ށ. ނަރުދޫގައި ކޯވިޑް-19 އާންމުންގެ މެދުގައި ފެތުރެމުންދާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅައިފި އެވެ.
އެ ރަށުން އެންމެ ފުރަތަމަ ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވަނީ ނަރުދޫގައި މާލެ ދަތުރު ކުރާ އަމާޒު ބޯޓުގެ ކެޕްޓަން އެވެ. އެ ކޭސް އާއި ގުޅިގެން މިހާތަނަށް އެ ރަށުން ޓެސްޓު ކުރި މީހުންގެ ތެރެއިން އިތުރު ހަތް މީހަކު ވަނީ ވައިރަހަށް ޕޮސިޓިވްވެފައި އެވެ..
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެޗްޕީއޭގެ ފަރާތުން އައިޖީއެމްއެޗުގެ ޑޮކްޓަރުު އިބްރާހިމް އަފްޒަލް ވިދާޅުވީ މިހާތަނަށް ނަރުދޫއިން ޕޮސިޓިވްވި އަށް މީހުންނަކީ އާއިލީ ގޮތުން ގުޅުން ހުރި މީހުން ކަމަށެވެ. އެކަމަކު އެ ރަށް މިހާރު ބަލާނީ އާންމުންގެ މެދުގައި ބަލި ފެތުރެމުންދާ ރަށެއްގެ ގޮތުގައި ކަމަށެވެ.
ޑރ. އަފްޒަލް ވިދާޅުވީ ޕޮސިޓީވްވި ކެޕްޓަން އާއި އެކު އަމާޒު ބޯޓުގައި ދަތުރު ކުރި އެ އަތޮޅު މިލަންދޫ މީހަކުވެސް ބައްޔަށް ޕޮސިޓިވްވެފައިވާ ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ދަތުރުގައި މިލަންދޫއަށް އެ ބޯޓުގައި ފަސް މީހަކު ދަތުރު ކުރި އެވެ.
ޑޮކްޓަރު ވިދާޅުވީ މިހާތަނަށް އަމާޒު ބޯޓުގެ ކެޕްޓަން އާއި ސީދާ ގުޅުން ހުރި113 މީހަކު ދެނެގަނެވިފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން35 މީހަކީ ނުރައްކާތެރި މިންވަރަކަށް ބަލި ޖެހުމުގެ ފުރުސަތު އޮތް މީހުން ކަމަށެވެ.
އެ ކޭސްއާއި ގުޅިގެން މިއަދު ޕޮސިޓިވި އެންމެންނަކީވެސް އެ35 މީހުންގެ ތެރޭގައި ހިމެނޭ މީހުންނެވެ. މީގެ ކުރިން އެޗްޕީއޭއިން ބުނެފައިވަނީ މި ކޭސްއަކީ އަތޮޅު ތެރެއަށް ބަލި ފެތުރުމުގެ ފުރުސަތު އޮތް ކޭސްއެއް ކަމަށެވެ.
އަމާޒު ބޯޓު މާލެއިން ފުރާފައިވަނީ ކޯވިޑް-19 ގެ ކޭސްއެއް މާލެއިން ފެނި މަލެ ސަރަހައްދު ލޮކް ޑައުންއަށް ދިޔަ ދުވަހެވެ.
އެ ބޯޓައި98 މީހަކު ދަތުރުކޮށްފައިވާއިރު އުތުރުގެ13 ރަށަކަށް ބޯޓު މަޑުކޮށްފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް