ށ. އަދި ހއ. އަތޮޅުން މަސްތުވާތަކެއްޗާއި އެކީ ތިން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ވެބްސައިޓްގައި ވާގޮތުން، ހއ. އިހަވަންދޫ ޕޮލިސް ސްޓޭޝަނާއި، ށ. ފުނަދޫ ޕޮލިސް ސްޓޭޝަނާއި އަދި ށ. މިލަންދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަންތަކެއްގައި 21 އަހަރުގެ ދެ މީހަކާއި 34 އަހަރުގެ މީހަކާއި 41 އަހަރުގެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
މި ހަތަރު މީހުންގެ ތެރެއިން 34 އަހަރުގެ މީހާއާއި 41 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ށ. ފުނަދޫގައި މަސްތުވާތަކެތި ބޭނުންކޮށް އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ރޭ ދަންވަރު 02:45 ހާއިރު ހިންގި އޮޕަރޭޝަންގައި އެރަށު މަގުމަތިން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. މިދެމީހުންނަށް ފުލުހުން ފެނުމުން އުކައިލި އެއްޗެހިތަކެއް ނަގައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަތަރު ރަބަރު ޕެކެޓު ވަނީ ފެނިފައިވެއެވެ.
21 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ މާލެއިން ފުރައިގެން ށ. މިލަންދުއަށް ދަތުރުކުރަމުންދާ ލޯންޗަކުން މިލަންދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުމުގެ ތެރޭގައި، މިމަހުގެ 27 ވަނަ ދުވަހުގެ 18:15 ހާއިރު އެވެ. މި މީހާ ހައްޔަރުކޮށްފައި ވަނީ އެރަށު މަގުމަތިން ކަމަށާއި، ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ރަބަރު ޕެކެޓާއި، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ބިޑިއެއް ފެނިފައިވަކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މީގެ އިތުރުން ހއ. އިހަވަންދޫ އިން މިމަހުގެ 27 ވަނަ ދުވަހު 21 އަހަރުގެ މީހަކުވަނީ މަސްތުވާތަކެތި ބޭނުންކޮށް އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ޝައްކުކުރެވިގެން އެރަށު މަގުމަތިން ހައްޔަރުކޮށްފައެވެ. މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރިއިރު މިމީހާގެ އަތުގައި އޮތް ކޮތަޅެއްގެ ތެރޭގައި އޮތް ޝޭންޕޫ ފުޅިއެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 13 ސެލޯފިންކޮޅު ފެނިފައިވާކަމަށް ފުލުހުންގެ ވެބްސައިޓް ގައި ވަނީ އާންމުކޮށްފައެވެ.
މި ތިން މައްސަލަވެސް ފުލުހުންދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް