މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓު ފޮށި ބަހައްޓާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ހޯދަން އިއުލާނުކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ މިއަހަރުގެ އިންތިހާބުގައި ވޯޓު ފޮށި ތަކުގެ ކައިރީ ތިބޭ އޮފިޝަލުން ވާން ޖެހޭނީ އެއްވެސް ސިޔާސީ ޕާޓީއެއްގެ ދަފްތަރުގެ ރަޖިސްޓްރީގައި ނެތް މީހަކަށް ކަމަށެވެ. އެމީހަކީ އޮފިޝަލެއްގެ ގޮތުގައި މަސައްކަތް ކުރެވޭވަރުގެ ތައުލީމާއި ތަޖުރިބާ ހުރި މީހަކަށް ވާންޖެހޭ އިރު ސިއްހީ ގޮތުން ގާބިލް މީހަކަށް ވާންޖެހެ އެވެ.
މީގެ އިތުރުން ކެންޑިޑޭޓެއްގެ ނުވަތަ ސިޔާސީ ޕާޓީއެއްގެ ކެމްޕެއިންގައި އަމަލީ ގޮތުން ބައިވެރިވާ މީހަކަށް ވެގެން ނުވެ އެވެ. އޮފިޝަލުންނަށް ވުމަށް އެދޭ ފަރާތްތަކަކީ ކެންޑިޑޭޓެއްގެ މަންމައެއް، ބައްޕައެއް، ދަރިއެއް، އަންބެއް، ފިރިއެއް، އެއްބަނޑުއެއްބަފާ، އެއްބަނޑު ނުވަތަ އެއްބަފާ މީހަކަށް ވެގެން ނުވެ އެވެ.
ޖިނާއީ ހުކުމެއް ތަންފީޒު ކުރަމުން ދާ މީހަކަށް އޮފިޝަލަށް ވުމަށް އެދި ފޯމު ހުށައެއް ނޭޅޭނެ އެވެ. އީސީން ބުނީ އޮފިޝަލަކަށް ވުމަށް އެދި ފޯމް ހުށަހަޅާ މީހުންނަކީ އުމުރުން 18 އަހަރުވެ ފައިވާ މީހަކަށް ވާންޖެހޭނެ ކަމަށެވެ.
އުޖޫރައިގެ ގޮތުގައި ކަނޑައަޅާފައިވަނީ ވޯޓުލާ މަރުކަޒުގެ ވެރިއެއްގެ ގޮތުގައި ހަމަޖައްސާ މީހުންނަށް 1،500 ރުފިޔާ އެވެ. ވޯޓުލާ މަރުކަޒުގެ ވެރިޔާގެ އެހީތެރިންނަށް 1،200 ރުފިޔާ އެވެ، އަދި އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވާ މީހުންނަށް 1،000 ރުފިޔާ އެވެ. މީގެ އިތުރުން ރިޒާވް އޮފިޝަލަކަށް ހަމަޖައްސައިފި ނަމަ 500 ރުފިޔާ އެވެ.
އީސީން ބުނީ ފޯމް ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވެގެން އޮފިޝަލުންގެ ގޮތުގައި ކަނޑައެޅޭ މީހުންނަށްވެސް އިންތިހާބު އޮންނަ ދުވަހު ވޯޓު ފޮށި ކައިރީގައި ހަރަކާތްތެރިވެވޭނީ އެ ކޮމިޝަނުން ބާއްވާ ތަމްރީން ޕްރޮގްރާމް ފުރިހަމަ ކޮށްފި ނަމަ ކަމަށެވެ. އެ ތަމްރީން ޕްރޮގްރާމް އޮންނާނީ ސެޕްޓެމްބަރު މަހުގެ ތެރޭގައި ކަމަށް ބުންޏެވެ.
އޮފިޝަލުންނަށް ވާން ބޭނުންވާ ފަރާތްތަކުން މާލޭގައި ނަމަ ފޯމު ހުށަހަޅަން ޖެހެނީ އިލެކްޝަންސް ކޮމިޝަނުގެ އޮފީހަށެވެ. އަދި އަތޮޅު ތެރޭގައި ނަމަ ރަށު ކައުންސިލް އިދާރާތަކުގައި ގާއިމްކޮށްފައިވާ އިލެކްޝަންސްގެ ފޯކަލް ޕޮއިންޓަށެވެ. އީމެއިލް މެދުވެރިކޮށްވެސް ފޯމް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި އެވެ.
ފޯމް ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީހަކީ ޖުލައި 19 ވަނަ ދުވަހުގެ މެންދުރު ފަހު 3:00 އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް