އިނގިރޭސިވިލާތުގެ ޕްރިންސް ވިލިއަމް އާއި އަނބިކަނބަލުން ކޭޓް މިޑިލްޓަންގެ ތިން ވަނަ ދަރިކަލުންނަށް ނަން ކިޔައިފި އެވެ.
ޝާހީ ގަނޑުވަރުން ބުނީ ތިން ވަނަ ދަރިކަލުންގެ ނަމަކީ ލުއިސް އާތާ ޗާލްސް ކަމަށެވެ. އަދި ލުއިސްގެ ލަގަބަކީ ރޯޔަލް ހައިނެސް ޕްރިންސް ލުއިސް އޮފް ކެމްބްރިޖް ކަމަށެވެ.
މިނަމަކީ ވިލިއަމް އާއި ކޭޓް ވަރަށް ކުރިންސުރެ ތިން ވަނަ ދަރިފުޅަށް ކިޔަން ބޭނުންވެގެން ކިޔާފައިވާ ނަމެކެވެ. މި ނަން ކިޔާފައިވަނީ ފުރަތަމަ ދަރިކަލުން ޖޯޖް އެލެގްޒެންޑާ ލުއިސް ގެ އިތުރުން ވިލިއަމްގެ ބައްޕާފުޅު ޕްރިންސް ޗާލްސްގެ ނަމާއި ގުޅުވާފައި އެވެ.
ޕްރިންސް ވިލިއަމް އާއި ކޭޓް އަށް ލުއިސް ލިބިވަޑައިގެންނެވީ މިމަހުގެ 23 ވަނަ ދުވަހު އެވެ. ޕްރިންސް ލުއިސް އަކީ އިނގިރޭސި ތަހުތާ ހަ ވަނަ އަށް އެންމެ ގާތުގައި ހުންނަވާނެ ބޭފުޅަށެވެ.
މީގެ އަށް އަހަރު ކުރިން 2011 ވަނަ އަހަރު ކައިވެނި ބައްލަވައިގެތް ޕްރިންސް ވިލިއަމް އާއި ކޭޓް އަށް މީގެ ކުރިން ލިބިވަޑައިގެންފައިވަނީ ފިރިހެން ބޭފުޅަކާއި އަންހެން ބޭފުޅެކެވެ. އެއީ އެއީ ޖޯޖް، 4، އާއި ޗާލޮޓް، 2، އެވެ.
ޕްރިންސް ޗާލްސް އާއި ޕްރިންސެސް ޑަޔާނާގެ ދޮށީ ދަރިކަނލުން ވިލިއަމަށް ތިން ވަނަ ދަރިކަލުން ލިބިވަޑައިގެންނެވި އިރު، އޭނާގެ ކޮއްކޯފުޅު ޕްރިންސް ހެރީ އަންނަނީ އަލަތު ކައިވެންޏަށް ތައްޔާރުވެވަޑައިގަންވަމުންނެވެ.
އެ ކައިވެނި ހަފްލާ އޮންނާނީ އަންނަ މަހުގެ 19 ވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް