ސަރުކާރުން ކ. ދިއްފުށީގައި ގާއިމުކޮށްފައިވާ ފުޓްސަލް ދަނޑު މިއަދު ހުޅުވައިފި އެވެ.
ދިއްފުށީގެ ފުޓްސަލް ދަނޑު ހުޅުވައި ދެއްވީ ރާއްޖޭގެ ކުޅިވަރާ ބެހޭ ވަޒީރު އިރުތިޝާމް އާދަމެވެ. އެ ރަށު ދަނޑު ހުޅުވުމަށް އިރުތިޝާމް އިއްޔެ އެރަށަށް ވަޑައިގަތުމުން ރަށުގެ ރައްޔިތުން ވަނީ ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.
ދަނޑު ހުޅުވުމުގެ ގޮތުން ހާއްސަ ފުޓުބޯޅަ މެޗެއް ވެސް ކުޅެފައިވާ އިރު، އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ޒުވާނުންނަށް ހުޅުވައި ދެއްވި ފުޓްސަލް ދަނޑަކީ ދުވާލާއި ރޭގަނޑުގަޑީ ވެސް ބޭނުން ކުރެވޭ ގޮތަށް އެއްވެސް އަގެއް ދެއްކުމެއް ނެތި ހިލޭ ކުޅެވޭނެ ދަނޑެއް ކަމަށެވެ. އަދި ކިތަންމެ އާބާދީ ބޮޑު ނުވަތަ ކުޑަރަށެއް ވިޔަސް، އެރަށެއްގައި ދިރިއުޅޭ ޒުވާނުންނަށް، ރައްޔިތުންނަށް ބޭނުންވާ ކުޅިވަރުގެ ވަސީލަތްތައް ގާއިމްކޮށް ދިނުމަކީ ރައީސް ޔާމީންގެ ސަރުކާރުގެ އަމާޒުކަމުގައި ވެސް އިރުތިޝާމް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ދިއްފުށީގެ ފުޓްސަލް ދަނޑަކީ ވެސް 1.4 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ހަރަދު ކޮށްގެން ސަރުކާރުން ގާއިމް ކޮށްދީފައިވާ ދަނޑެއް ކަމަށެވެ.
އިތުރަށް މިނިސްޓަރު ވިދާޅުވީ ކ. އަތޮޅަކީ ސަރުކާރުން މުހިންމު ގިނަ މަޝްރޫޢުތަކެއް ހިންގާ އަދި ބޮޑު ސަމާލުކަމެއް ދެއްވާ އަތޮޅެއް ކަމަށާއި ޔޫތު މިނިސްޓްރީން ވެސް ފާއިތުވެ ދިޔަ ހަތަރު އަހަރެއްހާ ދުވަހުގެ ތެރޭގައި މުހިންމު ގިނަ މަޝްރޫތަކެއް އެއަތޮޅުގެ ރަށްތަކުގައި ވާނީ ހިންގައިފަ ކަމަށެވެ.
އެގޮތުން ކ. އަތޮޅުގެ އެކި ރަށްތަކުގެ 26 މަޝްރޫއަކަށް މިނިސްޓްރީގެ ފަރާތުން 14 މިލިޔަނަށް ވުރެ ގިނަ ރުފިޔާ މިދިޔަ ހަތަރު ވަރަކަށް އަހަރު ތެރޭ ހަރަދު ކުރެވިފައިވާ ކަމަށް ވެސް މިނިސްޓަރުގެ ވާހަކަ ފުޅުގައި ފާހަގަކުރެއްވި އެވެ.
މިނިސްޓަރު ކުރިން ވިދާޅުވެފައި ވަނީ މި ސަރުކާރު އައި އިރު މުޅި ރާއްޖޭގައި ގާއިމުކޮށްފައި ވަނީ ފަސް ފުޓްސަލް ދަނޑު ކަމަށާއި މި ސަރުކާރު އައި ފަހުން މިހާތަނަށް 80 ފުޓްސަލް ދަނޑު ވަނީ ނިމިފައި ކަމަށެވެ. އަދި 101 ފުޓްސަލް ދަނޑުގެ މަސައްކަތް މިހާރު ވެސް ހިނގަމުންދާ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް