ޒުވާނުންގެ ހާލަތު: "ނޯ މަނީ، ފުލް ބެގީ"

ގެންގުޅެނީ އެންމެ ފަހުގެ ސްމާޓް ފޯނެކެވެ. އަތުގައި އޮންނަނީ ރޮލެކްސް ގަޑިއެކެވެ. ލައިގެން ހުންނަ ގަމީހުގެ އަގު އެހާމެ ބޮޑެވެ. ފަޅަފަޅައިގެން ގޮސްފައި އެވާ ޖީންސުގެ އަގުވެސް އެހާމެ ބޮޑެވެ. ސަވާރުގެ އިނ...

28 Jun 2018 | 10:15

ގެންގުޅެނީ އެންމެ ފަހުގެ ސްމާޓް ފޯނެކެވެ. އަތުގައި އޮންނަނީ ރޮލެކްސް ގަޑިއެކެވެ. ލައިގެން ހުންނަ ގަމީހުގެ އަގު އެހާމެ ބޮޑެވެ. ފަޅަފަޅައިގެން ގޮސްފައި އެވާ ޖީންސުގެ އަގުވެސް އެހާމެ ބޮޑެވެ. ސަވާރުގެ އިންނަނީ ޖީއެން އަކަށެވެ. ގައިގާ ވަނީ މީރުވަސް ދުވާ ހުވަނދު ލެވިފައެވެ. ދެ ކަންފަތުގައި "މުދި" ލާފައެވެ. ބޯ ހަތައެއްހެން ހަދާފައެވެ. ކަރުގައި ފަށް އަޅައި ދެ އަތުގައި "ތަނޑި ބައި" އަޅާފައެވެ. ބޮވެނީ ހަމަ އެކަނި ލަވާޒާއެވެ. އެއާއެކު ސިނގެރޭޓެވެ. ސަބްމެރިން އާއި ލެބަނީޒް ޗިކަން ނޫނީ ކެވޭވަރެއް ނުވެއެވެ.

ސައިކަލުގެ ފަހަތަށް އަރުވާފައި އެވާ އަންހެން ކުއްޖާވެސް ހަމަ އެވަރެވެ. ލާފައި އެހެރަ ޖިންސު ހީވަނި "ކިއްލި ގޮއްޓެއް" ހެނެވެ. ޖިންސު ހުރީ އަރުވާ ޖަހައި މޭމައްޗާއި ހަމައަށް ނަގާފައެވެ. ބޮލުގެ މެދަށް ނަގާ ޖަހާފައި އެވަނީ ފުޓުބޯޅަ އަކާއި އެއްވަރުގެ ހުޅިއެކެވެ. ޖިންސުގެ ފައިކުރި ވަނީ އޮޅިފައެވެ. ހަމަ އެހެންމެ އެތައް ތަނަކުން ޖިންސް ވަނީ ފަޅަފަޅައިގެން ގޮސްފައެވެ. ލައިގެން ހުރި ޓޮޕް ކޮޅު ހުރީ މޭ ކަށިގަނޑުގެ މެދާއި ހަމައަށެވެ. މޫނުގައި ޖައްސާފައި އެވާ މޭކަޕުގެ ސަބަބުން ބޮލީވުޑް ސްޓާރަކާއި ތަފާތެއްވެސް ނެތެވެ. ޖިންސުގެ ފަހަތު ޖީބަށް އެވަނީ އައިފޯނެއް ޖަހާލާަފައެވެ. ތުންފަތުގައި "ކަޑި" ހާކާފައެވެ. ކޮންމެ ދުވަކަށް ބޭނުންވަނީ އާ ހެދުމެކެވެ. ކާން ބޭނުންވަނީ "އުޑުން މަލާފަތެއް" ބާލައިގެނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެވަރަށް މޭކަޕް ކުރާ ސާމާނު ގަންނަން ޖެހެއެވެ.

މި ސިފަކޮށްދިނީ ޒުވާނުންގެ ތެރެއިން ގިނަބައެކެވެ. ޒަމާނަށް އަންނަ ބަދަލުތަކާއެކު ދިވެހި ރާއްޖެއަށްވެސް ހުޅަނގުގެ ގައުމުތަކުގެ މީހުން ދިރިއުޅޭ ވައްޓަފާޅި ފެނި އެގޮތައް އުޅެން ބޭނުންވެއެވެ. ހެދުން އަޅަން ބޭނުންވަނީ އެގޮތަށެވެ. ގެންގުޅެން ބޭނުންވަނީ އެންމެހާ މޮޅެތި އެއްޗިއްސެވެ. އެހެނަސް ގިނަ މީހުން ވަޒީފާއަކަށް ދާކަށް ބޭނުމެއް ނުވެއެވެ. ވަޒީފާއަށް ދިޔަޔަސް ޒަރޫރީ ބޭނުމަށް އެއްޗެއް ގަންނަން ޖެހޭ ކޮންމެ ފަހަރަކުވެސް ލާރި ހޯދަން ޖެހެނީ މަންމަ ނޫނީ ބައްޕަގެ ގާތުގައި ރޮއެ އާދޭސް ކޮށްގެނެވެ.

މަގުތަކަށް ޒުވާނުން މިވަނީ ގިނަވެފައެވެ. މާރާމާރީއާއި، ތަޅާ ފޮޅުމާއި، ވައްކަމާއި އަދި މަސްތުވާތަކެތީގެ ވަބާގައި ޖެހި އެތައް ޒުވާނުންނެއް މިވަނީ ނުރަނގަޅު މަގަށް އެޅިފައެވެ. ވާނީވެސް އެހެންތާއެވެ. މަގުމަތީގައި "ލާޗާރަ ބިޗާރައަށް" ތެޅި ތެޅި ހުންނަ މީހާގެ އަހުލާގު ގޯސްވާނެކަން ކަށަވަރެވެ. އަތުން ފައިން މަސައްކަތެއް ނުކޮށް މިހެން އުޅޭއިރުވެސް ގަންނަން ބޭނުންވަނީ އެންމެހާ މޮޅެތި އެއްޗިއްސެވެ. ނަތީޖާއެއްގެ ގޮތުން ފައިސާގެ ދަހިވެތިކަމުގައި ވައްކަންކުރުމާއި ފޭރުން ފަދަ ކަންކަމަށް އަރައިގަނެވެއެވެ.

އެހެންނަމަވެސް މީގެ ބަދަލުގައި ކޮންމެ ޒުވާނެއްވެސް ރަނގަޅު ވަޒީފާއަކަށް ގޮސް އަމިއްލައަށް ލާރި ހޯދާނަމަ މިހެނެއް ނުވާނެއެވެ. އޭރުން ހަމަ ޔަގީނުންވެސް މަގުމަތީގައި ކުރާނެ ކަމެއް ނެތިގެން އުޅޭނެ ވަގުތެއް ނުލިބޭނެއެވެ. ނުވިތާކަށް މުސާރަ ލިބޭތީ އެހެން މީހެއްގެ މައްޗަށް ބަރޯސާ ވާކަށް ނުޖެހޭނެއެވެ.

މިއީ އަދުގެ ޒުވާނުންގެ ހާލަތެވެ. އާނއެކެވެ. ހަމަ ރަނގަޅަށްވެސް ޒަމާން ތަރައްގީ ވެއްޖެއެވެ. ލާރި ނެތެއްކަމަކު ހުންނަން ބޭނުންވަނީ އެންމެ މަތީ ފެންވަރުގައެވެ. "އެކަކުންޏެއް ހަރުކޮށްނާނީ އެކަކުންޏެއްގެ ވަރުންނޭ" ބުނާ ބުނުން ހަނދާންނެތި ކޮންމެ މީހަކުވެސް ހީކުރަނީ ތިމާއަކީ މިނިސްޓްރެއްގެ ދަރިއެއް ކަމަށެވެ. އަތަކު ލާރިއެއް ނެތެވެ. ހުންނަން ބޭނުންވަނީ ފުލް ބެގީގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް