މޮރޮކޯގައި ނިންމަން ޝެޑިއުލް ކޮށްފައިވާ ބައެއް ޕްރޮޖެކްޓްތައް ނިމުން ލަސްވެ ވަޒީފާގެ ރޭޓް ދަށްވެ އެގައުމުގައި އެތައް ބަޔަކު މުޒާހަރާ ކުރަމުން އަންނައިރު އެ ޕްރޮޖެކްޓްތައް ނިމެންދެން މިނިސްޓަރުންނަށް ޗުއްޓީ ނުދިނުމަށް މޮރޮކޯގެ ރަސްގެފާނު މުހައްމަދު ނިންމަވައިފި އެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އެންމެ ފަހުން ބޭއްވި ކެބިނެޓް ބައްދަލުވުމުގައި މުހައްމަދު ވަނީ އޭނާގެ ކެބިނެޓް މިނިސްޓަރުން ދެކެ ނުރުހުންވާކަން ފާޅުކަންބޮޑުގޮތެއްގައި ފާޅު ކުރައްވާފަ އެވެ. އަދި 670 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓްތައް ނުނިމި ހުރީތީ، ނިންމަން ކަނޑައަޅާފައިވާ މުއްދަތު ފަހަނައަޅާ ގޮސްފައިވާތީ މިނިސްޓަރުންދެކެ ނުރުހުން ފާޅުކޮށްފައިވާކަމުގައިވެސް މީޑިއާ ރިޕޯޓްތަކުގައި ވެ އެވެ. އަދި އެ ޕްރޮޖެކްޓް ތައް ނުނިމެނީސް އެއްވެސް މިނިސްޓަރަކު އަހަރު ޗުއްޓީ ނުނެގުމަށް ރަސްގެފާނު އަންގަވާފައި ވާކަމަށް ވެ އެވެ.
ޒުވާނުންނަށް ހުރި ވަޒީފާގެ ފުރުސަތު މަދު ވުމާއި އަދި އެހެނިހެން ޒަރޫރީ ކަންކަން ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި ސަރުކާރު ނުކުޅެދިފައިވާކަމުގައި ބުނެ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން މޮރޮކޯގައި އަންނަނީ މުޒާހަރާތައް ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް