ރިސޯޓްތަކަށް ކޭބަލް ޓީވީގެ ހިދުމަތްދޭ ކުންފުންޏެއް ކަމަށްވާ، އެކްސް ޕަވާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑު ބްރޯޑްކާސްޓިން ކޮމިޝަނުން ޖޫރިމަނާ ކުރި ކުރުމުގައި ގާނޫނީ ގޮތުން ގިނަ މައްސަލަތަކެއް ހުރި ކަމަށާއި އެކަން ބާތިލް ކުރަން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަަމަށް އެކުންފުނިން ބުނެފި އެވެ.
އެއް މިލިއަން ރުފިޔާއިން އެކްސް ޕަވާ ޖޫރިމަނާ ކޮށްފައިވަނީ ބްރޯޑްކޮމް އިން ރައިޓްސް ދީފައިނުވާ ޗެނަލް ތަކެއް ފޯރުކޮށްދީފައިވާ ކަމަށްބުނެ ނެވެ.
މިކަމާ ގުޅިގެން އެކްސް ޕަވާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބްރޯޑްކޮމް އިން އެކުންފުނި ބޮޑު އަދަދަކުން ޖޫރިމަނާ ކުރަން ނިންމެވި ނިންމުމަކީ އޭގައި ގާނޫނީ އެތައް މައްސަލައެއް ހުރި ބާތިލް ނިންމުމެއް ކަމަށެވެ. އެހެން ކަމުން އެ ނިންމުން ދިރާސާކޮށް ގާނޫނީ ހަމަތަކުގެ މަތިން ބާތިލްކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް އެ ކުންފުނީގެ ގާނޫނީ ވަކީލުންގެ ޓީމުން ކުރަމުންދާ ކަމަށް ބަޔާނުގައި ވެއެވެ.
އެކްސް ޕަވާއިގެ މަގުސަދަކީ އަބަދުވެސް ފޯރުކޯށްދޭ ހިދުމަތަކީ ރާއްޖޭގައި ފޯރުކޮށްދޭ އެންމެ ފެންވަރު ރަނގަޅު ހިދުމަތަށް ހެދުން ކަމަށެވެ. އެ މަގުސަދު ހާސިލް ކުރުމަށްޓަކައި އަބަދުވެސް މަސައްކަތް ކޮށްފައިވާނީ ބްރޯޑްކޮމްއިން ރީބްރޯޑްކާސްޓް ކުރުމާބެހޭ ގާނޫނީ އިމުގެ ތެރެއިން ކަމަށްވެސް ބަޔާނުގައި ހާމަކޮށްފައިވެއެވެ.
ބްރޯޑްކޮމް އިން އެކްސް ޕަވާ ޖޫރިމަނާ ކޮށްފައިވަނީ އެ ކުންފުންޏަށް ރައިޓްސް ދީފައިނުވާ ޗެނަލް ތަކެއް 11 ރިސޯޓް އަކަށް ދޫކޮށްފައިވާތީ އެވެ. ޖޫރިމަނާ ފައިސާއަށްވާ ޖުމްލަ 1،046،000ރ. 30 ދުވަހުގެ ތެރޭގައި ކޮމިޝަނަށް ދެއްކުމަށްވެސް ވަނީ އެކްސް ޕަވާގެ މައްޗަށް އަމުރުކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް