ރައްޔިތުންގެ މަޖިލީހުގެ 19 ވަނަ ދައުރަށް އިންތިހާބުވެވަޑައިގެންނެވި މެމްބަރުން މިރޭ ހުވާކުރައްވައިފިއެވެ.
އެ މެމްބަރުން ހުވާކުރެއްވީ، މެމްބަރުން ހުވާކުރެއްވުމަށް މިރޭ ބޭއްވި ޖަލްސާގައެވެ.
މިރޭގެ ޖަލްސާގައި ހުވާކުރެއްވީ 86 މެމްބަރުންނެވެ. ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ މިރޭ ހުވާކުރައްވާފައެއް ނުވެއެވެ. މަޖިލީހުން ވިދާޅުވިގޮތުގައި ރިޒާ ހުންނެވީ އުމްރާގައި ކަމުގައި ރިޒާ މައުލޫމާތު ދެއްވާފައިވެއެވެ. އަދި އުމްރާއިން ވަޑައިގެންނެވުމުން ރިޒާ ހުވާކުރުމުގެ ކަންކަން ކުރިއަށްދާނެއެވެ.
މެމްބަރުންނަށް މިރޭ ހުވާލައިދެއްވީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީއެވެ.
މަޖިލީހުގެ އިތުރު ޖަލްސާއެއްވެސް މިރޭ ބާއްވާނެއެވެ. އެއީ މަޖިލީހުގެ ރައީސާއި ނައިބު ރައީސް ހޮވުމަށް ބާއްވާ ޖަލްސާއެވެ. މި ޖަލްސާގައި ރިޔާސަތު ބަހަލައްޓަވާނީ މަޖިލީހުގައި މެދުނުކެނޑި އެންމެ ގިނަދުވަސްވީ އެއް މެމްބަރު މީދޫ ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމެވެ.
މި ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 10:30ގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް