މަސްވެރިކަމަށް ނިކުމެ އުޅުނު ދޯންޏަކަށް ހޮނު އަޅައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ

ދޮށީގެ މަސްވެރިކަމަށް ނިކުމެ އުޅުނު ދޯންޏަކަށް ހޮނު އަޅައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ. މިހާދިސާގައި ހޮނު އަޅާފައިވަނީ ދޯނީގެ އެންޓަނާއަށެވެ. ހޮނުއެޅުމުގެ ސަބަބުން ދޯނީގެ ގެގަނޑުގެ ބޮޑު ބައެއް ހ...

28 Apr 2017 | 14:04

ދޮށީގެ މަސްވެރިކަމަށް ނިކުމެ އުޅުނު ދޯންޏަކަށް ހޮނު އަޅައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.

މިހާދިސާގައި ހޮނު އަޅާފައިވަނީ ދޯނީގެ އެންޓަނާއަށެވެ. ހޮނުއެޅުމުގެ ސަބަބުން ދޯނީގެ ގެގަނޑުގެ ބޮޑު ބައެއް ހަލާކުވެފައިވާއިރު މުވާސަލާތީ ހިދުމަތުގައި ބޭނުން ކުރާ ހުރިހާ އާލާތްތަކެއް ވަނީ ހަލާކުވެފައި އެވެ.

ދުވަހަށް މައުލޫމާތު ދެމުން ދޯނީގެ ކެޕްޓަން ބުނީ ހޮނު އެޅުމުގެ ސަބަބުން ގާތްގަނޑަކަށް ތިން ލައްކަ ރުފިޔާގެ ގެއްލުން ވެފައިވާ ކަމަށެވެ.

"ވަރަށް ބޮޑު ގެއްލުމެއް ވެއްޖެ. ދޯނީގައި ބޭނުން ކުރާ ހުރިހާ ސާމާނުގެ އިތުރުން ގެގަނޑުވެސް ހަލާކުވެއްޖެ، ގާތްގަނޑަކަށް ތިން ލައްކަ ރުފިޔާއަށް އަރާނެ ގެއްލުމުގެ އަގު،" ކެޕްޓަން ބުންޏެވެ.

އެ ދޯންޏަކީ މާލޭ މީހެއްގެ ދޯންޏެކެވެ. ދޯންޏަށް ހޮނު އަޅާފައިވަނީ އދ. އަތޮޅުގައި އެން ދަމަން އުޅެނިކޮށް މެންދުރު ފަހު 3:30 ހާއިރު އެވެ.

ހާދިސާ ހިނގި އިރު ދޯނީގައި 18 ފަޅުވެރިން ތިއްބެވެ. ކެޕްޓަން ބުނީ އެއްވެސް މީހަކަށް ގެއްލުމެއް ނުވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް