ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަޙްމަދު ފާރިސް މައުމޫން ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ޙުކުމް ކުރުމުން އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ފާރިސްގެ މައްޗަށް ދައުލަތުން އުފުލީ ސަހްޝު އޮޅުވާލުމުގެ ދައުވާ އެވެ. އެ ދައުވާ އުފުލީ ޕީޕީއެމް ގެ ދިދަ އާއި ލޯގޯ ބޭނުންކުރައްވައިގެން އޭނާ ޕްރެސް ކޮންފަރެންސެއް ދެއްވިކަމަށް ބުނާ މައްސަލައެވެ. އަދި މި ޙުކުމް އިއްވާފައި ވަނީ ފާރިސް މައުމޫން ޖަލުގައި ހުންނަވާތާ 10 މަސް ދުވަހުސް ފަހުންނެވެ.
އެމްޑިޕީން ފާރިސްއަށް ހުކުމް ކުރުމުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ފާރިސް، ދިދަ އާއި ލޯގޯ ޕްރެސް ކޮންފަރެންސެއްގައި ބޭނުން ކުރެއްވި ކަމަށް ބުނެ، ނާއިންސާފުން ދައުވާ ކުރީ ތަހުގީގީ އިދާރާތަކަށާއި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަށް ސީދާ ރައީސް ޔާމީން ނުފޫޒު ފޯރުވައިގެން ކަމަށެވެ. އެމްޑީޕީން ބުނީ އެފަދަ ހުކުމް ތަކާއި ދައުވާތަކުގެ ކުރިމަތީގައި ފާރިސް ދައްކަވަމުންދާ ހިތްވަރާއި އަޒުމަށް ސާބަސް ރައްދު ކުރާ ކަމަށެވެ.
އެމްޑީޕީން ބުނި ގޮތުގައި މިފަދަ ދައުވާތަކާއި ހުކުމްތަކުގެ ސަބަބުން ރައްޔިތުންގެ ކުރިމަތީގައި އާއި ދުނިޔޭގެ ކުރިމަތީގައި ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމާއި ކޯޓުތަކުގެ އިތުބާރު އިތުރަށް ގެއްލިގެންދާނެ އެވެ.
ފާރިސް ހައްޔަރުކޮށް، އޭނާ އަށް އަނިޔާވެރިވަމުންދާ ދިއުން ވަގުތުން ހުއްޓާލައި، އޭނާ މިނިވަންކުރުމަށް އެމްޑީޕީން ވަނީ ގޮވާލައިފަ އެވެ. އަދި ނާއިންސާފާއި އަނިޔާވެރިކަމުގެ ކުރިމަތީގައި ފާރިސް ދައްކަވާ ހިތްވަރާއި އަޒުމަށް ސާބަސް ރައްދު ކުރާ ކަމަށް އެމްޑީޕީގެ ބަޔާން ނިންމާލަމުން ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް