ކުޅުދުއްފުށީގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ގެންގުޅޭ ފަރާތްތަކަށް ފިޔަވަޅު އަޅަނީ

ކުޅުދުއްފުށީ ސިޓީގައި ގަވައިދާ ހިލާފަށް މަސައްކަތް ކުރާ ބިދޭސީން ގެންގުޅޭ މީހުންނާއި ވިޔަފާރިވެރިންނަށް ފިޔަވަޅު އަޅާނެ ކަމަށް އެ ސިޓީ ކައުންސިލުން ބުނެފި އެވެ. އެ ކައުންސިލުން ނެރެފައިވާ ބަޔާނެއްގައި...

28 Jun 2020 | 12:28

ކުޅުދުއްފުށީ ސިޓީގައި ގަވައިދާ ހިލާފަށް މަސައްކަތް ކުރާ ބިދޭސީން ގެންގުޅޭ މީހުންނާއި ވިޔަފާރިވެރިންނަށް ފިޔަވަޅު އަޅާނެ ކަމަށް އެ ސިޓީ ކައުންސިލުން ބުނެފި އެވެ.

އެ ކައުންސިލުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ބިދޭސީންގެ ދަފްތަރު އެކުލަވާލުމާއި އެނޫންވެސް ކަންކަމުގައި މައުލޫމާތު އެއްކުރާއިރު އެ ސިޓީގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން މަސައްކަތް ކުރާ ކަމާއި އެފަދަ މީހުން ގެންގުޅޭ ވިޔަފާރިތަކާއި އަމިއްލަ މީހުން ފާހަގަވެފައިވާ ކަމަށެވެ. އަދި ގަވައިދުން އުޅޭ މީހުންގެ ތެރޭގައިވެސް ކައުންސިލްގައި ރަޖިސްޓްރީ ނުކުރާ ބިދޭސީން މަސައްކަތް ކުރަމުންދާ ކަމަށް ބުނެފައިވެ އެވެ.

ކައުންސިލްގެ ބަޔާނުގައި ބުނެފައިވާގޮތުގައި ދަފްތަރުގައި ރަޖިސްޓްރީ ނުވާ މީހުން އަންނަ މަހުގެ ދެ ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރީ ވާން ޖެހޭނެ ކަމަށެވެ. ފޯމު އެ ސިޓީ ކައުންސިލުން ލިބޭނެ ކަމަށް ބުނެ އެވެ.

ކައުންސިލުގެ އެންގުމާއި ހިލާފަށް ކުޅުދުއްފުށީގައި ބިދޭސީ މަސައްކަތްތެރިން ގެންގުޅޭ ވިޔަފާރިތަކާއި، ކުންފުނި، އަމިއްލަ ފަރާތްތައް އަދި ބިދޭސީ މަސައްކަތް ތެރިން ދަފްތަރު ކުރުމަކާ ނުލައި ގަވައިދާ ހިލާފަށް ގެންގުޅޭ ގެތަކުގެ ވެރި ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ކައުނސިލުން ބުންޏެވެ.

އެގޮތުން މައްސަލައިގެ ކުޑަބޮޑުމިނަށް ބަލައި500 ރުފިޔާ އާއި5،000 ރުފިޔާ އާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެ ކަމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނެ އެވެ.

އެ ކައުންސިލުން ބުނީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނާއި ދަފްތަރުގައި ރަޖިސްޓްރީ ނުކުރާ ބިދޭސީން ކައުންސިލަށް ރިޕޯޓު ކުރުމަށް މީގެ ކުރިންވެސް އެތައް ފަހަރަކު އެންގިފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް