2011 ވަނަ އަހަރުން ފެށިގެން ތޫނިސް އަށް ދިމާވެފައިވާ ކުނީގެ މައްސަލަ ހައްލު ކުރުމަށް "ގްރީން ޕޮލިސް" ގެ ނަމުގައި ފުލުހުންގެ ހާއްސަ ފައުޖެއް އެކުލަވާލައިފި އެވެ.
މި ފައުޖު އެކުލަވާލާފައިވަނީ ތޫނިސްގެ ބޮޑުވަޒީރު ޔޫސެފް ޗާހެދް އެވެ. މި ފައުޖު އިފްތިތާހް ކުރެއްވުމަށްފަހު ބޮޑުވަޒީރު ވިދާޅުވެފައިވަނީ މިއީ ވަރަށް އުނދަގޫ "މިޝަން" އަކަށް ވާނެ ކަމަށެވެ. ނަމަވެސް ކާމިޔާބަށް އެދޭ ކަމަށެވެ. ބޮޑުވަޒީރު ވަނީ މި ފައުޖަށް ހާއްސަ ޔުނީފޯމާއި ފައުޖު ބޭނުންކުރާނެ އާލާތްތައްވެސް އިފްތިތާހް ކޮށްދެއްވާފަ އެވެ. އެ އާލާތްތަކުގެ ތެރޭގައި ޖީޕީއެސް ހިމަނާފައިވާ ލޮރީތައް ހިމެނެ އެވެ.
މި ފައުޖުގެ މަސައްކަތާއި ބެހޭގޮތުން އެގައުމުގެ ތިމާވެއްޓާއިބެހޭ ވަޒީރު ރިއާދު މުއައްޚަރު ވިދާޅުވެފައިވަނީ ކުރިއަށްއަށް މަހެއްހާ ދުވަހު އެ ފައުޖުގެ މަސައްކަތަކަށްވާނީ ކުންޏާއިމެދު ރައްޔިތުން ހޭލުންތެރި ކުރުވުން ކަމަށެވެ. އަދި ޖުލައި މަހުގެ ފަހުކޮޅުން ފެށިގެން އާއްމު ތަންތަނަށް ކުނި އުކާ މީހުން ބަލައި އެމީހުން ޖޫރިމަނާ ކުރުމަކީ މި ފައުޖުގެ ޒިންމާއެއް ކަމުގައިވެސް ވަޒީރު ވިދާޅުވެފައި ވެ އެވެ. ޖޫރިމަނާ ކުރުމަށް ނިންމާފައިވަނީ 40 ދީނާރާއި 60 ދީނާރާއި ދެމެދުގެ ޖޫރިމަނާއަކުންނެވެ. އެއީ 14 ޔޫރޯއާއި 21 ޔޫރޯއާއި ދެމެދުގެ ޖޫރިމަނާއެކެވެ.
ވަގުތީގޮތުން މި ފައުޖުގައި 163 ފުލުސް އޮފިޝަރުން ހިމަނާފައިވާއިރު އަންނަ ޖުލައި މަހުގެ ތެރޭގައި އިތުރު 136 އޮފިޝަރަކު މި ފައުޖަށް އިތުރު ކުރާނެ ކަމަށް ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް