ބަހުގެ ހަމަލާ ނުދީ ރަނގަޅުވާނީ ޕާޓީތައް ވަކިން ވާދަ ކުރުން: މަހުލޫފު

އިދިކޮޅު ސިޔާސީ ޕާޓީތަކުން އެއް ކެންޑިޑޭޓަކު ނެރުމަށް ކުރަމުންދާ މަސައްކަތް ފެއިލްވެފައިވާ ކަމުގެ ނިޝާންތައް ފެންނާތީ އެންމެ ރަނަގޅު ގޮތަކީ ޕާޓީތައް ވަކިވަކިން އިންތިހާބުގައި ވާދަ ކުރުން ކަމަށް ކޯލިޝަ...

28 Jun 2018 | 08:26

އިދިކޮޅު ސިޔާސީ ޕާޓީތަކުން އެއް ކެންޑިޑޭޓަކު ނެރުމަށް ކުރަމުންދާ މަސައްކަތް ފެއިލްވެފައިވާ ކަމުގެ ނިޝާންތައް ފެންނާތީ އެންމެ ރަނަގޅު ގޮތަކީ ޕާޓީތައް ވަކިވަކިން އިންތިހާބުގައި ވާދަ ކުރުން ކަމަށް ކޯލިޝަނާއި ގުޅިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެ އެވެ.

މަހުލޫފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިދިކޮޅު ކޯލިޝަންގައި ހިމެނޭ ހަތަރު ޕާޓީ އަކީ ތަފާތު ފިކުރުގެ ތަފާތު ވިސްނުންތަކެއް ގެންގުޅޭ ޕާޓީތަކެއް ކަމަށެވެ. މަހުލޫފު ވިދާޅުވީ މިހާރު ޕާޓީތަކުން މީޑިއާގައި އެއްބަޔަކު އަނެއް ބަޔަކަށް ބަހުގެ ހަމަލާތައްދީ ހެދުމުން މާޔޫސްވަމުން ދަނީ އިދިކޮޅަށް ތާއީދު ކުރާ ރައްޔިތުން ކަމަށެވެ.

އެހެންވީމަ އެންމެ ރަނގަޅު އަދި ބުއްދިވެރި ގޮތަކީ ޕާޓީތަކުން ވަކިވަކިން ވާދަ ކުރުން ކަމަށެވެ. އަދި އެގޮތަށް ވާދަ ކުރިޔަސް އެއްބުރުން ވިޔަސް ދެ ބުރުން ވިޔަސް ރައީސް އަބްދުﷲ ޔާމީން ބަލި ކުރައްވާނެ ކަމަށް މަހުލޫފު ވިދާޅުވި އެވެ.

https://twitter.com/AhmedMahloof/status/1012183905640673280

އިދިކޮޅުން އެއް ކެންޑިޑޭޓަކު ނެރުމަށް ކުރި މަސައްކަތް މިހާރު ވަނީ ފެއިލްވެފައި ކަން ކޯލިޝަންގައި ހިމެނޭ ބޮޑު ދެ ޕާޓީ، އެމްޑީޕީ އަދި ޖޭޕީގެ ވާހަކަތަކުން ދަނީ ހާމަވަމުންނެވެ. އެމްޑީޕީ ބޭނުންވަނީ ކެންޑިޑޭޓަކަށްވެސް ރަނިން މޭޓަކަށްވެސް އެމްޑީޕީގެ މެންބަރުން އައްޔަން ކުރުމަށެވެ. ޖޭޕީ ބުނަމުން ދަނީ އެ ޕާޓީވެސް އޮތީ ވެރިކަން ކުރުމަށް ތައްޔާރަށް ކަމަށެވެ.

މީގެ ކުރިން މަހުލޫފު ވިދާޅުވެފައިވަނީ އޭނާ އެމްޑީޕީގެ ވިސްނުމަށް ތާއީދު ކުރައްވާ ކަމަށެވެ. އެގޮތުން ރައީސް މުހައްމަދު ނަޝީދަށް އިންތިހާބު ނުކުރެވިއްޖެ ނަމަ އެ ޕާޓީގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު އިންތިހާބުގައި ވާދަ ކުރުމަށް ތާއީދު ކުރައްވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް