ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް، ބޭނުންކުރާ ދެ ގެއެއް ބަލާ ފާސްކޮށް، 37 މީހަކު ހައްޔަރުކޮށްފިއެވެ.
މިމަހުގެ 26 ވަނަ ދުވަހު ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކޮށްފައި ވަނީ ގ.ޕެލިކަން އާއި ގ.މެމޮރީވިލާ އެވެ.
ފުލުހުން ވިދާޅުވީ، މި މައްސަލައާއި ގުޅިގެން ގ.ޕެލިކަން އިން 19 އަހަރާއި 42 އަހަރާއި ދެމެދުގެ 11 ދިވެހި ފިރިހެނުންނާއި، 21 އަހަރުގެ ދިވެހި އަންހެނެއްގެ އިތުރުން، 17 އަހަރުގެ ކުޑަ ދެ ފިރިހެން ކުދިން ހައްޔަރުކޮށްފައި ވާކަމަށެވެ. އަދި ގ.މެމޮރީވިލާ އިން 19 އަހަރާއި 42 އަހަރާއި ދެމެދުގެ 24 ދިވެހި ފިރިހެނުން ހައްޔަރުކޮށްފައި ވާކަމަށެވެ.
މި މައްސަލައާއި ގުޅިގެން އެ ދެ ގެ ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި ހުތި 81 ރަބަރު ޕެކެޓު ފެނިފައި ވާކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.
މި ދެ ގެ ހުރީ ފުލުހުންނަށް ނުވަދެވޭނެހެން އިލެކްޓްރިކް އަދި މެކޭނިކް ލޮކް ސިސްޓަމް ހަރުކޮށް ތަޅުލާފައިކަން ވެސް ފުލުހުން ފާހަގަކުރިއެވެ. އަދި މި ދެ ގެ އަކީވެސް މަސްތުވާތަކެތި ގަނެގެން އޭގެ ބޭނުން އެ ގޭގައި ތިބެގެން ކުރެވޭނެ އިންތިޒާމް ވެސް ހަމަޖައްސާފައިވާ ދެ ގެ ކަން ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. މީގެ އިތުރުން މި ދެ ގޭގައިވެސް މަސްތުވާތަކެތި ބޭނުންކުރާ ކުޑަކުދިންނާއި، އަންހެނުން ޝާމިލް ކުރާކަން ވެސް ފުލުހުން ފާހަގަކުރިއެވެ.
ކުޑަ ދެކުދިން ދިޔަވާ ދެން ތިބި އެންމެންނަށް ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ ތިން ދުވަހުގެ މުއްދަތެއް ޖަހާފައި ކަމަށް ފުލުހުން ވިދާޅުވިއެވެ. 17 އަހަރުގެ ކުޑަ ދެކުދިން ވަނީ ގޭ ބަންދަށް ބަދަލުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް