ސިންގަޕޫރުގައި ދެ ރަބަރު ބޭންޑް މަގުމައްޗަށް އެއްލައިލި މީހަކު ޖޫރިމަނާކޮށްފިއެވެ.
ނޭޝަނަލް އެންވަޔަރަމެންޓް އެޖެންސީ (އެންއީއޭ)ގެ ފޭސްބުކް ޕޭޖުގައި އާންމުކުރި ޖޫރިމަނާ ޓިކެޓަކުން ފެންނަގޮތުގައި އެ މީހާ ޖޫރިމަނާކޮށްފައި ވަނީ 300 ޑޮލަރުންނެވެ.
ދެ ރަބަރު ބޭންޑް މަގުމައްޗަށް އެއްލާލައިގެން މީހަކު ޖޫރިމަނާ ކުރުމުން ގިނަ ބަޔަކު ތިބީ ހައިރާންވެފައެވެ. މީހުން ޖޫރިމަނާކުރަން ޖެހޭނީ އެމީހާ މަގުމައްޗަށް އެއްލާލާ އެތީގެ ސައިޒުން ކަމަށް ގިނަ ބަޔަކު ބުނަމުން ދިޔައެވެ.
އެންއީއޭ އިން ބުނިގޮތުގައި، އެމީހާ މަގުމައްޗަށް ދެ ރަބަރު ބޭންޑް ވައްޓައިލަނިކޮށް އެ އެޖެންސީގެ އޮފިސަރަކަށް ފެނުމާއި އެކީ ޖޫރިމަނާ ޓިކެޓު ވަގުތުން އެމީހާގެ އަތައް ވަނީ ދީފައެވެ.
އެންއީއޭ އިން އިތުރަށް ބުނިގޮތުގައި، މީގެ ކުރިން މަގުމައްޗަށް ކުނި އަޅައިގެން އެގޮތަށް ބައިވަރު މީހުންނަށް ވަގުތުން ޖޫރިމަނާ ޓިކެޓް ދީފައި ވާނެ ކަމަށެވެ. އޭގެ ތެރެއިން ގިނަ ވާނީ ހުސް ދަޅާއި، ކާއެއްޗެހީގެ ހުސް ޕެކެޓްތައް މަގުމައްޗަށް އަޅާ މީހުންނެވެ.
އިތުރަށް އެ އެޖެންސީން ބުނީ، މަގުމައްޗަށް ކުނި އެޅުމަކީ ތިމާވެއްޓަށް ގެއްލުން ލިބޭ ކަމެއް ކަމަށާއި، ކިތަންމެ ކުޑަ އެއްޗެއް މަގުމައްޗަށް އެއްލާލި ކަމުގައި ވިޔަސް ޖޫރިމަނާ ކުރާނެ ކަމުގައެވެ. އަދި މަގުތައް ސާފުކޮށް ބޭއްވުމަކީ ކޮންމެ މީހެއްގެ ފަރުދީ ޒިންމާއެއް ކަމުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް