ދުވަހަކުވެސް ހުއްޓައެއް ނުލާނަން: ޝާހްރުކް

ބޮލީވުޑްގެ ރަސްގެފާނު ޝާހްރުކް ޚާން، ދުވަހަކުވެސް އެކްޓުކުރުން ދޫކޮށްނުލާނެކަމަށް  ބުނެފި އެވެ. އޭނާއަކީ މުސްކުޅިވަމުން އަންނަ ތަރިއެއްކަމަށް ބުނެ، އެކަން ހާމަކުރީ އިންޑިއާގެ ޓޯކް ޝޯއެއްގަ އެވެ. 51 އަ...

28 Jun 2017 | 01:06

ބޮލީވުޑްގެ ރަސްގެފާނު ޝާހްރުކް ޚާން، ދުވަހަކުވެސް އެކްޓުކުރުން ދޫކޮށްނުލާނެކަމަށް  ބުނެފި އެވެ. އޭނާއަކީ މުސްކުޅިވަމުން އަންނަ ތަރިއެއްކަމަށް ބުނެ، އެކަން ހާމަކުރީ އިންޑިއާގެ ޓޯކް ޝޯއެއްގަ އެވެ.

51 އަހަރުގެ ޝާހްރުކް ބުނީ އޭނާއަށް އޭނާގެ ސަޕޯޓަރުންނަކީ އާޢިލާކަމަށާއި، ސަޕޯޓަރުންނަށްޓަކައި މުޅި ދިރިއުޅުން އެކްޓަރެއްގެ ގޮތުގައި ހޭދަކުރަން ބޭނުންވާކަމަށެވެ. އޭގެ އިތުރުން ޝާހްރުކް ބުނީ އެކްޓުކުރުމަކީ އޭނާ ވަރަށް ލޯބިވާ ކަމެއްކަމަށާއި، އެކަން ހުއްޓާލަން ދުވަހަކުވެސް ނުވިސްނާކަމަށެވެ.

ބޮލީވުޑްގައި މަސައްކަތްކުރާތާ 25 އަހަރު ފުރުން ފާހަގަކުރަމުންދާ ޝާހްރުކްއަށް މިފަހުން ބޮޑެތި ފާޑުކިޔުންތަކެއްވެސް އަމާޒުވެފައިވެ އެވެ. އޭގެތެރޭގައި ޝާހްރުކްގެ ފިލްމުތައް ކަމުނުދިޔުމާއި، އަދި އޭނާގެ ހަދާ ފިލްމުތަކުގައި ރަނގަޅު އޮއްޓަރެއް ނެތުމާއި، އައު ކަންތައްތައް ނުފެނުމުގެ ފާޑުކިޔުންތައް ހިމެނެ އެވެ.

ނަމަވެސް އެ ފާޑުކިޔުންތަކަށް ރައްދުދެމުން ޝާހްރުކް ބުނީ އެކްޓުކުރުމުގައި އޭނާ ހޭދަކުރި ގިނަ އަހަރުތަކުގައި ކޮންމެ ފިލްމެއްގައިވެސް އައު ކަންތައްތަކެއް ތަޢާރަފްކޮށްފައި ވާނެކަމަށާއި އަދި ކުރިއަށް އޮތްތަނުގައިވެސް އެ ތަފާތު ފެނިގެންދާނެކަމަށެވެ.

ޝާހްރުކް މިހާރު އަންނަނީ އޭނާގެ ކުރިއަށް އޮތް ފިލްމު "ޖަބް ހެރީ މެޓް ސީޖަލް" ރިލީޒްކުރުމަށް ތައްޔާރުވަމުންނެވެ. އެ ފިލްމު ރިލީޒްކުރާނީ މިއަންނަ އޮގަސްޓް މަހުގެ ހަތަރެއްގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް