ރާއްޖޭއިން ކޯވިޑް-19 އަށް ޕޮސިޓިވްވި މީހުންގެ އަދަދު1،500 އަށް ވުރެ އިތުރު ވެއްޖެ އެވެ.
އެޗްޕީއޭއިން ބުނީ މިރޭ10:00 އާއި ހަމައަށް އިތުރު 56 މީހަކު ބައްޔަށް ޕޮސިޓިވްވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ18 ދިވެހިންނާއި، ބަންގްލަދޭޝްގެ38 މީހަކާއި އިންޑިއާގެ ތިން މީހެކެވެ.
ރާއްޖޭގައި އާންމުންގެ މެދުގައި ބަލި ފެތުރެން ފެށިފަހުން ޕޮސިޓިވް ކޭސްތައް ފެންނަ އިތުރުވުމަށް ފަހު މިދިޔަ ދެ ހަފްތާއެއްހާ ދުވަހު އެ އަދަދުތައް ވަނީ ދަށްވެފައި އެވެ. އެގޮތުން މިދިޔަ ދެ ހަފްތާއެއްހާ ދުވަހު ދުވާލަކު ޕޮސިޓިވްވާ ކޭސްތަކުގެ އަދަދު 60 އަށްވުރެ އިތުރެއް ނުވެ އެވެ.
އެޗްޕީއޭއިން ބުނީ ގާތްގަނޑަކަށް 50 ގައި ކޮންމެ ދުވަހަކު ޕޮސިޓިވްވާ ކޭސްތަކުގެ އަދަދު ހިފަހައްޓާލެވިއްޖެ ނަމަ އެއީ މާލޭގެ އާބާދީއަށް ބަލާއިރު ގިނަ އަދަދެއް ނޫންކަމަށެވެ. މާދަމާއިން ފެށިގެން މާލޭގެ ލޮކްޑައުންއަށް ލުއި ދޭން ނިންމާފައިވަނީވެސް ޕޮސިޓިވްވާ ކޭސްތަކުގެ އަދަދު އެއްވަރެއްގައި ހިފެހެއްޓިފައިވުމާއި ސިއްހީ ނިޒާމު ކޯވިޑަށް ފަރުވާ ދިނުމަށް ތައްޔާރީ ހާލަތަކަށް ގެނެވުމުންނެވެ.
މިއަދު ޕޮސިޓިވްވި 56 މީހުންނާއި އެކު ރާއްޖެއިން ޖުމްލަ ކޯވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 1،513 އަށް އަރާފައި އެވެ. މި ބަލިން މިހާތަނަށް 242 މީހަކު ވަނީ ރަނގަޅުވެފައި އެވެ.
ބަލި ޖެހިގެން ފަސް މީހަކު މަރުވެފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ދެ ބިދޭސީންނާއި ތިން ދިވެހިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް