ބުރުސޫރަ- ތިރީސް ވަނަ ބައި

ކުރީގެ އަދަދާ ގުޅޭ.... "ދެން ހަމަ މީހަކު އެއްޗެއް ބުނާއިރަށް ގަބޫލުކުރަން ޖެހޭތަ؟" ޒިއަން ހުރީ ރުޅި އައިސްގެން ފަޅައިގެން ދާން ކައިރިވެފައެވެ. ޒިއަންގެ އަޑު އިވުމުން ޒާހިދާގެ އިތުރުން ޝާހިދު ވެސް ހުރީ...

28 May 2019 | 04:34

ކުރީގެ އަދަދާ ގުޅޭ....

"ދެން ހަމަ މީހަކު އެއްޗެއް ބުނާއިރަށް ގަބޫލުކުރަން ޖެހޭތަ؟" ޒިއަން ހުރީ ރުޅި އައިސްގެން ފަޅައިގެން ދާން ކައިރިވެފައެވެ. ޒިއަންގެ އަޑު އިވުމުން ޒާހިދާގެ އިތުރުން ޝާހިދު ވެސް ހުރީ ހައިރާންވެފައެވެ.

"ލޮލުން ފެނުނީމަ ގަބޫލުކުރީ... މަންހާގެ ކެވެލިކޮޅު އޮތީ ބާލިސް ދަށުގަ... މި ޕެކެޓުން ވެސް އިނގޭ އޭނަ މަސްތުވާތަކެތި ބޭނުންކުރާކަން... އެހެން ނޫންނަމަ ތި ކޮޓަރިން މި ފެންނަންވީ ކީއްވެ؟ ނޫނީ މީ ޒިއަން ބޭނުންކުރާ އެއްޗަކީތަ؟" ޝާހިދު ވެސް ވާހަކަ ދެއްކީ ހަމަ ޒިއަން ވާހަކަ ދެއްކި ރާގުގައެވެ. އެ ޕެކެޓަށް ބަލައިލުމަށްފަހު ޒިއަން ބޮލަށް އަތް ނެގިއެވެ. މި ވެހޭ ވިއްސާރައިގައި ރާނީ ދާނީ ވެސް ވަކި ކޮންތާކަށް ހެއްޔެވެ.

"ކޮންތާކަށްތަ ދާނީ މި ރޭގަނޑު" ގޮތް ހުސްވެފައިވާ ފަދަ ރާގަކަށް ޒިއަން ބުނެލިއެވެ. އަދި ސިޓިން ރޫމް މޭޒުމަތީ އޮތް ޝާހިދުގެ ކާރު ތަޅުދަނޑި ހިފައިގެން ދުއްވައިގަތެވެ.

"ޒިއަން ނުވާނެ ބައްޕަ ކާރު ދުއްވައިގެންނެއް" ޝާހިދު މިހެން ބުނެ ނިމުން އިރު ޒިއަން ކާރަށް އަރައި ސްޓާޓް ކޮށްލައިފިއެވެ.

މާލޭގެ ކާރޫބާރޫ ބޮޑެތި މަގުތައް މަތީ ޒިއަން ދުއްވަމުން ދިޔައެވެ. ރާނީގެ ފޯނަށް ގުޅުން ވަރެއް ވެސް ނޭންގެއެވެ. ފޯނު ވަނީ ނިއްވައިލައިފައެވެ. މާޒިން އަށާއި އީމާން އަށް ގުޅުމަށްފަހު ރާނީ ގެއިން ނިކުމެގެން ދިޔަ ވާހަކަ ބުނިއިރު ޒިއަންގެ ލޮލުން ކަރުނަ އައިސްފިއެވެ. ވީ ކީއްތޯ މިވަގުތު މުހިންމެއް ނޫނެވެ. މުހިންމީ ރާނީ ދިޔަ ތަނެކެވެ. މި މާލޭގައި ރާނީ ދަންނަ މީހެއްވެސް ނޫޅޭނެއެވެ. ޒިއަން ދެން ގުޅީ ޒައިނާ އަށެވެ. ޒައިނާ އަށް ގުޅުމަށްފަހު ވީ ގޮތް ކުރުކޮށް ކިޔައިދިނެވެ.

އަލްމާ ނިންދަވަން އިން ޒައިނާ ވެސް ހާސްވިއެވެ. އެނދުމަތީ އޮތް އާލިމް ވީ ކީއްތޯ ޒައިނާ ކައިރީގައި އަހަމުން ދިޔައެވެ.

"އާލް ބޭބީ ނިންދަވާލަބަލަ ދާން ޖެހިއްޖެ" އާލިމްގެ އަތައް އަލްމާ ދިނުމަށްފަހު އިތުރު އެއްވެސް އެއްޗެއް ނުބުނެ ޒައިނާ ނިކުމެގެން ދިޔައެވެ. އާލިމް ވެސް އިނީ ވާނުވާގައެވެ. ޒައިނާ ވެސް ކާރުގައި މަގުތައް މަތީ ދުއްވަން ފެށިއެވެ.

ގަޑިން އެކެއް ޖަހަނީއެވެ. ދަން ގަޑިއެއް ކަމުންނާއި، ވިއްސާރަ ރެއެއް ކަމުން ދުއްވާ އެއްޗެހި ވެސް ވަރަށް މަދުވެއްޖެއެވެ. ވާރޭ ތުނިކޮށްލައިފިއެވެ. ނަމަވެސް ވަރަށް ވައި ގަދައެވެ. އުސްފަސްގަނޑު ކައިރިން ރާނީ ހިނގަމުން ދިޔައީ ވަރަށް ވެސް މަޑުންނެވެ. ތެމިފައި ހުރުމުން އިސްތަށިގަނޑު އޮތީ މޫނުގެ އެއްފަޅީގައި ތަތްލާފައެވެ. ވަރުބަލިވެގެން އުސްފަސްގަނޑު ގައި ރާނީ މަޑުކޮށްލިއެވެ. އެވަގުތު އެހިސާބުން އެއްވެސް މީހެއްގެ ހިލަމެއް ނުވެއެވެ. މޫދަށް ބަލަން އިން ރާނީ ސިހުނީ ކައިރިން ބަޔަކު ވާހަކަ ދައްކާ އަޑު އިވުމުންނެވެ. ނަމަވެސް އެކަމަށް ސަމާލުކަން ނުދީ ރާނީ އިނީ މޫދަށް ބަލާށެވެ. ރާނީ ވިސްނަމުން ދިޔައީ ޒިއަން އާއި ދޭތެރޭގައެވެ. މިރޭ މިވީ އެއްވެސް ކަމެއް ޒިއަން އަކަށް ނޭންގޭނެއެވެ. ޒިއަން އަށް އެނގިއްޖެ ނަމަ ގަބޫލު ކުރާނީ ކާކު ދައްކާ ވާހަކައެއް ހެއްޔެވެ. ހަގީގަތުގައި ވެސް ރާނީ އަށް ޖެހޭނީ ޒިއަންގެ ދިރިއުޅުމުން ދުރަށް ދާން ހެއްޔެވެ. މީ މަންހާ ގަސްތުގައި ރާނީ އަށް ދިން ލަނޑެއްކަން ޒިއަން ގަބޫލު ކުރާނެ ހެއްޔެވެ. މާލެ އައުމަށްފަހު ޒިއަން އޭނާ ހޯދަން ދާނެ ހެއްޔެވެ. ނޫނީ މަންމަ އާއި ބައްޕަގެ ވާހަކަތައް ގަބޫލުކޮށްފައި ރާނީ މަތިން ހަނދާން ނައްތައިލާނީ ހެއްޔެވެ. ރާނީ މޫނުގައި އަތް އެޅުމަށްފަހު ބޯ ހޫރައިލިއެވެ.

"މަންޖެ އެކަނި ކީއްކުރަނީ؟" ވަރަށް ކައިރިން މީހެއްގެ އަޑު އިވުނެވެ. ނަމަވެސް ރާނީ ހަމަ އެއިން ގޮތަށް އިނީއެވެ.

"އޭތް ބީރީތަ؟ މި ފިނިރޭ މީހަކު ކަމެއް ކޮށްފާނެ" ދެން ވެސް އިވުނީ ހަމަ އެ ބަރު އަޑެވެ. ރާނީ އިސްއުފުލައި އެމީހާގެ މޫނަށް ބަލައިލިއެވެ. ރާނީ ބަލައިލުމުން އެމީހާ ދިޔައީ ސިއްސައިގެންނެވެ. މޫނު މަތިން އަތް ނެގުމުގެ ތެރޭގައި ރާނީގެ މޫނު ވަނީ އެކަށް ހާމަވެފައެވެ. ރާނީ ބަލައިލުމުން އެމީހާ ދެލޯ ބޮޑުވެގެން ދިޔައެވެ. ރާނީގެ ބޮޑު ދެލޯ ފެނުމުން އެމީހާ މަޑުމަޑުން ދާން ހިނގައިގަތެވެ. އެމީހާ ދިޔަ ދިމާލަށް ބަލަން އިނުމަށްފަހު އަނެއްކާވެސް ރާނީގެ ނަޒަރު މޫދަށް ހިންގައިލިއެވެ.

ދުވެފައި ދިޔަ އާޒިމް ދުރުގައި އިށީންދެ އިން އަންހެން ކުއްޖާ ދައްކައިލިއެވެ.

"ހަންޑިއެއް ހަންޑިއެއް" އެ ފިނި ރޭ އާޒިމްގެ ގައިން ހުރީ ދާހިއްލާފައެވެ.

"ތީ އެމަންޖެ އާ ފޮށެން ދިޔަ ކަލޭގެ... ކިހިނެއްތަ ވީ؟" ކައިރީ ހުރީ ޝިފާޒު ބުނެލިއެވެ.

"އެއީ ހަންޑި އެއް... ދެ ލޯ ވެސް... މޫ.. އޭނަގެ މޫ... މޫނުވެސް" އާޒިމް ބުނަން އުޅުން ޖުމްލަ ބުނެވުނީ ވަރަށް އުނދަގުލުންނެވެ. ހަތަރު މީހުން އެއްފަހަރާ އެ ދިމާލަށް ހިނގައިގެތެވެ. އާޒިމް ހުރީ އެންމެންގެ ފަހަތުގައެވެ.

"އޭތް.." ޝިފާޒު ގޮވައިލިއެވެ. ނަމަވެސް އެކުއްޖާ އަޅައެއް ނުލައެވެ.

ބަޔަކު ފަހަތުގައި ތިބިކަމުގެ އިހުސާސް ރާނީ އަށް ކުރިއެވެ. އެހެންކަމުން މޫނު ފޮރުވައިލިއެވެ. އަދި ފަހަތް ބަލައިލިއެވެ.

"މަ ބުނީމެއްނު ހަންޑިއެކޭ" އާޒިމް ބިރުން ކައިރީ ހުރީ މަފާޒުގެ ފަހަތައް ވަނެވެ. ރާނީ އެތަނުން ދާން ހިނގައިގަތެވެ.

"އޭ މަޑުކޮށްބަލަ އެއީ ޒިއަންގެ އަންހެނުންތަ؟" ޝިފާޒު ބުނެލިއެވެ. އެއީ ޒިއަންގެ ކްލާސް ކުދިބައެކެވެ. ކޮލެޖުގައި ޒިއަން އާއި ރާނީ ކައިވެނި ކުރި ވާހަކަ އިއުލާން ކުރިއިރު ޝިފާޒު ވެސް އެތާ ހުއްޓެވެ. ޝިފާޒުގެ އަޑު އިވުމުން ރާނީ ފަހަތް ބަލައިލިއެވެ.

"އެއީ ޒިއަން އަންހެނުން ހަމަ... އެ މަންޖެ މިތާ ކީއްކުރަނީ އެ؟ ގުޅާ ޒިއަން އަށް" ޝިފާޒު ބުނެލިއެވެ. ޒިއަން އަށް ގުޅަން އުޅޭކަން އިނގުމުން ރާނީގެ ހިނގުން ބާރުކޮށްލިއެވެ. ނިވިފައި އޮތް ފޯނަށް ބަލައިލުމަށްފަހު ފޯނު މޫދަށް އެއްލައިލިއެވެ.

"ޒިއަންގެ އަންހެނުންނޭ؟ އެއީ ހަންޑިއެއް ހަމަ" އާޒިމް އަދިވެސް ހުރީ ހާސްވެފައެވެ.

" އެ މަންޖެ ކޮންތާކަށް އެދަނީ ހިނގާ ފަހަތުން ދާން... ޒިއަން ނުނަގާތަ ފޯނެއް؟ ޒިއަން އޭ ބުނީމަ ބަލާބަލަ ހިނގުން ވެސް ބާރު ކޮށްލައިފި" މަފާޒު ބުނެލިއެވެ. އަދި ރާނީގެ ފަހަތުން ހިނގައިގަތެވެ. ރާނީ ފަހަތް ބަލަމުން ހިނގުން އެޔަށްވުރެ ބާރުކޮށްލިއެވެ.

މާޔޫސް ވެފައި އިން ޒިއަން އިނީ ކާރު ތެރޭގައި ތުންފަތުގައި ދަތް އަޅައިގެންނެވެ. އީމާން އާއި މާޒިން ވެސް ސައިކަލުގައި ދުއްވަ ދުއްވާފައި އައިސް މިހާރު ތިބީ ޒިއަންގެ ކާރުގައެވެ.

"މަންހާގެ ކަންތައް ހަމަ އެއީ" ކުރީ ސީޓުގައި ގޮށްމުށުން ޖަހައިލަމުން މާޒިން ބުނެލިއެވެ. އީމާން އިނީ އަނގައިން ވެސް ނުބުނެއެވެ. މި ދެކެވެނީ އޭނާގެ އަލަތު ލޯބީގެ ވާހަކައެވެ. މަންހާގެ ދުލުން އެއީ ތެދެކޭ ނުބުނަނީސް އީމާން ގަބޫލެއް ނުކުރާނެއެވެ.

"ރާނީ ވެސް ޖެހޭތަ ދާން މީހަކު އެއްޗެއް ބުނާއިރަށް" ޒިއަން އަށް އިނީ ރޮވިފައެވެ. އެވަގުތު ޒިއަންގެ ފޯނު ރިންގް ވާން ފެށިއެވެ. ފޯނު އޮތީ އީމާންގެ އަތުގައެވެ.

"އޭ އެއްކަލަ ޝިފާޒު މި ގުޅަނީ" އީމާން ބުނެލިއެވެ.

"ލާރި ހޯދަން ކަންނޭންގެ... ނަގާނެ ކަމެއް ނެތް" ޒިއަން ބުނެލިއެވެ. އީމާން ނަންބަރު ބިޒީކޮށްލިއެވެ.

"މިހާރު މިގުޅަނީ މަށަށް" މާޒިން ބުނެލިއެވެ.

"ނަގާ... ބުނެ މަށެއް ނެތޭ" ޒިއަން ބުނެލިއެވެ.

"އޭ ޒިއަން އެއް..." މާޒިން ބުނެ ބުނެ އިން ޖުމްލަ ތާށިވީ ޝިފާޒު ބުނި އެއްޗަކުންނެވެ.

****

ގޭތެރޭގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި މަންހާގެ ނޭވާ ހުއްޓުނީ ގޭގެ ރަނގަބީލު ޖެހުމުންނެވެ. އަނެއްކާ ޒިއަން ރާނީ ގޮވައިގެން އައީ ބާއެވެ. މަންހާ ހުރީ ދޮރަށް ބަލާށެވެ. އަނެއްކާވެސް ބެލް އަޅައިލި އަޑު އިވުނެވެ. މަންހާ ވަރަށް ބިރުން ހުރެ ދޮރު ހުޅުވައިލިއިރު ދޮރު މަތީގައި ހުރީ ޒައިނާ އެވެ. ޒައިނާ ފެނުމުން މަންހާ ފުން ނޭވާއެއް ދޫކޮށްލިއެވެ.

"ކަލޭ ނިކުމޭ ހަމަ މިހާރު މިގެއިން" މަންހާ ފެނުމާއި އެކީ ޒައިނާ ފުރަތަމަ ވެސް ބުނެލީ މިހެންނެވެ. މަންހާ ބޯ ހޫރައިލުމަށްފަހު އެތެރެއަށް ދެމިގަތެވެ.

"މީ މަގޭ ގެ ކަލޭ ޖެހޭނީ މިގެއިން ނިކުންނާން" ޒައިނާ ހަޅޭއްލަވައިގަތެވެ. ގޭތެރޭގައި އަޑުގަދަ ހެން ހީވުމުން ޒާހިދާ އާއި ޝާހިދު ވެސް ބޭރަށް ނިކުތެވެ.

"މި ދަންވަރު ކޮން ހަޅޭކެއް" ޒައިނާ ފެނުމުން ޝާހިދުގެ ނޭވާ ކުރުވި ކަހަލައެވެ.

"ބޭބޭ... ކުޑޫ އެކިޔަނީ މަން މި ގެއިން ދާށޯ... އެކަމަކު ކީއްވެ؟" ޝާހިދުގެ ކައިރީގައި ހުއްޓިލަމުން މަންހާ ބުނެލިއެވެ. މަންހާ އަށް ހުރީ ރޮވިފައެވެ.

ޝާހިދު ފެނުމުން ޒައިނާ ފަސްޖެހުނެވެ. ނަމަވެސް ޒިއަން އަށް މިރޭ އަސަރުކޮށްފައި ވަނީ އުމުރު ދުވަހުވެސް އަސަރު ނުކުރާހާ ބޮޑަށެވެ. ޒިއަން ރޯ އަޑު މީން ދުވަހަކު ޒައިނާ ނާހައެވެ. ޒިއަން އަށް ދެރައެއް ލިބުމަކީ ޒައިނާ އެދޭނެ ކަމެއް ނޫނެވެ.

"ޒައިނާ ކީއްކުރަނީ މިގަޑީގަ؟ ކޮން ހަޅޭކެއް ތި ލަވަނީ؟" ޒާހިދާ ހައިރާންވެފައި އަހައިލިއެވެ. ޒައިނާ ބައްޕަގެ މޫނަށް ބަލައިލިއެވެ.

"މަންހާ މިގެއިން ފޮނުވާލަން މިއައީ" މީން ދުވަހަކު ބައްޕަ ކުރިމަތީގައި އަނގައިން ބުނި ހަނދާނެއް ޒައިނާ ނުވެއެވެ. ނަމަވެސް މިރޭ މިވަނީ އާދަޔާ ހިލާފު ހިތްވަރެއް ލިބިފައެވެ.

"މީ ޒައިނާގެ ގެ ތަ؟ ތީ މިގޭ މީހެއް ނޫން... މިގޭގަ އުޅޭނެ މީހުންނާ ނޫޅޭނެ މީހުން އިނގޭނީ އަހަންނަށް" ޒައިނާގެ މޫނަށް ބަލައިލަމުން ވަރަށް ހަރުކަށިކޮށް ޝާހިދު ބުނެލިއެވެ. ޒައިނާގެ އަތްފައި ފިނިވެގެން ދިޔައެވެ.

"ބައްޕަ އަށް މީނަ..." "ބައްޕައޭ؟" ޒައިނާ ބުނަން އުޅުނު ޖުމްލަ ހުއްޓުވީ ޝާހިދުއެވެ.

"ބުނީމެއްނު މަށަށް ބައްޕަ ކިޔައިގެން ނުވާނެއޭ" ޝާހިދު އަނެއްކާވެސް ބުނެލިއެވެ. ލޮލަށް ކަރުނަ ޖަމާވާން ފެށުމުން ޒައިނާ ފުރަގަހަށް އެނބުރުނެވެ. އަދި ބާރަށް ލޯ މަރައިލިއެވެ. އެވަގުތު ލޮލަށް ޖަމާވެފައި ހުރި ކަރުނަތައް ފައިބަން ފެށިއެވެ.

"ދޭ ޒައިނާގެ ގެއަށް... މިގޭގަ އުޅޭނީ މަގޭ ހުއްދަ ލިބިގެން އުޅޭ މީހުން... މިގޭގަ އުޅޭނެ މީހުންނާ ނޫޅޭނެ މީހުން އިނގޭނީ ވެސް މަށަށް" ޒައިނާގެ މޫނު ފެނުމުން ޝާހިދަށް ވެސް އަސަރުކޮށްފިއެވެ. ނަމަވެސް ދަރިފުޅުގެ ކުރިމަތީގައި ބަލި ގަބޫލުކުރާކަށް ބޭނުމެއް ނޫނެވެ. އެދަރިފުޅު ވަނީ އެ ބައްޕަގެ އަގު ވައްޓާލައިފައެވެ. އަނެއް ދަރިފުޅު އެ ކަންތައް ކުރުމުގެ ކުރިން ޝާހިދު އެ ވަނީ ފިޔަވަޅު އަޅާފައެވެ. މީހަކަށް އިނގުމުގެ ކުރިން ޝާހިދު ބޭނުންވަނީ ރާނީގެ ނަން ޒިއަންގެ ހަޔާތުން ފުހެލާށެވެ. ނަމަވެސް އެއީ އެހާ ފަސޭހަ ކަމެއް ނޫންކަން ޝާހިދު އަށް މިވަނީ ކަށަވަރުވެފައެވެ. އޭނާ އެންމެ ބިރުގަންނަނީ މީޑިއާތަކަށް މިވާހަކަ އެނގިދާނެތީއެވެ. އެއްފަހަރު އެކަމުގެ ހިތި ތަޖުރިބާ ކުރެވިއްޖެއެވެ.

"ބައްޕާ... އަޅުގަނޑު މިގެއިން ޖާގައެއް ބޭނުމެއް ނޫން... އަޅުގަނޑު ކުށެއް ކުރިން... އަޅުގަނޑު ކުރި ކުށަށް މައާފަށް ވެސް އެދުނިން... އެކަމަކު ރާނީ... ރާނީ އަކީ އެއްވެސް ކުށެއް ނެތް ކުއްޖެއް... އަޅުގަނޑަށް ޔަގީން އަދި ޒިއަން އަށް ވެސް ޔަގީން ރާނީ އިޒް އިނޮސެންޓް" ހިތްވަރުކޮށްފައި ޒައިނާ ޝާހިދާއި ކުރިމަތިލިއެވެ. ޝާހިދު މޫނު އަނެއް ފަރާތައް އަނބުރައިލިއެވެ.

"ރާނީ އަށް މިގެއިން ދާން އެންގީ ޝައްކު ޔަގީން ވީމަ" މިފަހަރު ވާހަކަ ދެއްކީ ޒާހިދާ އެވެ.

"މަންމަ ވެސް ތަ؟ ރާނީ އަކީ ރަގަޅު ކުއްޖެއް ޒައި އަށް އިނގޭ... އެއީ މަންހާގެ ކަމެއް... މަންހާ ޒިއަން އާ އަޅައިގަނެގެން އެހެން އެ ހަދަނީ" ޒައިނާގެ ޖުމްލަ ނިމުންއިރު މަންހާގެ ނިތުގައި ދާތިކިތައް ވިދަން ފެށިއެވެ. މަންހާ ހުރީ ރޯ ކަމަށް ހެދިގެންނެވެ. ޒާހިދާ މަންހާ އަށް ބަލައިލުމުން މަންހާ ނޫނެކޭ ބުނުމުގެ ގޮތުން ބޯ ހޫރައިލިއެވެ.

(ނުނިމޭ)

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް