ކޯވިޑް-19: އިޓަލީން މަރުވި މީހުންގެ އަދަދު ދިހަ ހާސް ފަހަނައަޅާ ގޮސްފި

ކޯވިޑް-19 ޖެހިގެން އިޓަލީން މަރުވި މީހުންގެ އަދަދު 10 ހާސް ފަހަނައަޅާ ގޮސްފިއެވެ. ކޯވިޑް-19 ގެ ނުރައްކާ އެންމެ ބޮޑު ގައުމަށް އިޓަލީ ވެފައިވާއިރު، އެންމެ ފުރަތަމަ މި ބަލި ފެނުނު ޗައިނާއަށްވުރެ ވެސް އިޓ...

28 Mar 2020 | 18:07

ކޯވިޑް-19 ޖެހިގެން އިޓަލީން މަރުވި މީހުންގެ އަދަދު 10 ހާސް ފަހަނައަޅާ ގޮސްފިއެވެ. ކޯވިޑް-19 ގެ ނުރައްކާ އެންމެ ބޮޑު ގައުމަށް އިޓަލީ ވެފައިވާއިރު، އެންމެ ފުރަތަމަ މި ބަލި ފެނުނު ޗައިނާއަށްވުރެ ވެސް އިޓަލީން މަރުވި މީހުންގެ އަދަދު އިތުރެވެ. މި ބަލީގައި އެންމެ ގިނަ މީހުން ވެސް މަރުވެފައިވަނީ އިޓަލީންނެވެ.

މިއަދު އިޓަލީން އިތުރު 889 މީހުން މަރުވި ކަމަށް ރިޕޯޓް ކޮށްފައިވާއިރު، ބަލީގައި މަރުވި މީހުންގެ ޖުމްލަ މިހާރު އުޅެނީ 10023 ގައެވެ. ޑަބްލިއުއެޗްއޯގެ ހިސާބުތައް ދައްކާގޮތުގައި، އިޓަލީން ފައްސިވި މީހުންގެ އަދަދަކީ 86498 އެވެ.

އިޓަލީގެ ހާލާތު ވަރަށް ގޯސްކޮށް އުޅޭއިރު، ކޯވިޑް-19 ގެ ވަބާ ދެން އެންމެ ބޮޑުކޮށް މި ވަގުތު ފެންނަ ގައުމުތަކަކީ ސްޕެއިން އާއި އެމެރިކާއެވެ.

ސްޕެއިން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 832 މީހުން މަރުވެފައިވާއިރު، މަރުވި މީހުންގެ ޖުމްލަ އުޅެނީ 5690 ގައެވެ. އަނެއްކޮޅުން، ކޯވިޑް-19 އަށް ފައްސިވި މީހުން އެންމެ ގިނަ ގައުމުކަމަށްވާ އެމެރިކާއިން ފައްސިވި މީހުންގެ އަދަދު މިހާރު ވަނީ 104000 އަށް އަރާފައެވެ. އެ ގައުމުން 1700 މީހުން މަރުވެފައިވެއެވެ.

ކޯވިޑް-19 ގެ ނުރައްކާ ދުނިޔޭގެ ގައުމުތަކަށް ބޮޑުވަމުން އަންނައިރު، ގިނަ ގައުމުތަކަކުން އަންނަނީ މި ބަލިން ސަލާމަތްވުމަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުންނެވެ. މިގޮތުން ގިނަ ގައުމުތަކަކުން ބޯޑަރު ބަންދުކޮށް، ގައުމަށް މީހުން އެތެރެވުމާއި، ގައުމުން ބޭރަށް މީހުން ދިއުން މަނާކޮށްފައިވާއިރު، ބައެއް ގައުމުތަކާއި، ޖަމިއްޔާތަކުން އަންނަނީ ދިމާވެދާނެ އިގުތިސާދީ ތަދުމަޑުކަމަކަށް ވެސް ތައްޔާރުވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް