ޖުމްހޫރީ ޕާޓީގެ ލީޑަރުގެ މަސްއޫލިއްޔަތުތައް އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު ޑރ ހުސައިން ރަޝީދު ހަސަން އާއި ހަވާލު ކުރަން އެ ޕާޓީގެ ކައުންސިލުން ފާސްކޮށްފި އެވެ.
މިގޮތަށް ފާސް ކުރީ ޖޭޕީގެ ތިންވަނަ ކޮންގްރެސްގައި އަސާސީ ގަވާއިދަށް ގެނައި އިސްލާހަކާއި ގުޅިގެންނެވެ. އެއީ އެ ޕާޓީގެ ލީޑަރު ނެތް ހާލަތެއްގައި ޕާޓީގެ އެންމެ އިސް ބޭފުޅަކީ ކައުންސިލުން ކަނޑައަޅާ ޑެޕިއުޓީ ލީޑަރު ކަމަށް ކޮންގްރެސްގައި ކަނޑައެޅުމުންނެވެ.
ޖޭޕީ އުފެދުނީންސުރެ އެ މަގާމު އަދާ ކުރައްވަމުން ގެންދެވީ އެ ޕާޓީގެ ފައުންޑަރު ގާސިމް އިބްރާހީމެވެ. އެކަމަކު ތިން އަހަރުގެ ޖަލު ހުކުމެއް އިއްވަވާފައި ވާތީ މިފަހަރުގެ ކޮންގްރެސްގައި އެ މަގާމަށް އޭނާ ވާދައެއް ނުކުރައްވަ އެވެ. އެހެންވެ އެއްވެސް ބޭފުޅަކު އެ މަގާމަށް ކުރިމަތި ނުލާތީ ލީޑަރުގެ މަގާމު އޮތީ ހުސްކޮށެވެ.
މިރޭ ބޭއްވި ޖޭޕީގެ ކައުންސިލް ބައްދަލުވުމުގައި، ވަގުތީ ގޮތުން އެ ޕާޓީގެ އެންމެ އިސް ބޭފުޅަކީ ޑރ. ހުސެއިން ކަމަށް ހަމަޖެއްސުމަށް ހުށަހެޅުއްވީ އަހުމަދު ރަމީޒެވެ. އެކަމަށް ތާއީދު ކުރެއްވީ ގާސިމްގެ ހަގު އަނބިކަނބަލުން އާއިޝަތު ނަހުލާ (އާއިޝާ) އެވެ. މިގޮތަށް ފާސްކުރީ މިރޭ އޮތް ކައުންސިލް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 36 މެންބަރުންގެ އަގުލަބިއްޔަތުންނެވެ.
ޑރ ހުސައިން އަކީ ޖޭޕީ އުފެދުނީންސުރެ އެ ޕާޓީގައި ހަރަކާތްތެރިވަމުން ގެންދަވާ ބޭފުޅެކެވެ. އެކަމަކު އެމްޑީޕީ ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި ދުވަސްވަރު އެމްޑީޕީއަށް ސޮއި ކުރައްވައިގެން އުޅުއްވުމަށް ފަހު ފަހުން އަނެއްކާވެސް ޖޭޕީ އާއި ގުޅިވަޑައިގެންނެވި އެވެ.
ޑރ. ހުސައިން އެ ޕާޓީގެ ޑެޕިއުޓީ ލީޑަރަކަށް ހޮވިވަޑައިގެންފަވަނީ ދެ ވަނަ ދައުރަށެވެ. މިފަހަރުގެ ކޮންގްރެސްގައި އޭނާ ޑެޕިއުޓީ ލީޑަރު ކަމަށް ހޮވިވަޑައިގެންނެވީ 224 މެންބަރުންގެ ވޯޓާއި އެކު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް