ބޮޑުކަމު ނުދެވުމަކީ ބައެއް މީހުންނަށް ދިމާވާ ވަރަށް ބޮޑު އަދި އުނދަގޫ މައްސަލަ އެކެވެ. ބައެއް މިހުންނަށް ދެތިން ދުވަސް ވާއިރު ބޮޑުކަމު ނުދެވުމުގެ ސަބަބުން ބަނޑު ފުއްޕާ، ބަނޑަށް އުނދަގޫވެ، ބޮޑުކަމުދާ އެއްޗެހި ހަރުވެ ފުރަސްގަސްފަރާތުގައި ރިއްސާގޮތްވެސް ވެ އެވެ.
ސިއްހީ ތަޖުރިބާކާރުން ބުނާގޮތުގައި އާންމުކޮށް ބޮޑުކަމު ނުދެވެނީ ފެންބުއިން މަދުވުމާއި، ފައިބަރ އެކުލެވޭ ކާނާ ކެއުން މަދުވުމުގެ އިތުރުން ހަށިގަނޑަށް ބޭނުންވާ ކަސްރަތު އެކަށީގެންވާ ވަރަށް ނުލިބޭތީ އެވެ. އެކަމަކު ބައެއް މީހުންނަށް މިނޫން ތަފާތު މައްސަލަތައްވެސް ދިމާވެ އެވެ.
ގިނައިން ތަރުކާރީ އާއި މޭވާ ކެއުމުގައި ހިމަނާށެވެ. އެއީ އެ ބާވަތްތަކުގައި ފައިބަރ ގިނައިން އެކުލެވޭތީ އެވެ. އެކަމަކު ބޮޑުކަމުދާން އުނދަގޫނަމަ މިބާވަތްތައް ކެއުމުގައި ސަމާލުވާށެވެ.
ދޮންކެޔޮ:
ދޮންކެޔޮ އަކީ އާންމުކޮށް ބޮޑުކަމު ދިއުމަށް ވަރަށް ފަސޭހަ މޭވާ އެކެވެ. އެކަމަކު ކާންވީ އެއްކޮށް ދޮންވެފައި ނުވަތަ ރީނދޫ ކުލަ އަރާފައި ހުންނަ ދޮންކޭލެވެ. އެއީ ކުޑަކޮށް ފެހިކޮށް ހުންނަ ދޮންކެޔޮ ނުވަތަ ރަނގަޅަށް ދޮންނުވާ ދޮންކެޔޮ ކެއުމުން އެ ހަޖަމްވުން ލަސްވާނެތީ އެވެ. އަދި ބަނޑަށް އުނދަގޫ ވާނެތީ އެވެ.
ކެފެއިން:
ކޮންމެ ދުވަހަކު އެހާ ގިނައިން ކޮފީ އާއި ސައި ބުއިމަކީ ހަޖަމްވާން އުނދަގޫވާނެ ކަމެކެވެ. އެ ދެ ބާވަތް އުފައްދާ ކެފެއިންގެ ސަބަބުން ހަށިގަނޑަށް ހަމަޖެހުން ލިބި ވިސްނުންތަކާއި ދުރުކޮށްދިނަސް ކޮންމެ ދުވަހަކު މާ ގިނައިން ކޮފީ އާއި ސައިބޯނަމަ ހަށިގަނޑުން ހަކަތަ ބޭރުވެ، ބޮޑުކަމު ދިއުމަށް އުނދަގޫވާނެ އެވެ.
ޕާން:
ޕާނުގައި ހުންނަ ފުށްކަމުގެ ސަބަބުން ހަޖަމްވާލެއް ލަސްވެ ގިނައިރުވުމުން ބަނޑަށް އުނދަގޫވާނެ އެވެ. ޕާންކާން ބޭނުންނަމަ ފައިބަރ އެކުލެވޭ ކާނާ ޕާނުގެ ތެރެއަށް އަޅައިގެން ނުވަތަ އެއްކޮށްގެން ކެއުން ރަނގަޅެވެ. ހުސް ޕާން ބަޓަރު ނުވަތަ ޖޭމް ކަހަލަ އެއްޗަކާއި އެކު ކާނަމަ ކާންވީ ބްރައުން ބްރެޑެވެ.
ފައިބަރ މަދުން ހުންނަ ކާއެއްޗެހި:
ފުށުން ހަދާފައި ހުންނަ އެއްޗެހީގެ ތެރޭގައި ހިމެނޭ ނޫޑްލްސް، ރޮށި، ޕާސްތާ، ސްޕެގެޓީ، ބިސްކޯދުގެ އިތުރުން ބަތަކީ ފައިބަރ މަދުން ހުންނަ ކާއެއްޗިއްސެވެ. މި އެއްޗެހި ކޮންމެ ދުވަހަކު ގަވައިދުން ކާ ހުރިހާ ގަޑިއެއްގައި ހިމެނުމަކީ ބޮޑުކަމު ދިއުމުގައި މައްސަލަ ދިމާވެ އުނދަގުލާއި ކުރިމަތިލާން ޖެހޭ ސަބަބެކެވެ.
މީގެ އިތުރުން ރޭގަނޑު އާފަލު ކެއުމާއި ޗޮކުލެޓަކީވެސް ބޮޑުކަމު ދިއުމަށް އުނގަދޫވެ ހަޖަމްވުން ލަސްވާ އެއްޗިއްސެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް