ޖެންޑާ މިނިސްޓްރީގެ ދަށުން ވިލިމާލޭގައި ހިންގާ ކުޑަކުދިންގެ ހިޔާއަށް ފައިސާ ހޯދުމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދަމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި އެވެ.
ޖެންޑާ މިނިސްޓްރީން ބުނީ އެފަދަ ޝަކުވާތައް އާންމު ފަރާތްތަކުން އެ މިނިސްޓްރީއަށް ގުޅައި ކުރަމުންދާ ކަމަށެވެ. އެގޮތުން އެބަޔަކު ދަނީ ހިޔާއަށް ފައިސާ ހޯދުމަށް ކަމަށް ބުނެ އާންމުންނަށް ފޯނު ކުރަމުން ކަމަށް ބުންޏެވެ.
މިކަމާ ގުޅިގެން ޖެންޑާ މިނިސްޓްރީން ބުނީ ކުޑަކުދިންގެ ހިޔާއާއި ފިޔަވަތީގެ ފަރާތުން އެހީ ހޯދުމުގެ އެއްވެސް ހަރަކާތެއް ފޯނު މެދުވެރިކޮށް ނުވަތަ މުއާސަލާތީ އެއްވެސް ވަސީލަތެއް މެދުވެރިކޮށް ކުރިއަށް ނުގެންދާ ކަމަށެވެ. އަދި ފޯނު ކޯލާއި އެސްއެމްއެސްއާއި އީމެއިލް، އަދި މި ނޫން ވެސް މުއާސަލާތީ ވަސީލަތެއް މެދުވެރިކޮށް މިފަދަ ހަރަކާތެއް ނުހިންގާނެ ކަމަށެވެ.
އެ މިނިސްޓްރީން ވަނީ މިފަދަ ކޯލެއް ގޮސްފި ނަމަ ލަސްނުކޮށް މިނިސްޓްރީ އަށާއި ފުލުހުންނަށް ރިޕޯޓު ކުރުމަށް އިލްތިމާސްކޮށްފަ އެވެ.
މީގެ ކުރިންވެސް އެ ދެ ތަނަށް ފައިސާ ހޯދުމަށް ކަމަށް ބުނެ އާންމުންނަށް ފޯނުކޮށްގެން ފައިސާ ހޯދާފައިވެ އެވެ. އަދި ބޮޑެތި ކުންފުނިތަކުން ހިންގާ ޕްރޮމޯޝަންތަކުގެ ނަމުގައިވެސް ރީލޯޑާއި ރާސްޓަސް ހޯދާފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް