ރިޔާސީ އިންތިހާބުގައި ވާދަކުރައްވަނީ ރައީސް ޢަބްދުﷲ ޔާމީން އަބްދުލް ޤައްޔޫން ބަލިކުރައްވާ ދިވެހި ރައްޔިތުން މޮޅުކޮށްދޭންކަމަށް އަންނަ ރިޔާސީ އިންތިހާބުގައި އަމިއްލަގޮތުން ވާދަކުރައްވާނެކަން ޢިއުލާންކުރައްވާފައިވާ އެލް.ޖީ.އޭގެ ކުރީގެ ނައިބު ރައީސް ޝުޖާޢު ހުސައިން ވިދާޅުވެއްޖެއެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން އޭނާ ވިދާޅުވީ އިންތިހާބުގައި މަކަރެއް ހެދުމުގެ ފުރުސަތު ދިވެހި ދައުލަތުގެ މުއައްސަސާތަކުގެ އިތުރުން ދިވެހި ރައްޔިތުންވެސް ނުދޭނެކަމަށެވެ. ރާއްޖެއަކީ ޑިމޮކްރެޓިކް ހަމަތަކަށް އިޙްތިރާމުކުރާ ރައްޔިތުންތަކެއްތިބި ޤައުމެއްކަން ފާހަގަކުރައްވާ ޝުޖާޢު ވިދާޅުވީ މިއިންތިހާބުގައި ރައީސް ޔާމީން ބަލިކުރާނެކަމަށާއި ރައްޔިތުން އޭނާ އިންތިހާބުވެސް ކޮށްދޭނެކަމަށެވެ. އަދި އޭނާ ވެރިކަމަށް އިންތިހާބުވުމަކީ ދިވެހި ރައްޔިތުން މޮޅުވުންކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިސަރުކާރުން ޒުވާނުންނަށް "ޙަޤީގީ" އެއްވެސްކަމެއް ނުކޮށްދޭކަމަށް ވިދާޅުވެ ޝުޖާޢުވަނީ މިސަރުކާރަށް ފާޑުވިދާޅުވެފައެވެ. "ކޮބައިތޯ މަޖިލީހުގެ ރުހުމާއެކު ފާސްކޮށް ރައީސް ޔާމީން ތަސްދިގުކުރެއްވި މުސާރާއިގެ އޮނިގަޑާއި ސިޔާސަތު ކަނޑައަޅަންޖެހޭ ޤާނޫނުން ޒުވާނުންނަށް ލިބުނު މަންފާ" ޝުޖާޢު ސުވާލުކުރެއްވެވިއެވެ.
ޝުޖާޢު އެދިވަޑައިގަންނަވަނީ އަންނަ އިންތިޚާބުގައި ހުރިހާ ބޭފުޅުންވެސް ސިޔާސީ އަދި ޒާތީ މަސްލަޙަތުތައް އެއްކިބާކޮށް މިޖީލުގެ މުސްތަޤްބަލަށްޓަކައި އަދި އަންނަން އޮތް ޖީލުގެ ޙައްގުގައި ދިވެހި ރައްޔިތުން އޭނާއަށް ތާއީދުކޮށްދެއްވުމަށެވެ.
23 ސެޕްޓެމްބަރ ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޙާބުގައި ވާދަކުރައްވާނެކަމަށް ޢިއުލާންކުރައްވާފައިވަނީ ޝުޖާޢުގެ އިތުރުން ރައީސް ޔާމީނާއި ރައީސް ނަޝީދާއި އަދި އުމަރު ނަސީރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް