ހެނދުނު ނާޝްތާއަކީ ދުވަހުގެ ފެށުމެވެ. ހެނދުނު ނަގާ ނާޝްތާއަކީ ދުވަހުގެ އެންމެ މުހިންމު ކެއުން ވެސް މެއެވެ. ހެނދުނުގެ ނާޝްތާ ރަގަޅަށް ކޮށްފިނަމަ ދުވަހުގެ ބާކީ ބައި ކުރިއަށް ދާނީ ރަގަޅަށޭ ގިނަ ޑޮކްޓަރުންނާއި ސައިންސްވެރިންވެސް ބުނެއެވެ. ދިވެހިން އާންމު ގޮތެއްގައި ހެނދުނު ހޭލައިގެން ބޮނީ ކިރުތައްޓެއް ނުވަތަ ކޮފީ އެކެވެ. ޑައިޓް ކުރާ މީހުން އާންމުގޮތެއްގައި ކާނީ ސީރިއަލް އެވެ. ގިނަ މީހުން އަބަދުވެސް ހެނދުނުގެ ނާޝްތާ ވަރަށް ލުއިކޮށް އަދި ވަރަށް ފައިދާ ހުރި ތަކެތި ކެވޭތޯ މަސައްކަތް ކުރެއެވެ. ނަމަވެސް މިފަހަރުގެ ދިރާސާއިން ދެއްކި ނަތީޖާ ފަހަރެއްގައި ގަބޫލުކުރަން ދަތި ވެދާނެއެވެ.
ނިއުޔޯކް ގެ ސައިންޓިސްޓުންތަކެއް ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ހެނދުނުގެ ނާޝްތާ އަށް ސީރިއަލް އަށް ވުރެވެސް ރަގަޅީ ޕިއްޒާ އެވެ. ނިއުޓްރިޝަނިސްޓް ޗެލްސީ އެމަރ އިސްވެ ހުރެގެން ކުރި މި ދިރާސާއިން ދައްކާގޮތުގައި، ހެނދުނުގެ ނާޝްތާގެ ގޮތުގައި ޕިއްޒާ އަކީ ފައިދާ ހުރި ކާނާ އެކެވެ.
ޕިއްޒާ އާއި ސީރިއަލް އަޅާކިއުމަށް ކުރި މި ދިރާސާއިން ދައްކާގޮތުގައި އެއް ސްލައިސް ޕިއްޒާ ގައި ކެލޮރީ ހުންނަވަރަށް ކިރުތައްޓަކަށް ސީރިއަލް އެޅުމުން ހުރެއެވެ. އަދި މި ދިރާސާއިން ފާހަގަވި އެންމެ މުހިންމު ކަމަކީ، ޕިއްޒާގައި ސީރިއަލް އަށްވުރެ ޕްރޮޓީން ހުންނަ ވަރު މަދުވެފައި ހަކުރު ވެސް މަދުކަމެވެ. މާގިނައިން އެއްފަހަރާ ޕްރޮޓީންގެ މާއްދާ ހުންނަ އެއްޗެހި ކެވެއްޖެ ނަމަ ވަރަށް އަވަހަށް އަދި ގިނަ އިރު ބަނޑު ފުރިފައި ހުރެއެވެ. ނަމަވެސް ޗެލްސީ ފާހަގަކުރި ގޮތުގައި، ބަރުދަން ލުއި ކުރަން ބޭނުންވާ މީހުންނަށް ގިނައިން ސީރިއަލް ކެވިދާނެއެވެ. ބަރުދަން އިތުރުކުރަން ބޭނުންވާ މީހުންނަށް ހެނދުނުގެ ނާޝްތާ އަށް ޕިއްޒާ ކެއުމަކީ ހަމަ ވަރަށް ފައިދާ ކުރާނެ ކާނާ އެކެވެ.
ނަމަވެސް ޑރ.ޗެލްސީ ބުނިގޮތުގައި، އަބަދު ހެނދުނުގެ ނާޝްތާއަށް ޕިއްޒާ ކެއުމެއްވެސް ރަގަޅެއް ނުވާނެއެވެ. ޝުގަރީ ސީރިއަލް އަށްވުރެ ޕިއްޒާ މާބޮޑަށް ވެސް ރަގަޅު ކަމަށް ޗެލްސީ ފާހަގަކުރިއެވެ. ޕިއްޒާގައި ފެޓްސް ގެ މާއްދާ ގިނަވެފައި ހަކުރު މަދުވުމުގެ ސަބަބުން ހެނދުނުގެ ނާޝްތާ އަށް ހަފްތާއަކު ދެ ފަހަރު ޕިއްޒާ ކެއުން އެއީ މައްސަލައެއް ނޫން ކަމަށްވެސް ޗެލްސީ ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް