ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފިސްތޯލެއް ގެންގުޅުނު ކަމަށް ބުނެ އޭނާ 10 އަހަރަށް ޖަލަށް ލާން ކުރި ހުކުމް ގޯސް ކަމަށް ދައުލަތުން ސުޕްރީމް ކޯޓުގައި މިއަދު އެއްބަސް ވެއްޖެއެވެ.
10 އަހަރުގެ ހުކުމް އަދީބުގެ ފަރާތުން އިސްތިއުނާފް ކުރުމުން މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ވަކީލް އަބްދުﷲ ރާބިއު ވިދާޅުވީ އަދީބު ފިސްތޯލައެއް ގެންގުޅުނުކަން ސާބިތުވާ މިންވަރުގެ ހެއްކެއް ނެތް ކަމަށެވެ. އަދި އަދީބު ގެންގުޅޫނު ކަމަށް ބުނާ ފިސްތޯލަ ތަހުގީގީ އެއްވެސް އިދާރާއަކަށް ފެނިފައި ނުވާއިރު، އެ މައްސަލާގައި ހަމައެކަނި އޮތީ ފިސްތޯލަ ގެންގުޅެނިކޮށް ފެނުނު ކަމަށް ބުނާ ހެކިތަކެއްކަމަށް ވެސް އަބްދުﷲ ރާބިއު ވިދާޅުވިއެވެ.
ހަމައެއާއެކު މީހުންގެ ހެކިބަހަށް ބަލާއިރު އެ ފިސްތޯލަ އަކީ އަސްލު އެއްޗެއްކަން ދެނެގަތުމުގެ ގާބިލުކަންވެސް އެ މީހުންގެ ކިބައިގައި ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެއީ އަސްލު އެއްޗެއްކަމަށް ހެކިން ބުނެފައިވީނަމަވެސް، އެ މީހުން އެހެން ބުނުމަކީ ހަމައެކަނި އެ މީހުން ގަބޫލުކުރާ ގަބޫލު ކުރުމެއްކަމަށް ދައުލަތުން ދެކޭ ކަމަށާއި، ގާނޫނުގައި ހަތިޔާރެއްގައި ފުރިހަމަވާން ޖެހޭ ކަމަށް ބުނާ ފަދަ ޝަރުތުތައް އަދީބު ގެންގުޅުނު ކަމަށް ބުނާ ފިސްތޯލާގައި ހުރިކަން ހެކިންގެ ބަހުން އެންގެން ނެތް ކަމަށްވެސް ރާބިއު ވިދާޅުވިއެވެ.
މި ކަންކަން ފާހަގަ ކުރުމަށް ފަހު ދައުލަތުން އެދިފައިވަނީ އަދުލުވެރި ހުކުމަށް އިއްވައި ދިނުމަށެވެ.
އެ މައްސަލާގެ މިއަދުގެ އަޑުއެހުން ސުޕްރީމް ކޯޓުން ނިންމާލީ ދެން އޮންނާނީ އެ މައްސަލާގެ ހުކުމް އިއްވުން ކަން އިއުލާން ކުރެއްވުމަށް ފަހު އެވެ.
މެއި 2015 ގައި އޭރުގެ އިދިކޮޅު ފަރާތްތަކުން ކުރި ބޮޑު މުޒާހަރާއާ ގުޅިގެން ފިސްތޯލައެއް ގެންގުޅުނު ކަމަށް ބުނެ އަދީބުގެ މައްޗަށް ދައުލަތުން ކުރި ޓެރަރިޒަމްގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި، އޭނާ 10 އަހަރަށް ޖަލަށްލާން ހުކުމް ކޮއްފައިވަނީ ކްރިމިނަލް ކޯޓުންނެވެ. އެ ހުކުމަށް ހައިކޯޓުންވެސް ވަނީ ތާއީދު ކޮއްފައެވެ.
ފިސްތޯލަ ގެންގުޅޫނު ކަމަށް ބުނާ މައްސަލާގެ އިތުރުން އިތުރު ދެ މައްސަލާގައި ވެސް އަދީބުގެ މައްޗަށް ޖަލު ހުކުމެއް އެބައޮތެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް