ސިލްސިލާ ވާހަކަ: ޒާރާ - ދިހަވަނަ ބައި

''ހަމަ ދެންމެ އެ ނިދުނީ.... ވަރަށް ގިނައިރު ނުނިދިގެން އުޅުނު. ... އެހާ ހުންގަދަ އަދިވެސް... ''  އެމީހާ ހުރީ ޒާރާ ބަލިމީހާއަށް ގޮވާތީ ހިތްހަމަނުޖެހިފައިހެން ހީވެއެވެ. '' މި އިންޖެކްޝަން ޖަހާލަން އެބަޖ...

27 May 2020 | 23:20

''ހަމަ ދެންމެ އެ ނިދުނީ.... ވަރަށް ގިނައިރު ނުނިދިގެން އުޅުނު. ... އެހާ ހުންގަދަ އަދިވެސް... ''  އެމީހާ ހުރީ ޒާރާ ބަލިމީހާއަށް ގޮވާތީ ހިތްހަމަނުޖެހިފައިހެން ހީވެއެވެ.

'' މި އިންޖެކްޝަން ޖަހާލަން އެބަޖެހޭ މިގަޑީގަ....އަޅުގަނޑު ގޮވައިފިން .... މާގަދައަށް ނިދިފައި އޮތީމަހެން ހީވަނީ ނުހޭލެވުނީ....'' ޒާރާ ވާހަކަދެއްކީ ނުހަނު އޯގާތެރިކަމާ އެކުގައެވެ.

ޒާރާ އަނެއްކާވެސް ބަލިމީހާގެ ކޮނޑުގައި މަޑުމަޑުން ޖަހާލިއެވެ. ކުކުރާލަމުން ބަލިމީހާ ޒާރާ ހުރި ފަރާތަށް ފޮރޮޅިލިއެވެ.  ބަލިމީހާގެ މޫނަށް ބަލާލެވުނު ވަގުތު ޒާރާގެ ހަށިގަނޑު ފިނިވެގެން ދިޔައެވެ. އެއީ ހަމަ އެމޫނެވެ. ގަދަހުމުގެ ސަބަބުން ހަށިގަނޑުގެ ވަރުދެރަވެ، ދެލޯ ވަނީ މެރިފައެވެ. އެއް އަތަށް ގުޅާފައިވާ އައިވީ ފުޅިން ހަށިގަނޑުގެ ތެރެއަށް ފޮނުވަމުންދާ ފޮދުވަރުގެ އަސަރު އެ ހަށިގަނޑަށް ކުރާހެނެއް ހިޔެއްނުވެއެވެ. އެއްވެސް ހަރަކާތެއް ނެތް އެ މޫނަށް ބަލަން  ޒާރާ އަށް ހުރެވުނީ ކީއްވެކަމެއް ޚުދު އޭނާއަކަށްވެސް ނޭނގެއެވެ.

''ޓެސްޓްގެ ނަތީޖާ އަދިވެސް ނުލިބޭ....މިހާރު ބާރަގަޑިއިރަށް ވުރެ ގިނައިރުވީ އެފަކީރު މިހާލުގަ އޮންނަތާ.....'' އިމްރާނުގެ ނިތްކުރީގައި އަތް ޖައްސާލަމުން ކައިރީގައި ކޮޅަށްހުރި ފިރިހެންމީހާ ބުންޏެވެ. ހީވާގޮތުން އެއީ އިމްރާނުގެ ބައްޕައެވެ. ހަށިގަނޑު ބިޔަ ވަރުގަދަ މީހެކެވެ. ނުރަ އިސްތަށިގަނޑާ އެކު ނުރަ ތުނބުޅިއެއްގެ ވެރިއެކެވެ. ދެބައިއުމުރުން މަތިވާނެ ކަމުގައި ލަފާކުރެވެއެވެ. ލައިގެންހުރީ އަގުބޮޑު ޖީންސަކާއި ހަށިގަނޑަށް ފިޓް ޓީޝާޓެކެވެ. ހީވާގޮތުން ހަށިގަނޑަށް ބަލައިގެންއުޅޭ، ގަވާއިދުން ކަސްރަތު ކުރާ މީހެކެވެ.

''އިމްރާން...'' ޒާރާއަށް އެ ނަން ތަކުރާރު ކޮށް ކިޔާލެވުނެވެ. އިމްރާނާ ފުރަތަމަ ދިމާވި ހާދިސާ އާއި އޭނާގެ އެ ހިނިތުންވުން ޒާރާ ހަނދާނެއް ނުނެތެއެވެ. ސަލާމަށް އަތް ދިއްކޮށްލިގޮތާ އަމިއްލަ ނަން ބުނެލި ގޮތްވެސް ޒާރާ ހަނދާން ކުރާކަށް ނުޖެހުނެވެ.

އިމްރާނުގެ އަތުގައި އަތްލުމަކީ ޒާރާ އަށް ކުރަން ފަސޭހަ ކަމަކަށް ނުވިއެވެ. ގުޅާފައިވާ އައިވީ ނައްޓާލުމަށްފަހު ޖަހަންޖެހޭ އިންޖެކްޝަން އޭނާ ޖެހިއެވެ. ފިނި ވެފައިވާ އިނގިލިތައް އެ އަތުގައި ބީހިލާ ކޮންމެ ފަހަރަކު އިމްރާން ގެ ހަށިގަނޑުގައިވާ ހުމުގެ ގަދަކަން ޒާރާއަށް އިހްސާސްކުރެވެއެވެ. ހިތުގެ ވިންދު އަވަސްވެ ފިނި ވެފައިވިޔަސް ގާތުގައި ހުރި މީހާއަށް އެކަން އިހްސާސްވިޔަނުދީ ހުރިހާކަމެއް ނިންމާލުމަށްފަހު ޒާރާ ދިޔައީ ނާސިން ކެބިން އަށެވެ. ހަމަޖެހުމުގެ ނޭވާއެއް ބޭރުކޮށްލެވުނެވެ. އެވަގުތު އިމްރާން ލޯ ހުޅުވާލިނަމަ ވާނީ ކިހިނެއްބާވައޭ ޒާރާގެ ހިތަށް އެރިއެވެ. އޭރުން އޭނާއަށް ޒާރާ ފެންނާނެއެވެ. އޭނާއަށް ޒާރާ އެނގޭނެ ބާވައެވެ. އޭނާ ޒާރާ އާ ވާހަކަ ދައްކާނެ ބާވައެވެ. ޒާރާގެ ހިޔާލީ ދުނިޔޭން ނިކުމެވުނީ އޭނާގެ ފޯނު ވައިބްރޭޓް ވާން ފެށުމުންނެވެ. ހުރިހާކަމެއް ހަނދާން ނެތި ހިނިތުންވެ ލެވުނީ އާދިލް ގެ ކޯލެއްކަން އެނގުމުންނެވެ.

ޒާރާއަށް ހޭލެވުނީ މަންމަ ގޮވާ އަޑަށެވެ. އަވަސްއަވަހަށް ފޯނު ނަގާ ގަޑި ބަލާލިއެވެ. އަދި އެވީ ދިހަގަޑި ބައެވެ. ޑިއުޓީ ނިންމާފައި އައިސް ނިދުނީ ނުވައެއްވެސް ޖެހި ފަހުންނެވެ. ޒާރާ ތެދުވެގެން ގޮސް ކުޑަކޮށް ދޮރު ހުޅުވާލިއެވެ. މަންމަގެ މޫމުނަތިން ފެންނަންހުރި ހާސްކަމާ ނުތަނަވަސްކަން ފެނުމުން ކޮންމެވެސް ކަމެއް ގޯސް ވެއްޖެ ކަން ޒާރާއަށް އެނގުނެވެ. ސިޓިން ރޫމްތެރެއިން ދެމީހަކު ވާހަކަދައްކާ އަޑު އިވުނުކަމުގައި ވިޔަސް ޒާރާގެ ކޮޓަރި ހުރިތަނުގެ ގޮތުން ސިޓިންރޫމް ތެރެ ނުފެންނާތީ ވާހަކަދައްކަނީ ކޮންބައެއް ކަމެއް ނޭނގުނެވެ.

''ދަރިފުޅާ ހިގާބަލަ ތައްޔާރުވެގެން ހޮސްޕިޓަލަށް....'' ޒާރާ އަށް ބުނާނެ އެއްޗެއް ނޭގުނެވެ. ހިތުގައި އެތައް ސުވާލެއް އުފެދިއްޖެއެވެ. ބައްޕަ އަށް ކަމެއްވީ ބާވައެވެ. ނޫނީ ޒައިދަށް ކަމެއް ވީ ބާވައެވެ. މަންމަ ދަރިފުޅާއޭ ކިޔާ މުހާތަބު ކުރުން އެއީ ވަރަށް މަދުން ނޫނީ ނުވާކަމެކެވެ. މަންމަގެ މޫނުމަތީގެ އަސަރުތަކާ އެ ހުރިހާ ސުވާލުތައް ގުޅުވާލެވުމުން ޒާރާ ހާސްވާގޮތް ވިއެވެ.

''ކިހިނެއްވީ މަންމާ... ހާދަ ހާސްވެފަ... ބައްޕަކޮބާ.... ޒައިދު އޮފީހަށް ނުދަނީތަ.... ކޮންބައެއް ސިޓިންރޫމުގަ.....'' މި ހުރިހާ ސުވާލެއް ޒާރާއަށް އަމުނާލެވުނީ މަދު ސިކުންތުކޮޅެއްގެ ތެރޭގައެވެ.

ނާޒިމާ ކޮޓަރީގެ ދޮރުން އެތެރެއަށް ދެމިގަނެ ދޮރުލެއްޕިއެވެ. އަދި ޒާރާގެ އަތުގައި ހިފައިގެން ގެނެސް އެނދުގައި ބޭންދިއެވެ. މަންމަގެ އެ ހަރަކާތުގެ ސަބަބުން ޒާރާ އަށް އިތުރަށް ހާސްކަމެއްލިބުނެވެ. މަންމަގެ މޫނަށް ބަލާލީ މަންމަގެ އެ ހަރަކާތްތައް ޒާރާ އަށް ގަބޫލު ނުކުރެވޭފަދަ ނަޒަރަކުންނެވެ.

''ދަރިފުޅާ ސަރީފާއްތަ އައިސް އެބައިން... އެމީހުނާއެކު ހޮސްޕިޓަލަށް ދާން ތައްޔާރުވާންވީ ދަރިފުޅު....'' ޒާރާ އަކަށް ނުވިސްނުނެވެ. މަންމަ އާ ދިމާއަށް ބަލަން އިނދެވުނީއެވެ. ސުވާލުން ފުރިފައިވާ އެ ބެލުން ނާޒިމާއަށް ދޭހަކުރާކަށް އުނދަގުލެއް ނުވިއެވެ.

''ސަރީފާއްތަ ގެ ހުރީ އެންމެ ދަރިއެއް..... ސަރީފާއްތަ އާ އަލިބެގެ ގެ ދެލޯފަދައިން ލޯބިވާ އެމީހުންގެ ހުރި ހަމައެކަނި ދަރިފުޅު.... މިވަގުތު އޮތީ ހޮސްޕިޓަލުގައި އެޑްމިޓް ކޮއްފަ...'' ނާޒިމާ ޒާރާ ގާތުގައި އިށީދެލިއެވެ. ޒާރާ ހަމަ އެއިން ގޮތަށް އިނީއެވެ. ހިތުގައިވާ ސުވާލު ކުރިއަށްވުރެ ގިނަވާގޮތް ވިއެވެ. އަލިބެ އާ ސަރީފާއްތަގެ ދަރިފުޅު ބަލިވީމާ ޒާރާ ހޮސްޕިޓަލަށް ދާންޖެހޭ ސަބަބެއް އޭނާ އަކަށް ނުވިސްނުނެވެ.

''ދެން މަންމަ ދާންވީނު އެމީހުނާއެކު....'' މަންމަ މޫނަށް ބެލުމެއް ނެތި ޒާރާ ޖަވާބު ދިނެވެ. ނިދީގެ ސަބަބުން ފޫހިކަމެއް ޒާރާގެ މޫނު މައްޗަށް ވެރިވި ނަމަވެސް ޖަވާބުދިނީ މަޑުމައިތިކަމާ އެކުގައެވެ. ނާޒިމާ ޒާރާގެ ދިގު އިސްތަށިގަނޑުގައި ފިރުމާލިއެވެ. ޒާރާ އަށް ކުރިން މަންމަގެ ފަރާތުން މިފަދަ ފިރުމުމެއް އިހްސާސް ކުރެވުނު ދުވަހެއް ހަނދާނެއް ނެތެވެ. ހައިރާން ކަމާއެކު އޭނާއަށް ބަލާލެވުނީ މަންމަގެ މޫނަށެވެ. ނާޒިމާގެ ލޮލުން ފެނުނީ އޯތެރިކަމާ ކުލުނެވެ. އެ ފިރުމުން ތަކަކަށްޓަކައި ހިތް އެދިގޮވާ ފިރުމުން އިހްސާސްކުރެވުމުން ޒާރާގެ ހިތް މަންމަ އަށްޓަކައި ލޯބިން ފުރުނެވެ. މައިވަންތަ ކަމުގެ ލޯތްބާ ކުލުނަށް އެދި ފެންބޮވައިގެންފައިވާ ހިތަކަށް އެ ލޯބި އިހްސާސް ވުމުން ޖަޒުބާތުގެ ކޯރު ފުރި ބަންޑުންވިއެވެ. ޒާރާގެ އެރީތި ދެލޮލުން ކަރުނަ ނީރާލިއެވެ.

''ދަރިފުޅު ދާންއެބަޖެހޭ... މިއީ މަންމަގެ ވަރަށްބޮޑު އެދުމެއް....'' އިންތަނުންތެދުވެ ޒާރާގެ ކުރިމަތީގައި ނާޒިމާ ހުއްޓުނެވެ.  ''މަންމަ އުއްމީދު ކުރަން ދަރިފުޅު މަންމަގެ މި އެދުން ފުރިހަމަ ކޮށްދޭނެކަމަށް... '' ޒާރާގެ ކޯތާފަތުގައި ފިރުމާލުމަށްފަހު ނާޒިމާ ހިނިތުންވެލިއެވެ. އެ ހިނިތުންވުމުގައި ފޮރުވިފައިވަނީ ކޮން އެއްޗެއްކަމެއް ޒާރާ އަކަށް ނޭނގެއެވެ. ޒާރާގެ ޖަވާބަކަށް އިންތިޒާރު ކުރުމެއްނެތި ނާޒިމާ ކޮޓަރިން ނިކުމެ ދޮރު ލެއްޕިއެވެ.

ޒާރާ އަކީ މަންމަ ބުނާ ބަސްއަހާ ކުއްޖެކެވެ. އެންމެ ތުއްތު އިރުއްސުރެ މިއަދާ ހަމައަށްވެސް އޭނާއަކީ މަންމަގެ ކުރިމަތީގައި ދެބަސްވާ ކުއްޖެއްނޫނެވެ. މަންމަގެ ހަރުކަށިކަމަށް ހޭނި ކުރާ ކޮންމެ އަމުރަކަށް ބޯލަނބަނީ ކިޔަމަންތެރިކަމާއެކުގައެވެ.

ޒާރާ މަޑުމަޑުން ތެދުވެ ފާހާނާއަށްވަދެ ފެންވަރާލިއެވެ. މުޅި ރޭ ހޭލާހުރުމުގެ ސަބަބުން ހަށިގަނޑަށް ލިބިފައިވާ ލޮޑުކަމާ  ވަރުބަލިކަން ފިލުވާލުމަށްޓަކައެވެ. އަވަސް އަވަހާ ތައްޔާރު ވެލައިގެން ސިޓިންރޫމަށް ޒާރާ ނިކުތެވެ. މަންމަ ގާތުގައި ސޯފާގައި ދެބައި އުމުރުގެ އަންހެނަކު އިނެވެ. އެމީހުން ތިބީ ނިކަން އޮލަ ވާހަކައެއްގައެވެ. އެއީ އެބުނާ ސަރީފާއްތަ ކަމުގައި ޒާރާ ޔަގީން ކުރިއެވެ.

''ދަރިފުޅާ.... މީ ސަރީފާއްތަ....'' ނާޒިމާގެ މޫނުން ފެންނަނީ އުފާވެރިކަމެވެ.

''އާދޭ ... ޒާރާ... ހާދަ ބީރައްޓެހިކޮށް ތި ހުންނަނީ... އާދޭ މިތާ އިށީނދެލަން....'' ސަރީފައްތަ އެދުނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް