ލުއި ދިނީ ކޭސްތައް އިތުރު ވިޔަސް ފަރުވާ ދެވޭނެ އިންތިޒާމް ހަމަޖެހުމުން: ޓެގް

މާލޭ ސިޓީގެ ލޮކްޑައުނަށް ލުއި ދޭން ނިންމީ ކޯވިޑަށް ޕޮސިޓިވްވާ މީހުންގެ އަދަދު އިތުރު ވިޔަސް ފަރުވާ ދެވޭވަރަށް އިންތިޒާމްތައް ހަމަޖެއްސިފައިވާތީ ކަމަށް ކޯވިޑް-19 އާއި ގުޅިގެން އެކުލަވާލާފައިވާ ޓެކްނިކަ...

28 May 2020 | 09:28

މާލޭ ސިޓީގެ ލޮކްޑައުނަށް ލުއި ދޭން ނިންމީ ކޯވިޑަށް ޕޮސިޓިވްވާ މީހުންގެ އަދަދު އިތުރު ވިޔަސް ފަރުވާ ދެވޭވަރަށް އިންތިޒާމްތައް ހަމަޖެއްސިފައިވާތީ ކަމަށް ކޯވިޑް-19 އާއި ގުޅިގެން އެކުލަވާލާފައިވާ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕު (ޓެގް) އިން ބުނެފި އެވެ.

ޓެގްގެ ވެރިޔާ ޑރ. އަލީ ލަތީފު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ލޮކްޑައުނަށް ލުއި ދޭން ނިންމީ ފަރުވާ ދެވޭނެ ފުރުސަތުތަކެއް ފަހިވެފައިވާތީ ކަމަށެވެ. އެކަމަކު ބަލި އާންމުންގެ މެދުގައި އަދިވެސް އެބައޮތް ކަމަށާއި ލޮކްޑައުންއަށް ލުއި ދޭވަރަކަށް ބަލި ފެންނަލެއް އިތުރުވުމުގެ ފުރުސަތު އޮންނާނެ ކަމަށް ވިދާޅުވި އެވެ.

ޑރ. އަލީ ވިދާޅުވީ މިފަދަ ބައްޔަކަށް ބޭނުންވާނީ އެހެންވެސް މޫސުމީ ރޯގާތަކަށް ފަރުވާ ދެމުންދާ އުސޫލުން ވަސީލަތްތަކާއި ތަންތަން ކަމަށެވެ. އެގޮތުން ކޯވިޑް-19 އަކީ މުޅިން އާ ބައްޔަކަށް ވާތީ ބަލި އާންމުންގެ މެދުގައި ފެތުރުން ކޮންޓްރޯލް ކުރަން ވަރުގަދަ ފިޔަވަޅުތަކެއް އަޅަން ޖެހުނީ ސިއްހީ ނިޒާމު ތައްޔާރީ ހާލަތަކަށް ނުދަނީސް ބަލި ފެތުރެން ފެށުމުންނެވެ.

އޭނާ ވިދާޅުވީ މިހާރު ރާއްޖޭގައި އެކަށީގެންވާ އަދަދަކަށް ކަރަންޓީން ފެސިލިޓީތަކާއި އައިސޮލޭޝަން ފެސިލިޓީތައް އެބަ ހުރިކަމަށެވެ. އަދި ހޮސްޕިޓަލްގައި ފަރުވާ ދޭން ޖެހޭ މީހުންނަށް ފަރުވާ ދިނުމަށް ހާއްސަ ކުރެވިގެން ޓްރީ ޓޮޕް ހޮސްޕިޓަލާއި، ހުޅުމާލޭ މެޑިކަލް ފެސިލިޓީ ހުރީ ތައްޔާރީ ހާލަތުގައި ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން މިހާރު ދުވާލެއްގެ މައްޗަށް އައިޖިއެމްއެޗާއި ފުލުހުންގެ ލެބޯޓާރީ މެދުވެރިކޮށް 600 ޓެސްޓު ހެދޭނެ ކަމަށާއި އޭޑީކޭ އިން ޓެސްޓު ހަދަން ފެށުމުން އެ އަދަދު 1،100 އަށް އިތުރުވެފައިވާ ކަމަށެވެ. އެހެންކަމުން ލޮކްޑައުންއަށް ލުއިއެއް ދީފައި ވަަނިކޮށް ކޭސްތައް އިތުރު ވިޔަސް އެކަން ހިފަހައްޓާލެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިތުރަށް ވިދާޅުވީ ފެސިލިޓީތަކާއި ޓެސްޓު ކުރެވޭނެ ނިޒާމު ތައްޔާރީ ހާލަތަށް ގެނެވުނު ނަމަވެސް އާންމުންގެ ފަރާތުން ލޮކްޑައުންގެ ލުއިތަކަށް އެއްބާރުލުން ނުދީފިނަމަ ސިއްހީ ނިޒާމަށް ނުކަތާވަރަށް ކޭސްތައް ފެންނާނެ ކަމަށެވެ. އެފަދަ ހާލަތަކަށް ގޮސްފި ނަމަ އަލުން އެނބުރި ލޮކްޑައުންއަކަށް ގެންދާނެ ކަމަށް ޑރ. އަލީ ވިދާޅުވި އެވެ.

ޑރ. އަލީ ލަތީފު ވިދާޅުވީ ރާއްޖޭގައި ކޯވިޑް-19 އޮތީ ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފައި ކަމަށެވެ.

މިހާތަނަށް ރާއްޖެއިން ވައިރަހަށް ޕޮސިޓިވްވެފައިވަނީ 1،481 މީހެކެވެ. އޭގެ ތެރެއިން 242 މީހަކު ރަނގަޅުވެފައިވާއިރު ފަސް މީހަކު ވަނީ ބަލީގައި މަރުވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް