ޔޫ.އެންގެ ރެޒިޑެންޓް ކޯޑިނޭޓަރ ރައީސްގެ އަރިހަށް ވަދާޢީ ޒިޔާރަތް ކުރައްވައިފި

އ.ދ. އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޒިޑެންޓް ކޯޑިނޭޓަރ އަދި، ޔޫ.އެން.ޑީ.ޕީން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް ޝޯކޯ ނޯޑާ، ރައީސުލްޖުމްހޫރިއްޔާ އިބްރ...

28 Apr 2019 | 14:51

އ.ދ. އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޒިޑެންޓް ކޯޑިނޭޓަރ އަދި، ޔޫ.އެން.ޑީ.ޕީން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް ޝޯކޯ ނޯޑާ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް ވަދާޢީ ޒިޔާރަތް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ، މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުވުމުގައި ރާއްޖޭގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ކުރިއެރުމަށް ކޮށްދެއްވާފައިވާ ކަންތައްތައް ފާހަގަކުރައްވައި އެކަމަށްޓަކައި ޝުކުރު އަދާކުރައްވާ، ޝޯކޯ ނޯޑާގެ ދައުރުގައި އެކަމަނާ އިސްނަންގަވައިގެން ކުރައްވާފައިވާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ.

މި ހެޔޮ ބަސްފުޅުތަކަށް ޝުކުރު އަދާކުރައްވާ ޝޯކޯ ނޯޑާ މިބައްދަލުވުމުގައި ވާހަކަ ދެއްކެވިއެވެ. އަދި ރާއްޖޭގެ ޤާނޫނު އަސާސީގައިވާ ހައްޤުތަކާއި، މިނިވަންކަން ހޯދައިދިނުމުގައި މިހާރު އިތުރު ބާރެއް ލިބިފައިވާކަމަށާއި، ރާއްޖޭގެ ޑިމޮކްރަސީގެ ކުރިމަގު ފެންނަނީ ވަރަށް އުޖާލާކޮށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ސަރުކާރުން ގެންގުޅުއްވާ މުހިންމު ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ ލާމަރުކަޒީ ކުރުމާއި، އަންހެނުން ބާރުވެރިކުރުމާއި، އިޤްތިޞާދު ކުރިއެރުވުމަށް ގެންގުޅުއްވާ ސިޔާސަތުތަކަށް ތާއީދުކުރައްވައި އެކަންކަން ހާސިލުކުރުމުގައި ޔޫ.އެން.ޑީ.ޕީ. އިން އެއްބާރުލުން ދެވެން އޮތް މިންވަރަކުން ދެއްވާނެ ކަމަށް ވެސް ޝޯކޯ ނޯޑާ ވިދާޅުވިއެވެ.

މި ބައްދަލުވުން ނިންމާލައްވަމުން ޝޯކޯ ނޯޑާ ވަނީ ފާއިތުވި ގިނަ އަހަރުތަކެއްގައި ރާއްޖޭގައި އެކަމަނާ މަސައްކަތްކުރެއްވީ ވަރަށް ހިތްޕުޅު ހަމަޖެހިވަޑައި ގަތުމާއެކުގައިކަން ފާހަގަކުރައްވާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް