ކޯވިޑް-19 އާއި ގުޅިގެން މާލޭގައި ހޯމް އައިސޮލޭޝަން އާއި ކަރަންޓީންގައި61 މީހަކު އެބަތިބި ކަމަށް ނެޝަނަލް އެމަޖެންސީ އޮަޕަރޭޝަން ސެންޓަރުން ބުނެފި އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މާލޭގައި ތިބި މީހުންގެ ތެރެއިން ހޯމް އައިސޮލޭޝަންގައި ތިބީ ޖުމްލަ17 މީހުން ކަމަށެވެ. އެއީ13 ދިވެހިންނާއި ހަތަރު ބިދޭސީ އެކެވެ.
މާލޭގައި ހޯމް ކަރަންޓިންގައި44 މީހަކު އެބަތިއްބެވެ. އެއީ43 ދިވެހިންނާއި އެއް ބިދޭސީ އެކެވެ.
މަބްރޫކް ވިދާޅުވީ އެމީހުންނަކީ ރާއްޖޭން ބޭރުން އައި ބަޔަކާއި ކޮންމެސް ގޮތަކުން ގުޅުން ހުރެގެން ނުވަތަ ބޭރުން އައި މީހުންގެ ތެރެއިން އަލާމާތް ނުފެންނަ މީހުންނެވެ. އެކަމަކު މިހާރު ރާއްޖެއިން ބޭރުން އަންނަ އެއްވެސް މީހަކު ހޯމް އައިސޮލޭޝަންގައި ނުވަތަ ކަރަންޓީންގައި ނުތިބޭނެ އެވެ.
ޑައިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތްގެ އެންގެވުމަކުން ވަނީ ރާއްޖެ އަންނަ ޓޫރިސްޓުން ފިޔަވާ އެންމެން ސަރުކާރުގެ ކަރަންޓީން ފެސިލިޓީތަކުގައި ކަރަންޓީން ކުރަން އަންގަވާފައި އެވެ. އެގޮތުން މިހާރު700 އަށްވުރެ ގިނަ މީހުން ރިސޯޓުތަކުގައި ގާއިމްކޮށްފައިވާ ކަރަންޓީން ފެސިލިޓީތަކުގައި އެބަތިއްބެވެ.
މިފަހަކާ ޖެހެންދެން ދިމާވަމުން އައި އެންމެ ބޮޑު މައްސަލައަކީ ހޯމް ކަރަންޓީން ނުވަތަ އައިސޮލޭޝަންގައި ތިބެން ބުނާ މީހުން ގޭގައި މަޑުނުކުރުމެވެ.
އެޗްޕީއޭއިން ބުނީ ކަރަންޓީން އަދި އައިސޮލޭޝަންގައި ބައިތިއްބަނީ އެހެން މީހަކަށް ބަލި ފެތުރުމުގެ ފުރުސަތު ވީހާވެސް ހަނި ކުރުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް