ހިނގާލުން ބޭއްވުމަށް ހަމަޖެހިފައި އޮތީ މާދަމާ އެވެ. ނަމަވެސް ކުޅިވަރުގެ ހަރަކާތްތައް މާދަމާ ރެއަށް ފަސްކުރުމާއި ގުޅިގެން ޝަރަފުގެ ހިނގާލުން ކެންސަލްކޮށްލީ ކަމަށް އެމް.އެން.ޑީ.އެފުން މަޢުލޫމާތު ދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް