ރިޝްވަތަކީ ގައުމުގެ ތަރައްގީއަށް އޮތް ހުރަހެއް: ހުކުރު ހުތުބާ

ރިޝްވަތު ނުވަތަ ކޮރަޕްޝަނަކީ ދުނިޔޭގައި ފެތުރިފައިވާ ނުރައްކާތެރި ބޮޑެތި ވަބާތަކުގެ ތެރެއިން، ނުރައްކާ އެންމެ ބޮޑު އަދި ފިލުވައިލަން އެންމެ އުނދަގޫ އެއްވަބާކަމަށާއި މިއީ ޤައުމުގެ ތަރައްޤީއަށް އޮތް ވަރ...

28 Apr 2017 | 09:32

ރިޝްވަތު ނުވަތަ ކޮރަޕްޝަނަކީ ދުނިޔޭގައި ފެތުރިފައިވާ ނުރައްކާތެރި ބޮޑެތި ވަބާތަކުގެ ތެރެއިން، ނުރައްކާ އެންމެ ބޮޑު އަދި ފިލުވައިލަން އެންމެ އުނދަގޫ އެއްވަބާކަމަށާއި މިއީ ޤައުމުގެ ތަރައްޤީއަށް އޮތް ވަރަށް ބޮޑު ހުރަހެއްކަމަށް މިއަދު ޚުކުރު ޚުޠުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ހުތުބާ ގައި އަލިއަޅުވާލާފައިވަނީ ރިޝްވަތު ދިނުމާއި، ހިފުމާއި، ބޭނުން ކުރުމާއި، އޭގެ މަންފާ އިން ހޯދާ އާމްދަނީ އާއި ގުޅޭގޮތުން އިސްލާމް ދީނުގައި ކަނޑައަޅުއްވާފައިވާ ގޮތްތަކާއި ތަރައްގީއަށް ހުރި ހުރަސް ތަކާއި ބެހޭގޮތުންނެވެ..

ރިޝްވަތުގެ ސަބަބުން މުޖުތަމަޢުގެ އަމަ އަމާންކަމައީ ހަމަހަމަކަން ގެއްލިފައިވާކަމަށާއި އެތައް ބަޔަކަށް ލިބެންޖެހޭ ޙައްޤުތައް ނުލިބި، ނުޙައްޤުން އެތައް ބަޔަކަށް އެ އެއްޗެހި ލިބެމުންދާކަމަށް ޚުޠުބާގައި ބުނެފައިވެއެވެ. އަދި އެތައް ބައެއްގެ ކަންތައްތައް އެތައް ދުވަސްތަކަކަށް ލަސްވެގެންދާއިރު، އަނެއް ބައެއްގެ ކަންތައްތައް ވަރަށް އަވަހަށް ދުވަހުން ދުވަހަށް ނިމިގެންދާކަމަށް ބުނެފައިވެއެވެ. އަދި މިއީ އޭގެ ސަބަބުން މުޖުތަމަޢު ހަލާކުގެތެރެއަށް ވެއްޓި، ޤައުމުގެ ތަރައްޤިގެ ދުވެލި މަޑުޖެހި، ކުރިއަރައިގެން ދިއުމަށް ހުރަސްއެޅޭ ކަމެއް ކަމަށްވެސް ބުނެފައިވެއެވެ.

"ރިޝްވަތާއި ނާޖާއީރު ފައިދާއާއި، ޙިޔާނާތުގެ ޢަމަލުތައް މުޖުތަމަޢުގައި ގިނަވެ، އެކަންކަމަކީ ވަރަށް އާދައިގެ ކަންތައްކަމުގައި ދުށުމަކީ، ޤައުމުގެ މުސްތަޤުބަލާއި ދަރިންގެ ކުރިއެރުމާއި ތަރައްޤީ، އަރައިނުގަނެވޭ ފަދަ ވަޅުގަނޑަކަށް ވެއްޓިދާނެ ކަމެކޭ." ޚުޠުބާގައި ބުނެފައިވެއެވެ.

ކޮންމެ މީހަކުވެސް އެމިހަކާއި ޙަވާލުކުރެވިފައިވާ ކަމެއްގައި ތެދުވެރިކާމާއި އަމާނަތްތެރިވުމަކީ އިސްލާމްދީނުގައި ވާޖިބު ކުރައްވާފައިވާ ކަމެކެވެ. ޤަވާއިދާ ޙިލާފަށް ކަންކަން ކުރުމުމަށް ނުވަތަ ނިންމުމަށް ފައިސާއާއި ތަކެއްޗާއި، ކެއުމާއި ސައިވެސް ދިނުމަކީ ރިޝްވަތުގެ ގޮތުގައި ބެލޭނެކަމަށް ޚުޠުބާގައި ފާހަގަކުރިއެވެ. އޭގެ އިތުރުން ތިމާގެ ނުފޫޒު ބޭނުންކޮށްގެން ނުޙައްޤުން ކަންކަމާއި މަންފާއާއި، ރައްޔިތުންނަށް ނުވަތަ ދައުލަތައް ފައިދާއެއް ލިބެން އޮތްކަމެއްގައި އެނޫން ގޮތަކަށް އަމަލުކުރުމަކީވެސް ރިޝްވަތުކަމުގައި ބެލެވެއެވެ.

"ރިޝްވަތު ދިނުމާއި، ރިޝްވަތު ހިފުމާއި، ކަންކަމުގައި ނާޖާއިޒު ފައިދާ ހޯދުމާއި، ޚިޔާނާތްތެރިވުމާއި، މަކަރާއި ޙީލަތްހެދުމަކީ އިސްލާމްދީނުގައި ޙަރާމްކުރައްވާފައިވާ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ފާފަތަކެއް. މަކަރާއި ޙީލަތް ހެދުމަކީ، އަނެކާއަށް ހަޤީޤަތް އޮޅުވާލައިގެން، ތިމާއަށް ފައިދާއެއް ހޯދުމަށްޓަކައި އަނެކާއަށް ގެއްލުމެއް ލިބޭގޮތަށް ކުރާ ކޮންމެކަމެކޭ. ތިމާއަށް ނުވަތަ އެހެން މީހަކަށް ފައިދާއެއް ހޯދައިދިނުމަށް، ނުވަތަ ތިމާ އެފަދަ ފައިދާއެއް ހޯދުމަށް، ތިމާގެ ޙަވާލުގައި އެކިއެކި ލިޔުންތައް ބަދަލުކޮށް އޮޅުވާލުމަކީވެސް، ދީނުގައި ނަހީ ކުރައްވާފައިވާ ޢަމަލެއް."

ރިޝްވަތުގެ ސަބަބުން ވަގުތީ ޙައްލެއް ނުވަތަ އުފަލެއް ލިބުނު ނަމަވެސް، ރިޝްވަތުގެ މުޢާމަލާތްތައް ހިންގާ މީހުނަށް ލިބޭ ގެއްލުމާއި ހަލާކު މާ ބޮޑުވާނެ ކަމަށް ޚުޠިބާގައި ބަޔާންކުރިއެވެ. އަމާނާތްތެރިވުމާއި ތެދުވެރިވުމާއި އަދި ޢަހުދަށް ވަފާތެރިވުމަކީ މަތްﷲގެ ރުހިވޮޑިގަތުމާއި، އާޚިރަތުގެ ބާއްޖަވެރިކަން ލިބިގެންވާ ރިވެތި އަޚްލާޤީ ސިފަތަކުގެ ތެރެއިން ހިމެނިގެންވާ ސިފައެއްކަމަށް މިއަދުގެ ޚުތުބާގައި ނަޞޭހަތްތެރިވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް