އިންޑިއާ އަންހެނުން މިހާރަކަށް އައިސް "ގެރި މާސްކު" އަޅަނީ ކީއްވެކަން އެނގޭތަ؟

"އިންޑިއާގައި އަންހެނުންނަށްވުރެ ގެރީގެ އިއްފަތްތެރިކަން މުހިއްމީތަ" އެ ޝިޢާރުގެ ދަށުން އިންޑިއާގެ ފޮޓޯގުރާފަރަކު ފަށާފައިވާ ފޮޓޯގްރާފީ ޕްރޮޖެކްޓެއްގައި އަންހެން ކުއްޖަކު ގެރި މާސްކެއް އަޅައިގެން ނަގަ...

28 Jun 2017 | 03:44

"އިންޑިއާގައި އަންހެނުންނަށްވުރެ ގެރީގެ އިއްފަތްތެރިކަން މުހިއްމީތަ" އެ ޝިޢާރުގެ ދަށުން އިންޑިއާގެ ފޮޓޯގުރާފަރަކު ފަށާފައިވާ ފޮޓޯގްރާފީ ޕްރޮޖެކްޓެއްގައި އަންހެން ކުއްޖަކު ގެރި މާސްކެއް އަޅައިގެން ނަގައިފައިހުރި ފޮޓޯތައް  މިހާރު ޝޯޝަލް މީޑިއާގައި ވަރަށް ގަދައަށް ދައުރުވަމުން އެބަދެ އެވެ.

ކަލްކަތާއަށް އުފަން، ދެއްލީގައި ދިރިއުޅެމުންދާ އުމުރުން 23 އަހަރުގެ ފޮޓޯގުރާފާ ސުޖަތްރޯ ގޯޝް އެ ފޮޓޯތައް ނެގި ސަބަބު ބީބީސީއާއި ވަނީ ޚިއްޞާކޮށްފަ އެވެ.

ސުޖަތްރޯ ބުނީ އިންޑިއާގައި އަންހެނެއްގެ އިއްފަތްތެރިކަމަށްވުރެ ގެރިއެއްގެ އިއްފަތް މާ މުހިއްމުކަމަށާއި އަންހެނަކަށް ޖިންސީ ފުރައްސާރަކޮށް އަދި އެހެންވެސް އަނިޔާއެއްކުރި ނަމަވެސް ގިނަ ފަހަރަށް އިންސާފު ނުލިބޭކަމަށެވެ. އެކަމަކު ގެރިއަކަށް އިންސާފު ހޯދައިދޭން މީހުން މޮޔަވާކަމަށް އޭނާ ބުންޏެވެ.

އަންހެނުންނަށް އަނިޔާކުރުމަކީ އިންޑިއާގައި ވަރަށް ބޮޑުވެފައިވާ މައްސަލައެކެވެ. ތަފާސް ހިސާބު ދައްކާގޮތުގައި އިންޑިއާގައި ކޮންމެ 15 މިނެޓަކުން އަންހެނަކު ރޭޕްކޮށްގެން މައްސަލަ ހުށަހަޅަ އެވެ.

އަންހެނަކަށް އަނިޔާކޮށްގެން ހުށަހެޅޭ މައްސަލަތަކަށް އިންސާފު ނުލިބި ގިނަ ދުވަސްވެގެން ދާކަމަށް ބުނެ ސުޖަތްރޯ ބުނީ ގެރިއަކަށް ކިރިޔާވެސް އަނިޔާއެއްކޮށްފިނަމަ އިންޑިއާގެ ހައްދުފަހަނަ އަޅާފައިވާ ހިންދޫ ދީނުގެ މީހުން ވަގުތުން އެ ބަޔަކު ހޯދާއި ހަމަލާދީ މަރާލާނެކަމަށެވެ. ގެރިއަކީ ހިންދޫ ދީނުގެ މީހުން އަޅުކަން ކުރާ ޖަނަވާރެކެވެ.

ސުޖަތްރޯ ބުނީ އޭނާގެ އެ ޕްރޮޖެކްޓިގެ މަޤުޞަދަކީ އިންޑިއާގައި ގެރި ހިމާޔާތްކުރުމަށް ކަމަށްބުނެ ނުޙައްޤުން މީހުން މަރަމުންދާ ހައްދުފަހަނަ އަޅާފައިވާ ގުރޫޕުތަކާއި ދެކޮޅަށް އަޑުއުފުލުންކަމަށެވެ. އޭނާ ދެކޭގޮތުގައި އެކަންތައް ބޮޑުވީ އިންޑިއާގައި މިހާރު ވެރިކަން ކުރާ މޯދީގެ ސަރުކާރު ވުޖޫދައް އައިފަހުންނެވެ.

ސަރުކާރު ހިންގާ ބީޖެޕީން ބުނީ ގެރި އަކީ މާތް ޖަނާވާރެއް ކަމަށާއި އެއާއިމެދު ހުރުމަތްތެރިކޮށް ހިތަންޖެހޭނެކަމަށެވެ. ގެރިއަށް އަނިޔާކުރާ މީހުންނާއިމެދު އިންޑިއާ ސަރުކާރުންވަނީ މިފަހުން ހަރުކަށި އަދަބުތަކެއްވެސް ކަނޑައަޅާފަ އެވެ. އަދި އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުން ދަނީ ގެރިއަށް އަނިޔާކުރާ މީހުންނަށް މަރުގެ އަދަބު ދިނުމަށް ބިލެއްވެސް ހުށަހެޅުމަށް ތައްޔާރުވަމުންނެވެ.

މިއަހަރު ތެރޭގައި ގެރި މަސްކައިގެން ހައްދުފަހަނަ އަޅާފައިވާ ހިންދޫ ދީނުގެ ގުރޫޕަކުންވަނީ މުސްލިމު ފިރިހެނަކުވެސް މަރާލާފަ އެވެ. ފާއިތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ގެރިއަށް އަނިޔާކުރި ކަމަށްބުނެ 12 ވަރަކަށް މުސްލިމުން މަރާލާފައިވެ އެވެ. މިފަދަ ހަމަލާތަކުގެ ޝީކާރައަކަށް އެންމެ ގިނައިންވަނީ އިންޑިއާގެ މުސްލިމުންނާއި ނަޞާރާއިންނެވެ.

އަންހެން ކުއްޖަކު ގެރި މާސްކު އަޅުވައިގެން ސުޖަތްރޯ އެ ފޮޓޯތައް ނަގާފައިވަނީ އިންޑިއާގައި ފަތުރުވެރިންގެ މެދުގައި މަޤުބޫލު އެކި މަންޒިލުތަކުގައާއި، ސަރުކާރު އިމާރާތްތަކުގެ ކުރިމަތީގައާއި، މަގުތަކާއި، ޢާންމު މީހުންގެ ގޭގެގައާއި، ބޯޓުތަކާއި އަދި ރޭލު ފަދަ ތަންތަނުގަ އެވެ.

މޮޑެލުން ގޮތުގައި ބޭނުންކޮށްފައިވާ އަންހެން ކުދިންނަކީ ސުޖަތްރޯގެ ރަހުމަތްތެރިންނެވެ.

ސުޖަތްރޯ އެ ޕްރޮޖެކްޓް ލޯންޗުކުރީ މީގެ ދެ ހަފްތާކުރިން އޭނާގެ އޮފިޝަލް އިންސްޓަގުރާމް އެކައުންޓުގަ އެވެ. އޭގެފަހުން ވަރަށް ގިނަ ޕޮޒިޓީވް ކޮމެންޓުތައް ލިބިފައިވާކަމަށް އޭނާ ބުންޏެވެ. ޚާއްޞަކޮށް އަންހެނުންގެ ފަރާތުން ބޮޑު ތަޢުރީފެއް ލިބޭ ކަމަށާއި އަދި އޭނާގެ އެ ޕްރޮޖެކްޓުގައި ބައިވެރިވުމަށް ބޭނުންވެގެން މެސެޖުތައްވެސް ލިބޭކަމަށް ބުންޏެވެ.

އިންޑިއާގެ މީޑިއާއިން އެ ޚަބަރު ޖެހުމާއެކު ވަރަށް ގިނަ މީހުންގެ ފަރާތުން އެކި ކަހަލަ އިންޒާރުތައްވެސް ލިބިފައިވާކަމަށް އޭނާ ބުންޏެވެ. ނަމަވެސް އެއްވެސް ކަހަލަ ފަސްޖެހުމެއް ނެތްކަމަށް ސުޖަތްރޯ ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް