ސްރީލަންކާގެ މަސްބޯޓެއްގައި އޮތް ހާލު ދެރަ ބަލި މީހަކު އެމްއެންޑީއެފްގެ އެހީތެރިކަމާއި އެކު ފަރުވާ ދިނުމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފި އެވެ.
އެ ބޯޓު މަސްވެރިކަން ކުރަމުން ދިޔައީ ރާއްޖޭގެ އިގްތިސާދީ ކަނޑުގެ ސަރަހައްދުން ބޭރުގައި އެވެ. އެމްއެންޑީއެފުން ބުނީ އެ ކަމުގެ ރިޕޯޓު ކޮށްފައިވަނީ މިމަހުގެ 25 ވަނަ ދުވަހުގެ ހަވީރު 3:15 ހާއިރު ކަމަށެވެ. އަދި އެމީހާ ނެގުމަށް އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑުން ފުރީ ރޭ 8:15 ހާއިރު ކަމަށެވެ.
ބަލިމީހާ ސީއެމްބިއުލާންސަށް ނަގާފައިވަނީ ހދ. މަކުނުދޫގެ އުޅަނގު އުތުރުން 15 މޭލަށް ބޯޓު ގާތް ކުރުމުންނެވެ. އެ ބޯޓު ރާއްޖޭ ސަރަހައްދަށް ވަނީ ސަރުކާރުން ހޯދަން ޖެހޭ ހުއްދަތަކާއި އެކު ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
އެމީހާ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފެށީ ރޭ 11:30 ހާއިރު އެވެ. އެއީ އުމުރުން 52 އަހަރުގެ މީހެކެވެ.
މީގެ މަހެއް ހާ ދުވަސް ކުރިންވެސް ލަންކާ މަސް ބޯޓެއްގައި އޮތް ހާލު ބޮޑު ބަލި މީހަކު އެމްއެންޑީއެފުން ވަނީ ފަރުވާ ދިނުމަށް ކުޅުދުއްފުޓަށް ގެންގޮސްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް