މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ބައިވެރިވުމުގެ ފުރުސަތު އަދި ނެތަސް އެންމެ ފަހު ވަގުތު އެ ފުރުސަތު ލިބިވަޑައިގެންނަވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ސްރީލަންކާގެ ދަ ކެޕިޓަލް މަހާރާޖާ އޯގަނައިޒޭޝަން (ޓީސީއެމްއޯއެލް) ގެ އަހަރީ ޖަލްސާގައި އިއްޔެ ކުރެެއްވި ތަގުރީރަށް ފަހު ބައެއް ސުވާލުތަކަށް ޖަވާބު ދެއްވަމުން ނެވެ.
ނަޝީދު މިހެން ވިދާޅުވި އިރު މިދިޔަ ދެ ރިޔާސީ އިންތިހާބުގައިވެސް ކަން ހިނގާފައިވަނީ އެގޮތަށެވެ. 2008 ވަނަ އަހަރުވެސް 2013 ވަނަ އަހަރުވެސް ރައީސް ނަޝީދަށް އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ލިބިވަޑައިގެންފަވަނީ އިންތިހާބަށް ކުޑަތަންވި ފަހުންނެވެ.
ލަންކާގެ އެ ޖަލްސާގައި ނަޝީދު ވިދާޅުވީ މިއަހަރުގެ އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ބަންދުވާން ގާތްގަނޑަށް 11 ގަޑިއަރަށް ވާއިރު އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު އެމަނިކުފާނަށް ލިބޭނެ ކަމަށެވެ. އަދި މިހާރު ފުރުސަތު ބަންދުވެފައި އޮތުމަކީ އާންމު އުސޫލުން ކަން ހިނގާ ގޮތް ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ މިއަހަރުގެ އިންތިހާބުގައި ވާދަ ކުރައްވާ، އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ އިންތިހާބުގައި ކޮންމެހެން އެމަނިކުފާނު ވާދަ ކުރައްވަން ޖެހިވަޑައިގެންނަވާ ކަމަށެވެ.
ނަޝީދުގެ އިތުރުން އދ. ގެ ހައިކޮމިޝަނާ ފޯ ހިއުމަން ރައިޓްސް އިންވެސް ވަނީ އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ބައިވެރިވުމުގެ ފުރުސަތު ދޭން ޖެހޭ ކަމަށް ބުނެފަ އެވެ. އެކަމަށް ރައްދުދީ ސަރުކާރުން ބުނެފައިވަނީ އދ. ން އެދުނަސް އެ ފުރުސަތު ނަޝީދަށް ދޭން ރާއްޖޭގެ ގާނޫނުތަކުން ތަން ނުދޭ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް