ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްގައްޔޫމާއި ދިމާއަށް އެއްޗެހި ކިޔުނީތީ ހިތާމަކުރައްވާކަމަށާއި އެކަމަށް މައާފަށް އެދިފައިވާނެ ކަމުގައި ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެފައިވާއިރު އަލީ ވަހީދަށް މައާފު ކޮށްފި ކަމުގައި ރައީސް މައުމޫން ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވެފައިވަނީ ސަން އޮންލައިންގައި " މައުމޫނަށް އެއްޗެހި ކިޔުނީތީ ރިގްރެޓްކުރަން، މިހާރު މައާފަށް އެދެފިން: އަލީ ވަހީދު" މި ސުރުހީގެ ދަށުން ލިޔެފައިވާ ހަބަރުގެ ޓްވީޓް ކުއޯޓް ކުރައްވައި ކުރެއްވި ޓްވީޓެއްގައެވެ.
އެ ޓްވީޓްގައި އަލީ ވަހީދަށް ޝުކުރާއެކު ވިދާޅުވެފައިވަނީ މައާފްކޮށްފި އިނގޭތޯ ކަމަށެވެ.
ރައީސް މައުމޫނާއި ދިމާއަށް އެއްޗެހި ކިޔުނީތީ ހިތާމަކުރައްވާކަމުގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވެފައިވަނީ ސަން އޮންލައިން އިން ގެނެސްދޭ 50 މިނެޓު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
"އޭރު ޒުވާން އިރުގައި އެ ހާވަރަކަށް ނުވިސްނޭ. [މިހާރު] ކްލޭޝްވެ ދެރަޔެއް ލިބޭކަށް ބޭނުމެއް ނުވޭ. ޕޯޑިއަމްތަކުގައި އެގޮތަށް ދެވުނީމާ އެ ރިގްރެޓު ކުރަން. އަދި ފަހުން އަޅުގަނޑު މައާފަށް ވެސް އެދުނިން ވަޒީރަކަށް އައުމަށް ފަހު [ރައީސް މައުމޫނާ] ބައްދަލު ކޮށްފައި،" އަލީ ވަހީދު ވިދާޅުވެފައިވެއެވެ.
ސަން އޮންލައިންގައިވެސް ފާހަގަކޮށްފައިވާފަދައިން ވަރަށް ޒުވާން އުމުރުގައި މިނިސްޓަރު އަލީ ވަހީދު ސިޔާސީ ދާއިރާއަށް ނިކުމެވަޑައިގެންނެވީ ރައީސް މައުމޫނާއެކު ކުރެއްވި ސިޔާސީ މަސައްކަތްތަކުގެ ތެރެއިން، 2009ގައި އޭރުގެ އެންމެ ބޮޑު ޕާޓީ ޑީއާރުޕީގެ ތެރެއިންނެވެ.
2009 ގައި ޑީއާރުޕީގެ ޓިކެޓުގައި މަޖިލީހަށް ހޮވި ވަޑައިގެން އޭރުގެ އިދިކޮޅު ޕާޓީ އެމްޑީޕީއަށް ވަރަށް ފޯރިއާއެކު ބަހުގެ ހަމަލާތައް ދެމުން ގެންދެވިއެވެ. ނަމަވެސް ސިޔާސީ މައިދާނުގައި ހަމަ ކުއްލިއަކަށް ކޮޅު ބަދަލުކޮށް ކުރިން ރައީސް މައުމޫނަށް ކިޔަމުން އައި ސަނާގެ ބަދަލުގައި ބަހުގެ ހަމަލާތައް ދެމުން ގޮސްފައިވެއެވެ.
ނަމަވެސް ސިޔާސީ ގިނަ ގޮންޖެހުންތަކަކަށްފަހު އަނެއްކާވެސް ވެރިކަމުގެ އައު ދައުރެއް ފެށިގެން ގޮސްފައިމިވަނީ ރައީސް މައުމޫން އާއި ރައީސް ރައީސް ނަޝީދު އަދި މިނިސްޓަރު އަލީ ވަހީދުވެސް އެއް ފަޅިއެއްގައި ތިއްބަވައި ގިނަ ބަޔަކު ކުރެއްވި މަސައްކަތުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް