ކޮއްކޮ ޝައިމް އެވެ. އެއްވެސް ކުއްޖަކީ ގޯސް ކުއްޖެއް ނޫނެވެ. ގޯސްވާނީ އެ ކުރެވޭ އަމަލެކެވެ.

ކޮއްކޮ ޝައިމް އެވެ. މިއަދު ނޫސްތަކުގެ ފަލަ ސުރުހީގައި ހަމަ ކޮންމެ ދުވަހަކު ފަދަ ގޮތަކަށް ކޮއްކޮގެ ހަބަރެއް އެބަ ގެނެސްދެވެއެވެ. އެއީ ކޮއްކޮ ގެއްލިގެން ހޯދަމުން އަންނަ ވާހަކައެވެ. އަދިވެސް ނުފެންނަ ވާހ...

28 Jun 2019 | 02:24

ކޮއްކޮ ޝައިމް އެވެ. މިއަދު ނޫސްތަކުގެ ފަލަ ސުރުހީގައި ހަމަ ކޮންމެ ދުވަހަކު ފަދަ ގޮތަކަށް ކޮއްކޮގެ ހަބަރެއް އެބަ ގެނެސްދެވެއެވެ. އެއީ ކޮއްކޮ ގެއްލިގެން ހޯދަމުން އަންނަ ވާހަކައެވެ. އަދިވެސް ނުފެންނަ ވާހަކަ އެވެ. ހޯދުމަށް ފުލުހުން އެކި ތަންތަން ބަލާ ފާސް ކުރަމުން އަންނަ ވާހަކަ އެވެ. ކޮއްކޮގެ މާޒީއާއި ބެހޭ ބައެއް ވާހަކަތައްވެސް މެއެވެ.

މި މަހުގެ 20 ވަނަ ދުވަހުގެ ރޭ ފުލުހުން ކޮއްކޮގެ ކުޑައިރު ފޮޓޯއަކާއެކު ހާމަކުރި ހަބަރެއްގައި ބުނެފައިވަނީ އުމުރުން 14 އަހަރުގެ ކުއްޖަކު ގެއްލިގެން ހޯދަމުން އަންނަ ކަމަށެވެ. އެ ފޮޓޯގެ އިތުރުން އެ ދުވަހު ފުލުހުން އާންމުކުރީ ކޮއްކޮގެ ނަމާއި ދަފްތަރު ނަމްބަރު އެކަންޏެވެ.

އޭރު ނޫސްވެރި މި ބޭބެމެން ހީކުރީ ތިޔަވަރުގެ ކުދިން، އާއިލާއާއި މައްސަލަޖެހި އާއިލާއަށް ފިލާ ބީދައިން ކޮއްކޮވެސް ފިލީ ކަމަށެވެ. އެހެންވެ މާ ފުނަށް ކޮންނަން ނޫޅެ، ހުރިހާ ނޫހެއްގައިވެސް ހަމަ އެކަނި ސުރުހީ ޖަހާލުމަށްފަހު ފުއްދާލީއެވެ. ނަމަވެސް ގެއްލިގެން ހޯދަމުން އަންނަތާ ހަތަރު ދުވަސް ވީ އިރުވެސް ކޮއްކޮ ނުފެނުމުން، ނޫސްވެރިންވެސް ކަންބޮޑުވާން ފެށިއެވެ. ފުލުހުން ކަންތައްތަކެއް މިކަމުގައި ފޮރުވަނީ ކަމަށް ޝައްކުގެ ނަޒަރަކުން ނޫސްވެރިންވެސް ދެކެން ފެށިއެވެ. އަދި ސުވާލު ގިނަ ކުރަން ފެށިއެވެ.

ކޮއްކޮއަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ހުރެފައި ފިލައިގެން އުޅޭ ކުއްޖެއްކަން ނޫސްވެރިންނަށް ތިލަ ވާން ފެށީ ނޫސްތަކުގައި ލިޔުނު ހަބަރުތަކަށް ލިބެންފެށި ކޮމެންޓްތަކުންނާއި ޖުވެނައިލް ކޯޓުން، ތަނެއް ބަލައި ފާސް ކުރުމަށް ނެރުނު އަމުރެއްގެ ކޮޕީއެއް މީޑިއާތަކަށް ތިލަވި ހިސާބުންނެވެ.

އެ ހިސާބުން ނޫސްވެރިން ޖެންޑަރ މިނިސްޓްރީއަށް ގުޅައި އެކަމުގެ ހަގީގަތް ބަލަން މަސައްކަތް ފެށިއެވެ. ނަމަވެސް ޖެންޑަރ މިނިސްޓްރީން އޭރު ބުނަމުން ދިޔައީ ކޮއްކޮ އަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖެއް ނޫން ކަމަށެވެ.

ޖެންޑަރ މިނިސްޓްރީން ފުރަތަމަ އެހެން އެ ބުނީ ކޮއްކޮގެ ކަންތައްތަކެއް ހިމާޔަތް ކުރުމަށް ކަމުގައިވެސް ވެދާނެއެވެ. އެއީ ކޮއްކޮގެ ހަޔާތުގެ ކަންކަން އެންމެ ރަނގަޅަށް އެނގޭނެ ބަޔަކީ އެ މިނިސްޓްރީ ކަމުގައި ވުމުންނެވެ. ނަމަވެސް ފުލުހުން ކޮއްކޮ ހޯދަން އިއުލާނު ކުރި އިރު އެންމެ ކުޑައިރުގެ ފޮޓޯއެއް އާއްމު ކުރީ ކީއްވެކަމެއް ނޭނގެއެވެ. ފަހުން ކޮއްކޮގެ ފަހުގެ ފޮޓޯއެއް އާއްމު ކުރިވެސް މެއެވެ.

ކޮއްކޮ އަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ ގެއްލުނު ކުއްޖެއް ކަމަށް ޖެންޑަރ މިނިސްޓްރީން ފަހުން އެއްބަސްވިއެވެ. އަދި ކޮއްކޮ އަކީ ކުށުގެ ވެށިން ދައުލަތުގެ ބެލުމުގެ ދަށަށް ގެނައި ކުއްޖެއް ކަމަށްވެސް ބުންޏެވެ.

އެއަށްފަހު ކޮއްކޮގެ ވާހަކައަށް ހަމަ ކޮންމެ މީޑިއާއަކުންމެ ހާއްސަ އިސްކަމެއް ދީ އެތައް އެތައް ސުވާލުތަކެއް ކުރިމަތި ކުރުވަމުން ދިޔައެވެ. އެ ޕްރެޝަރަށް ކެތް ނުވާ ހިސާބަށް ދިއުމުން ޖެންޑަރ މިނިސްޓަރު ޝިދާތާ މީޑިއާއާއި ބައްދަލުކޮށް ކޮއްކޮ އާއި ބެހޭ ލައްކަ ގިނަ ވާހަކަތައް މީޑިއާއަށް ތިލަވެސް ކޮށްދީފިއެވެ. ކޮއްކޮގެ ހިތްދަތި ދިރިއުޅުމުގެ ވާހަކައެވެ. ކޮއްކޮ ކުށުގެ ވެށީގައި އުޅޭ ވާހަކަ އާއި މީގެ އިތުރުންވެސް ކޮއްކޮގެ އެތައް އެތައް ޒާތީ ވާހަކައެއް މިނިސްޓަރު ޝިދާތާ ހާމަކުރެއްވިއެވެ. މީޑިއާގެ ޕްރެޝަރަށް އަދި އާންމުން އުފައްދާ ސުވާލުތަކަށް ތަސައްލީއެއް ގެންނަން މިނިސްޓަރު ބޭނުންފުޅުވީ ކަމަށް ވެދާނެއެވެ. މަގާމު ދިފާއު ކުރެއްވުމަކީވެސް ސަބަބެއް ކަމަށް ހަމަ ވެދާނެއެވެ.

-----------------------

ކޮއްކޯ އެވެ. ނޫސްތަކުގެ ފަލަ ސުރުހީން މިއަދު ކޮއްކޮއަށް ޖާގަ އެ ދެވެމުން ދަނީ ގެއްލިގެން އުޅޭ ކުއްޖެއްގެ ގޮތުގައެވެ. ކުށުގެ ވެށީގައި އުޅުމަށްފަހު ފިލައިގެން އުޅޭ ކުއްޖެއްގެ ގޮތުގައެވެ.

ނަމަވެސް އެހީ ހަމަ އެންމެ ފުރިހަމަ ހަގީގަތަކަށް ނުވެދާނެ އެވެ.

ކޮއްކޯ އެވެ. ކޮއްކޮ އާއި ގުޅޭގޮތުން ލިޔެވެމުން އަންނަ ހަބަރުތަކާއި ލިޔުންތައް ކޮއްކޮ ކިޔަމުން ދާނެ ކަމުގައި ބޭބެ ދެކެމެވެ. މި ލިޔުންވެސް ކިޔާލުން އެދެމެވެ. ތަންކޮޅެއް ދިގުވުންވެސް އެކަށީގެންވެއެވެ.

ކޮއްކޯ އެވެ. ދުނިޔެއަށް ކޮއްކޮ އެންމެ ފުރަތަމަ އައީ އެތައް މިލިޔަން ފަންޏަކާއި ރޭސް ޖެހުމަށްފަހު އެ ރޭސް ކާމިޔާބު ކޮށްގެންނެވެ. އެއީ ހަޔާތުގެ އެންމެ ފުރަތަމަ ރޭހެވެ. ހަޔާތުގެ އެންމެ ފުރަތަމަ ކާމިޔާބީއެވެ.

އެހެން ނަމަވެސް ކޮއްކޮ މުޖްތަމައަށް އުފަންވި މާހައުލަކީ ކުޑަ ކުއްޖަކު ރަނގަޅުގޮތުގައި ތަރުބިއްޔަތުވެ ބޮޑުވުމަށް އެންމެ ރަނގަޅު މާހައުލު ކަމުގައި ނުވެދާނެއެވެ. ގޭތެރޭގެ މާހައުލުން ފެންނަމުންދިޔަ މަންޒަރުތަކާއި އަޑު ތަކަކީ ކޮއްކޮގެ ތަރުބިއްޔަތަށް ނޭދެވޭ އެތަކެއް އަސަރެއް ކުރި އަޑުތަކާއި މަންޒަރުތަކެއް ކަމަށް ވެދާނެއެވެ.

މަންމަ އާއި ބައްޕަ އަދި އާއިލާގެ ފަރާތުން ލިބުނު އަޅާލުމާއި އޯގާތެރި ކަމަކީ އެންމެ ކުޑަ އިރު ކޮއްކޮގެ އެ ލޮއީފު ހިތް އެދޭ މިންވަރާއި ކުޑަކޮށް ނަމަވެސް ގާތް ކުރާ މިންވަރުކަމަށް ނުވެދާނެއެވެ. ނޫން ނަމަ އެ ލޯތްބާއި އޯގާތެރިކަން ހަމަ އެއްގޮތަކަށް ކޮއްކޮއަށް ނުލިބި ދިޔައީ ކަމަށްވެސް ވެދާނެއެވެ.

ބޮޑުވަމުން އަންނައިރު ކޮންމެ ކުއްޖަކާވެސް ނުރަނގަޅު ރަށްޓެހިންނާއި ދިމާވާނެއެވެ. އަދި އެފަދަ ރައްޓެހިންގެ ފަރާތުން ނުރަނގަޅު އާދަތަކަށް ދައުވަތުވެސް ލިބެމުން ދާނެއެވެ. އެއީ ދުނިޔެ ދެކެމުން އަންނަ ހަގީގަތެވެ. އެކަމުގައި ކޮއްކޮގެ ހަމަ ކުޑަ ނަމަވެސް ކުށެއް ނެތެވެ.

ކޮއްކޮއަށް އެނގޭ ހެއްޔެވެ. އެންމެ ދެ އަހަރުގެ ކުއްޖެއް ގާތު، ދަރިފުޅު ތިޔަ ހުރީ ނެޕީއަށް "ޕުއްޕު" ލައިގެންތޯ މަންމަ ސުވާލުކޮށްލުމުން އެ ދަރިފުޅު ބޯ ހޫރާލާފައި ނޫނެކޭ ބުނެ ދޮގު ހަދަނީ އެ އުމުރުގައި ދޮގު ހަދަން ދަސްކޮށްދޭތީކީ ނޫނެވެ. އެއީ އެ އުމުރުގައި އެ ކުއްޖާ އެންމެ ބޭނުންވާ އެއް ކަމަކަށް ވާނީ އަބަދުވެސް ކޮންމެވެސް "އެކްސައިޓިންގ" ކަމެއް ކުރުން ކަމަށްވެފައި، "ޕުއްޕު" ދޮންނަށް ދާ ވަގުތަކީ އެ ކުއްޖާއަށް ކުޑަ ނަމަވެސް އުނދަގުލެއް ކުރިމަތިވާނެ ކަމެއް ކަމުގައިވާތީ އެކަމުން ރެކުމުގެ ގޮތުންނެވެ.

ދެ އަހަރުގެ ކުއްޖާވެސް މެންޓަލް ޕެއިން، ފިޒިކަލް ޕެއިން ނުވަތަ ހިތް ނޭދޭ ކޮންމެ ކަމެއް އެވޮއިޑް ކުރަނީ އެކަމުގެ ބަދަލުގައި މަޖާ، އުފާ ނުވަތަ އަރާމު ބޭނުންވާތީ އެވެ. އަބަދުވެސް "އެކްސައިޓިން" ކަންކަމުގައި ވަގުތު ހޭދަކުރަން ބޭނުންވާތީ އެވެ.

ހަމަ އެ ބީދައިން ސިނގިރޭޓު ބޯ މީހުންނާއި، މަސްތުވާތަކެތި ބޭނުން ކުރާ މީހުން އެކަންކަން ކުރަނީކީ އެ ތަކެތިން މާ މީރު ރަހައެއް ލާތީކީ ނޫނެވެ. ތިމާގެ މެންޓަލް ޕެއިންއަށް ލުޔެއް ލިބޭތީ އެވެ. ކަންކަމުގައި ބޯ ގޮއްވަން ބޭނުން ނުވާތީ އެވެ. އިހުސާސު ކުރެވޭ ތަދުން ސަލާމަތްވާތީ އެވެ. ނަމަވެސް އެ އަމަލުތަކުގެ ކަނޑަށް ކޮންމެ މީހަކުވެސް ޢަރަގުވެގެން ދަނީ ނޭނގޭ ހާލުގައެވެ. ޢަރަގުވެ ދަނީ ސަލާމަތް ނުވެވޭ ހިސާބަށެވެ.

ކޮއްކޯ އެވެ. ކޮއްކޮގެ ހަޔާތުގައި ކަން ދިމާވި ގޮތުން، ކޮއްކޮގެ މައިން ބަފައިން ކޮއްކޮ އާއި މެދު އަމަލު ކުރި ގޮތުން، ކޮއްކޮގެ އާއިލާއިން ކޮއްކޮއަށް އަޅާނުލުމުން އޭގެ ނަތީޖާއެއްގެ ގޮތުން ކޮއްކޮއަށް ނުރަނގަޅު މަގު ހިޔާރު ކުރަން މަޖުބޫރު ވީ ކަމަށް ވެދާނެއެވެ. ނުރަނގަޅު ރަހުމަތްތެރިން ހިޔާރު ކުރަން މަޖުބޫރު ކުރުވީ ކަމަށް ވެދާނެއެވެ.

ކޮއްކޯއެވެ. ކޮއްކޮގެ އުމުރުން އަދި އެންމެ 14 އަހަރެވެ. ރާއްޖޭގެ ލައިފް އެކްސްޕެކްޓެންސީ އަކީ 77 އަހަރު ކަމުގައިވާއިރު އެ ނަޒަރުން ބަލަނީ ނަމަ ކޮއްކޮގެ ހަޔާތުގައި އަދި 63 އަހަރު އެބަ އޮތެވެ. އެއީ 22995 ދުވަހެވެ. އެއީ 551880 ގަޑި އިރެވެ.

ބޭބެގެ އެދުމަކީ މި ލިޔުން ކިޔާލުމަށްފަހު ވަގުތު ކޮޅަކު އެކަނިވެލާ، ދުނިޔޭގެ ހުރިހާ ކަމަކުން ދުރުވެލާ، ކޮއްކޮގެ ހަޔާތާއި މެދު ވިސްނާލުމެވެ. ކަންކަން ވީ ގޮތާއި ވެގެން ދިޔަ ގޮތާއިމެދު ވިސްނާލުމެވެ. އަދި މިއަދުން ފެށިގެން ކޮއްކޮއަކީ ބަސް އަހާ ކުއްޖެއް ކަމުގައިވެ ދުވަހެއް ދުވަހަކަށް ހަޔާތް އާރާސްތު ކުރާނެ ކަމުގެ އަޒުމް ކަނޑައެޅުމެވެ. ނަމާދު ކުރަން ފެށުމެވެ. ދީނާއި ގާތްވެ ދުނިޔަވީ ވަގުތީ އުފާތަކާއި ދުރަށް ދާން މަސައްކަތް ކުރުމެވެ.

ތަކުރާރުކޮށްލަމެވެ. ކޮއްކޮ އަކީ ގޯސް ކުއްޖެއް ނޫނެވެ. ގޮސް ވިއްޔާ ވާނީ ކޮއްކޮ ކުރި ނަމަ ކުރި ކަމެކެވެ. އެކަމަކުން ކޮއްކޮ ދުރުވެލީމާ އެ ހިސާބުން ކޮއްކޮ އަކީ ރަނގަޅު ކުއްޖަކަށް ވީއެވެ.

ކޮއްކޮ އަށްވެސް މި މުޖްތަމައުގައި ފުރުސަތު އެބަ އޮތެވެ. މިއަދު ގެއްލިގެން ހޯދާ ކުއްޖެއް ކަމުގައި ފަލަ ސުރުހީ އަށް އެރި ނަމަވެސް މާދަމާ ގައުމަށް ހިދުމަތެއް ކޮށްދިން، ނުވަތަ ދިރިއުޅުމުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދަމުންދާ މީހެއްގެ ގޮތުގައި ފަލަ ސުރުހީން ޖާގަ ހޯދުމުން ފުރުސަތު ކޮއްކޮއަށް އެބަ އޮތެވެ. ހަމަ އެކަނި ކޮއްކޮއަށް އެކަންޏެއް ނޫނެވެ. ހަމަ ކޮންމެ މީހަކަށްވެސް އެ ފުރުސަތު އެބަ އޮތެވެ.

ކާމިޔާބީ އަކީ ވަކި މީހަކަށް ވަކި ކުއްޖަކަށް އޮތް އެއްޗެއް ނޫނެވެ. ގަދަ އަޅާ މަސައްކަތް ކުރާ ހަމަ ކޮންމެ މީހަކަށްމެ ކާމިޔާބީ އަކީ ހައްގު އެއްޗެކެވެ. ބޭބެ އެދެނީ ކޮއްކޮގެ ހަޔާތުގައިވެސް ކާމިޔާބީ އަށެވެ. އަދި ބޭބެގެ އުންމީދަކީ ޝައިމް އަކީ ގައުމަށް އަލިކަން ގެނެސްދޭނެ "ޝައިނިންގ ސްޓަރ" އަކަށް ވާނެ ދުވަހަކަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް