ކުރީގެ އަދަދާ ގުޅޭ...
"ޒިއަން އާދޭ..." ޝާހިދު ވަރަށް މަޑުމައިތިރި ގޮތަކަށް ބުނެލިއެވެ. ޒިއަން އައިސް ހުއްޓުމުން އަލީވެސް ޒިއަންއަށް ބަލައިލިއެވެ. މަންހާ ހަމަ ރޮނީއެވެ.
"މަންހާ މި ދައްކަނީ ތެދު ވާހަކައެއްތަ؟ ޒިއަން އުޅެނީ މީހަކާ އިނދެގެންނޯ" ޒިއަންގެ މޫނަށް ބަލަން އިނދެ ޝާހިދު އަހައިލިއެވެ. ޒިއަން އަށް އިސްޖަހައިލެވުނެވެ. ޒިއަން ހިންދިރުވައިލި މަންޒަރު ޝާހިދުގެ އިތުރުން އަލީ އަށްވެސް ފެނުނެވެ. އެއީ ތެދެއްކަން މިހާރު ޔަގީންވެއްޖެއެވެ.
"އަހަރެމެން މީ ނެތް ބައެއްތަ؟" ކުއްލިއަކަށް ޝާހިދު ކޮޅަށް ތެދުވިއެވެ. އެއާއި އެކީ ޒާހިދާ އަދި އަލީ ވެސް ތެދުވިއެވެ. ޒިއަން ބައްޕަގެ މޫނަށް ބަލައިލިއެވެ. އެލޮލުން ފެންނަމުން ދިޔައީ ރުޅިވެރިކަމެވެ.
"ޒިއަން އެވަރު ކަމެއް އަހަރެމެން ކައިރީ ނުބުނެ ކުރަން ޖެހުނީ ކީއްވެގެން؟" އަނެއްކާވެސް ޝާހިދު އަހައިލިއެވެ. ޒިއަން ދެންވެސް އަނގަޔަކުން ނުބުންޏެވެ.
"ޒިއަން ކައިރީއޭ މިއަހަނީ... ޒިއަން އެވަރު ކަމެއް އަހަރެމެން ކައިރީ ނުބުނެ ކުރީ ކީއްވެގެންހޭ... ބީރުވީތަ؟" ޝާހިދުގެ އަޑު ފަހަރެއް ފަހަރަކަށްވުރެ ބާރުވަމުން ދިޔައެވެ.
"ދެން މިގޭގަ އިތުރު މީހަކަށް އިނގޭތަ ޒިއަން މީހަކާ އިންކަން؟" ޒާހިދާ އަދި ޒައިނާގެ މޫނަށް ބަލައިލަމުން ޝާހިދު އަހައިލިއެވެ. ގޭ މީހުން ކައިރީ އެވާހަކަ ބުނަން ޒިއަންއަށް ހިތްވަރުދިން ޒައިނާވެސް ބައްޕަގެ މޫނު ފެނުމުން ބިރުގަނެއްޖެއެވެ. އަހަންނަށް އިނގެޔޭ ބުނާކަށްވެސް ޒައިނާއަކަށް ނުކެރުނެވެ. ޝާހިދު ޒިއަންގެ މޫނަށް ބަލައިލިއެވެ.
"މަންހާ އާ އިންނަން ބޭނުމެއް ނުވޭތަ؟" ޝާހިދު މިހެން އެހުމުން މަންހާވެސް އިސްއުފުލާ ޒިއަންއަށް ބަލައިލިއެވެ.
"ބައްޕާ... ބައްޕަ ކައިރީ ބުނަން އުޅެފަވެސް ބައްޕަ މަންހާއާ މެރީ ކުރާށޭ ބުނީމަ ރާނީ ވާހަކަ ބުނަން ނުކެރުނީ..." ޒިއަން ވަރަށް ހިތްވަރުކޮށްފައި ބުންޏެވެ.
"ކޮން ރާނީ އެއް؟ ކާކުތަ އެއީ؟ ކުރިން އަޑުއިވުނު ނަމެއް ނޫން އެއީ..." ޝާހިދުގެ މޫނުމަތިން ފެންނަނީ ހުސް ސުވާލު މާކެވެ.
"މަންމަ ކައިރީގަ ބުނިން ބައްޕަ ކައިރީގަ ބުނެދޭށޭ..." ޒިއަން މަންމަގެ މޫނަށް ބަލައިލަމުން ބުނެލިއެވެ. ޒާހިދާ އިސްޖަހައިލިއެވެ.
"ބައްޕާ ސޮރީ.." ޒިއަން ތިރީ ތުންފަތުގައި ދަތް އަޅައިލަމުން އިސްޖަހައިލިއެވެ. ޒިއަންގެ މޫނު ފެނުމުން ޝާހިދުވެސް ދެރަވިއެވެ. ކުރެވުނު ކަންތަކާ ޒިއަން ދެރަވާކަން ޝާހިދުއަށް އިހުސާސްކުރެވުނެވެ.
"ދެން މައްސަލައެއް ނެތް... މަންހާ އަށް ދެން ކިހިނެއް ހަދާނީ؟" ޝާހިދުގެ ސުވާލު އަމާޒުކޮށްލީ އަލީ އަށެވެ. ބައްޕަ އެހާ ފަސޭހައިން ގަބޫލުކުރުމުން ޒިއަން ވަރަށް އުފާވިއެވެ.
ޝާހިދު އެހެން އެހުމުން މަންހާ އިން ތަނުން ތެދުވެގެން އައިސް ޒިއަން ކައިރީ މަޑުކޮށްލިއެވެ. އަދި ޝާހިދުގެ މޫނަށް ބަލައިލިއެވެ.
"ޕްލީޒް ޒިއަން ބައްޕާ މަން މިގެއިން ފޮނުވާ ނުލައްޗޭ..." ރޮވިފައިވާ އަޑަކުން މަންހާ އާދޭސް ކުރިއެވެ. އެކަމާ ޝާހިދު އެއްބަސްވިއެވެ. މާޔާވެސް އިންޑިއާގައި ކިޔަވަމުން ދާތީ އަލީވެސް މިހާރު ވަނީ އިންޑިއާއަށް ދިރިއުޅުން ބަދަލުކުރަން ނިންމާފައެވެ. އެހެންކަމުން އަލީވެސް ބޭނުންވަނީ މަންހާ މިގޭގައި ބަހައްޓާށެވެ.
ޝާހިދު މަންހާގެ ކިބައިންނާއި އަލީގެ ކިބައިން މައާފަށް އެދުނެވެ. އަލީވެސް ހިތްބަރުނުކޮށް އެއްވެސް ކަމެއް ނޫންކަމަށް ބުންޏެވެ. ނަމަވެސް ވެދިޔަ ކަންތަކާ އަލީ ހުރީ ވަރަށް ހިތްހަމަނުޖެހިފައެވެ. ނަމަވެސް އެކަން ނުދައްކައި މަންހާ އެގޭގައި ބަހައްޓާފައި އަލީ ނިކުމެގެން ދިޔައީއެވެ. އަލީ ނިކުމެގެން ދިއުމުން މަންހާ އޭނާގެ ކޮޓަރިއަށް ދިޔައެވެ.
މައްސަލަ ނިމުންއިރު ރާނީ އާ ބެހޭގޮތުން އެއްވެސް ސުވާލެއް ޝާހިދެއް ނުކުރިއެވެ. އެންމެން ދިއުމުން ޝާހިދު ޒިއަން ގޮވައިގެން ދިޔައީ ޒިއަންގެ މިއުޒިކް ރޫމަށެވެ. ޝާހިދު ބޭނުންވީ ދަރިފުޅާ އެކަނި ވާހަކަ ދައްކާށެވެ. ރާނީ އާ ދިމާވިގޮތާއި ރާނީ އަކީ ކާކުކަން ބައްޕަ އަށް ޒިއަން ބުނެދިނެވެ. އަދި ކައިވެނިކުރީ ކީއްވެ ކަމާއި ރާނީ މިހާރު ހުރިތަންވެސް ބައްޕަ ކައިރީ ބުންޏެވެ.
"އޭނަގެ މޫނަށް ކިހިނެއްވީއޭ؟" ޝާހިދު ސާފު ނުވެގެން އަހައިލިއެވެ. ޒިއަން ފޮޓޯ ދައްކައިލިއެވެ. ޝާހިދު ވަރަށް ފުންކޮށް އެ މޫނަށް ބަލަން އިރުކޮޅަކު ހުއްޓެވެ.
"ދެން ގެއަށް ގެނޭ... ދެން ކީކޭ ބުނާނީ އެކަނި އަންހެން ކުއްޖަކު ބަހައްޓާކަށް ނުވާނެ..." އެންމެފަހުން ވިސްނަން ހުރެފައި ޝާހިދު ބުންޏެވެ.
"މިހާރު ދޭ ބަލާ" ނިކުމެގެން ދަމުން ޝާހިދު ބުނެލިއެވެ. ޒިއަން އުފަލުންގޮސް ނަށައިލިއެވެ. ރާނީވެސް ވަރަށް އުފާވާނެކަން ޔަގީނެވެ.
ޒިއަން ކުރި ކަންތަކާ ހިތްހަމަނުޖެހުނު ކަމުގައިވިޔަސް މީހުން ކިޔާނެ އެއްޗިއްސާ ދޭތެރޭ ވިސްނާފައި ޝާހިދު ޖެހުނީ އެއްބަސްވާށެވެ. މީހުންނަށް އޭނާގެ ދެވަނަ ދަރުފުޅު ވަގަށް ކައިވެނިކޮށްގެން އުޅޭކަން އެނގިއްޖެ ނަމަ ހާދަ އެއްޗިއްސެއް ކިޔާނެއެވެ. ޒައިނާ މީހަކާ އިނުމުންވެސް ހާދަ ބަދުނާމެއް ވިއެވެ. މިފަހަރު އެކަހަލަ އެއްވެސް ކަމެއް ވާކަށް ޝާހިދު ބޭނުމެއް ނޫނެވެ.
"ދެކުދިން ކައިވެނިކުރި އިރު އަހަރެމެންގެ އެއްވެސް ރުހުމެއް ނެތް... ދެ ދަރިންވެސް..." ކޮޓަރިއަށް ވަދެ އެނދުމަތީގައި އިށީންނަމުން ޝާހިދު ބުންޏެވެ. ހަގީގަތުގައި އޭނާ އެހުރީ ވަރަށް ރުޅިއައިސްފައެވެ. އެވަގުތު އަލީ އާއި މަންހާވެސް ހުރުމާއި އެކީ އިތުރު އެއްޗެއް ނުބުނީއެވެ. ޒާހިދާ އައިސް ޝާހިދުގެ ކައިރީގައި އިށީނެވެ.
"ޒާހީއަށް އިނގެއެއްނު... ކީއްވެ ނުބުނީ..." ޝާހިދު އަހައިލިއެވެ.
"އެކުއްޖާ ދެކުނިންތަ؟" ޒާހިދާ އަހައިލިއެވެ. ޝާހިދު ބޯ ޖަހައިލިއެވެ.
"އެހެންވެ ބުނީ މަންހާއާ އިންނާށޭ... ބައްޕަ ނުގަބޫލު ވެދާނޭ... ވަގަށް ކައިވެނި ކޮށްފާނެ ކަމަކަށް ހިއެއްވެސް ނުކުރަން..." ޒާހިދާ އިސްޖަހައިލިއެވެ.
"ކޮންމެ ސިފައެއް ހުއްޓަސް މައްސަލައެއް ނެތްތާ... މަ މި ބުނީ އަހަރެމެން މީ އެއްވެސް ބައެއް ނޫންހޭ ދަރިންނަކަށް..." މިހެން ބުނުމަށްފަހު ޝާހިދު ކޮޓަރިން ނިކުމެގެން ދިޔައީއެވެ. ޒާހިދާ ވިސްނާލަން މަޑުކޮށްލީއެވެ. އޭނާގެ ކުދިން މިހާރު ބޮޑުވެއްޖެއެވެ. އެއްވެސް ކަމަކު އަހައިލުމެއް ކަހައިލުމެއް ނެތެވެ. މައިންބަފައިން ރުހޭތޯވެސް ބަލައިލުމެއް ނެތެވެ. އެންމެ ކުޑަމިނުން ކަމެއް ކުރާނަމަ ބުނެލުން އެންމެ ރަގަޅެވެ. ނަމަވެސް ޒިއަން ވެސް ހިޔާރުކުރީ ވަގަށް އެކަން ކުރުމަށެވެ. ޒާހިދާ އިސްޖަހައިލުމަށްފަހު ބޯ ހޫރައިލިއެވެ.
ބައްޕަ އާއި ޒިއަން ދެއްކި ހުރިހާ ވާހަކައެއް އަޑުއަހަން ހުރި ޒައިނާވެސް ހުރީ ވަރަށް އުފާވެފައެވެ. ޒައިނާ އައިސް ވަނުމުން ޒިއަން ޒައިނާގެ ގައިގައި ބައްދައިލިއެވެ.
"އަވަހަށްދޭ ގޮވައިގެން އަންނަން... ކުޑޫ ޒިއަންގެ ރޫމް ރީތިކޮށްލާނަށް..." ޒިއަންގެ ދެ ކޮލުގައި ހިފައިލަމުން ޒައިނާ ބުނެލިއެވެ. ޒިއަން ދާން އުޅުން ވަގުތު ޒައިނާ ގޮވައިލިއެވެ.
"ޒިއަންގެ ބެކްޕެކް ގެންދައްޗޭ... ރާނީ އަތުގަ އެއްޗިސް އަޅާނެ އެއްޗެއް ނޯންނާނެ އެއްނު..." ޒައިނާ ބުނެލިއެވެ. ޒިއަން ދިޔައީ ޒިއަންގެ ދަބަސް ހިފައިގެންނެވެ. ދަމުން އީމާން އާއި މާޒިން އިންނަ ވައިބާރ ގްރޫޕްގައި ރާނީ ގެއަށް ގެންނަ ވާހަކަ ޖަހައިލިއެވެ.
ޒިއަން ބޮޑު ދަބަހެއް އަޅުވައިގެން އައުމުން ރާނީ ހުރީ ކުޑަކޮށް ހައިރާންވެފައެވެ.
"ޒިއަން ކީއްވެގެންތަ ތި މަގޭ އެއްޗިސް އަޅަނީ؟" ރާނީ އަހައިލިއެވެ. ޒިއަން ހުރީ ވަރަށް ހެވިފައެވެ. ޒިއަން އުފަލުން ރާނީގެ ގައިގައި ބައްދައިލިއެވެ.
"ޔޫ އާ ކަމިން ހޯމް" ޒިއަން ބުނެލިއެެވެ. ރާނީގެ ދެލޯ ބޮޑުވެގެން ދިޔައެވެ.
"އަސްލު؟" ރާނީ ޔަގީން ނުކުރެވިގެން އަހައިލިއެވެ. ޒިއަން ބޯ ޖަހައިލިއެވެ. "ޒިއަން އަސްލުތަ؟" ރާނީ އަށް ގަބޫލު ނުކުރެވިގެން އަނެއްކާވެސް އަހައިލިއެވެ. ޒިއަން ރާނީގެ ގައިގައި އަނެއްކާ ބައްދައިލިއެވެ. ރާނީ ވަރަށް ސުވާލު ކުރިއެވެ. ނަމަވެސް ޒިއަން އެއްވެސް ވާހަކައެއް ކިޔައެއް ނުދެއެވެ. ރާނީގެ ހުރިހާ އެއްޗެއް އަޅައި ނިމުމުން ޒިއަން އެ ކޮޓަރިއަށް ބަލައިލިއެވެ.
"މި ރޫމް މަތިން ވަރަށް މިސްވާނެ" ޒިއަން ބުނެލިއެވެ. ރާނީވެސް ބޯ ޖަހައިލިއެވެ. އެ ކޮޓަރިއަކީ ރާނީގެ ހަޔާތުގެ އެންމެ ލޯބިވެތި ދުވަސްތައް ހޭދަކުރި ކޮޓަރިއެވެ. ރާނީ އެ އެނދަށް ބަލައިލުމަށްފަހު ފުން ނޭވާއެއް ދޫކޮށްލިއެވެ.
"އެނދު ގެންދަންވީތަ؟" ޒިއަން އަހައިލިއެވެ. ރާނީ ކައިރިއަށް ހިނިއައެވެ.
ސައިކަލު މަތީ އިންއިރު ރާނީ އިނީ ވަރަށް އުފާވެފައެވެ. އެންމެ ދެކެން ބޭނުންވި ދުވަސް ނުވެސް އެނގި ހުއްޓައި އައީއެވެ. ޒިއަންގެ ގެއަށް ދެވެނީއެވެ. ޒިއަންގެ މަންމައާއި ބައްޕައާއި ދިމާވާން އުޅެނީއެވެ. ރާނީ އުފަލުން ޒިއަންގެ ގައިގައި ފަހަތުން ބައްދައިލިއެވެ.
ސައިކަލު ޕާކްކޮށްލުމަށްފަހު ޒިއަން އައިސް ރާނީގެ ކައިރީގައި މަޑުކޮށްލިއެވެ. އަދި ރާނީގެ ކޮނޑުގައި އޮތް ދަބަސް އަތުލުމަށްފަހު ޒިއަންގެ ކޮނޑުގައި އަޅުވައިލިއެވެ. އެމީހުން މަޑުކޮށްލައިގެން ތިބީ ޒިއަންގެ ގޭގެ ދޮރުމަތީގައެވެ.
"ރެޑީ؟" ރާނީގެ އަތުގައި ހިފައިލަމުން ޒިއަން އަހައިލިއެވެ. ރާނީ ބޯ ޖަހައިލިއެވެ.
ގޭތެރެއަށް ވަނުމާއި އެކު ރާނީ ކޮޅު ކޮޅަށް ބޯ ހޫރަމުން ގޭތެރެއަށް ނަޒަރު ހިންގަން ފެށިއެވެ. ބޭރު ދޮރުން އެތެރެއަށް ވަތްއިރު އެތެރޭ ދޮރު ކައިރީ މަޑުކޮށްލައިގެން ހުރީ ޒައިނާއެވެ.
"ކަމް ސިސް އިން ލޯ" ރާނީ ފެނުމުން ޒައިނާ އައިސް ރާނީގެ ގައިގައި އޮޅުލައިގަތެވެ. ފަހަތުން ޒާހިދާވެސް އައިސް މަޑުކޮށްލިއެވެ.
"މަންމަ" ޒިއަން ތައާރަފްކޮށްލިއެވެ. ޒާހިދާ ރާނީގެ އަތުގައި ހިފައިގެން ގޭތެރެއަށް ވެއްދިއެވެ. އެމަންޒަރު ބަލަން ސިޑި މަތީގައި ހުރި މަންހާ ދުވެލާފައި މައްޗަށް އަރައިގެން ދިޔައެވެ.
"ބައްޕަ މިހާރު އަންނަން އުޅޭނެ... ޒިއަން ދޭ ކޮޓަރި ދައްކަން" ޒާހިދާ ބުނެލިއެވެ. އިތުރު އެއްވެސް އެއްޗެއް ޒާހިދާ ނުބުނެއެވެ. ނަމަވެސް ޒާހިދާ ހުރީ ހިނިތުންވުމެއް ދައްކައިގެންނެވެ. އެ ހިނިތުންވުމުގެ މާނަ އިނގޭނީ ހަމަ ޒާހިދާއަށެވެ.
ޒިއަންގެ ކޮޓަރިއަށް ރާނީ ގޮވައިގެން ދިޔައެވެ. ރާނީ ހުރީ އެކޮޓަރި ރީތިކަމުން ކަޅި ޖަހައިނުލައި ބަލާށެވެ. އަޅި ކުލަ ލާފައި ހުރި އެކޮޓަރީގެ ރީތިކަން އިތުރުކޮށްދެނީ ކޮޓަރީގައި ހުރި ކަޅު ކުލައިގެ ފަރުނީޗަރުންނެވެ. ހުރިހާ އެއްޗެއް ހުރީ ކަޅު ކުލައިންނެވެ. ޒިއަންއަށް އެންމެ ރީތީ ކަޅު ކުލަކަން ރާނީއަށް ކުރިންވެސް އިނގެއެވެ. ނަމަވެސް މިވަރު ވާނެ ކަމަކަށް ރާނީ ހިއެއް ނުކުރެއެވެ. އެނދުގެ ބެޑްޝީޓުވެސް އޮތީ ކަޅުކުލައިންނެވެ.
"ޔޫ ލައިކް މައި ރޫމް؟" ޒިއަން އަހައިލިއެވެ. ރާނީ ބޯ ޖަހައިލިއެވެ. ޒިއަން ރާނީގެ ގައިގައި ބައްދައިލިއެވެ.
(ނުނިމޭ)
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް