ގއ. ވިލިނގިލީގައި އެއް އިންޖީނު ހަލާކުވެ އަނެއްކާވެސް ރައްޔިތުން ކަރަންޓަށް ޖެހިއްޖެ

ގއ. ވިލިނގިލީގައި ކަރަންޓު ހިދުމަތް ދެމުން އަންނަ ފެނަކައިގެ އިންޖީނުގޭގައި ބޭނުންކުރާ ދެ އިންޖީނުން ކުރެ އެއް އިންޖީނު ހަލާކުވެ އެ ރަށުގެ ރައްޔިތުންނަށް ރަނގަޅަށް ކަރަންޓު ލިބުމުގައި ދަތިތަކެއް މެދުވ...

28 May 2019 | 16:54

ގއ. ވިލިނގިލީގައި ކަރަންޓު ހިދުމަތް ދެމުން އަންނަ ފެނަކައިގެ އިންޖީނުގޭގައި ބޭނުންކުރާ ދެ އިންޖީނުން ކުރެ އެއް އިންޖީނު ހަލާކުވެ އެ ރަށުގެ ރައްޔިތުންނަށް ރަނގަޅަށް ކަރަންޓު ލިބުމުގައި ދަތިތަކެއް މެދުވެރިވެއްޖެއެވެ.

ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި އެ ރަށުގެ އިންޖީނު ގޭގެ އެއް އިންޖީނަށް މައްސަލަ ދިމާވީ މިއަދުގެ ހަވީރުގެ ވަގުތެއްގައެވެ. އެއަށްފަހު ކަރަންޓު ދެމުން އަންނަނީ ގެތައް އެކި ފޭސްތަކަށް ބަހާލައިގެންނެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން އެ ރަސު ކައުންސިލް މެމްބަރު ހަބީބު ހަސަން ވިދާޅުވީ ރަށުގެ ކަރަންޓު ހާލަތާއިމެދު މިވަގުތު އެ ރަށުގެ އިންޖީނުގޭ އިސް ފަރާތަކާ މަޝްވަރާ ކުރެވުނު ކަމަށެވެ. އެގޮތުން ރަށުގެ އެއް އިންޖީނު ހަލާކު ވުމުން ރަށުގެ މަގު ބައްތިތަކާއި ބަނދަރު ބައްތިތައް އަދި ސަރުކާރު އޮފީސްތަކުގައި ކަރަންޓު ކަނޑާލައި ނުވަތަ މަދުކޮށްގެން ނަމަވެސް ރައްޔިތުންނަށް ކަރަންޓު ދެވޭތޯ މަސައްކަތް ކުރަމުން އަންނަކަމުގައި އިންޖީނުގެއިން ވިދާޅުވި ކަމުގައި ހަބީބް ވިދާޅުވިއެވެ.

ހަބީބް ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގައިވެސް އެ ރަށަށް ހަމަ މި ހާލު ޖެހުނު ކަމަށާއި އޭރުވެސް ހަލާކުވި އިންޖީނު މަރާމާތުކޮށސްގެން ފުއްދާލީ ކަމަށެވެ. އަދި މިހާރުވެސް މިޖެހުނީ ހަމަ އެ ހާލަތު ކަމުގައި އޭނާ ވިދާޅުވިއެވެ.

"ރަށުގެ މަގުބައްތިތަކާ ބަނދަރު ބައްތިތަކާ ނިއްވާލައިގެން އަދި ގޭބިސީތަކުގައި ބޭނުން ކުރާ ހައި ވޯލްޓޭޖް ބޭނުންކުރާ ކަރަންޓު ސާމާނު ބޭނުން ނުކޮށް ނަމަވެސް އިންޖީނުގެއިން މަސައްކަތް ކުރަމުންދަނީ ރަށުގެ ރައްޔިތުންނަށް ކަރަންޓު ފޯރުކޮށްދެވޭތޯ" ކައުންސިލް މެމްބަރު ހަބީބް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ކޮންމެ ސަރުކާރަކުންވެސް ވިލިނގިލީ ކަރަންޓު ހާލަތައް މާ ބޮޑު ސަމާލުކަމެއް ނުދޭކަމީ ހިތާމަކުރައްވާ ކަމެއް ކަމަށެވެ. މި ސަރުކާރުންވެސް އެ މައްސަލައަށް އަދި މާބޮޑު އަޅާލުމެއް ދީފައި ނުވާކަމުގައިވެސް އެމްޑީޕީ އަށް ނިސްބަތްވާ ކައުންސިލް މެމްބަރު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ރަށުގެ ކަރަންޓަށް ދިމާވި މި މައްސަލަ ހައްލު ކުރުމަށް ފެނަކައިގެ އިސްވެރިންނާއި ގުޅިގެން ރަށުގެ ފެނަކައިން މަސައްކަތް ކުރަމުން އަންނަ ކަމުގެ މައުލޫމާތު ލިބިފައިވާކަމަށެވެ. އަދި ކައުންސިލުންވެސް މިކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ކައުންސިލް ކުރެން ރަށުގެ ފެނަކައިން އެދިލައްވާފައިވާކަމުގައިވެސް ވިދާޅުވިއެވެ.

އެ ރަށުގައި މިހާރު ކަރަންޓު ދެމުން އަންނަނީ ގެތައް ފޭސްތަކަކަށް ބަހާލައިގެންނެވެ. އަދި މިރޭ 12 އިން ފެށިގެން އިރު އަރަންދެން މުޅި ރަށަށް ކަރަންޓު ދެވޭތޯ ބަލާނެ ކަމުގެ މައުލޫމާތުވެސް ކައުންސިލް މެމްބަރު ހަބީބު، އެ ރަށު ފެނަކައާއި ހަވާލާދީ ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް