މިނިސްޓްރީ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް އަށް ސަރުކާރުގެ ފުރަތަމަ 100 ދުވަހަށް ކަނޑައަޅާފައިވާ ވައުދުތަކުގެ ތެރެއިން، ދިވެހިރާއްޖޭގެ ތަރިކައިގެ ދަފްތަރެއް އެކުލަވާލައި ތަރިކައިގެ ބިލު މަޖިލީހަށް ފޮނުވައިފިއެވެ.
މި ބިލުގައި، ކޮންމެ ރަށެއްގައިވެސް ހުރި ތަރިކައާއި، ދުވަސްވީ ބިނާތަކާއި، އާސާރު އެކުލެވޭ ތަންތަނާއި، ތާރީޚާ ގުޅިފައިވާ ތަކެއްޗަކީ އެރަށެއްގެ އެންމެ މުހިންމު އައިޑެންޓިޓީކަމުން، މިފަދަ ތަންތަނާއި ތަކެތި ހިމާޔަތްކުރުން އެންމެހާ ފަރާތްތަކަށް ލާޒިމްވާގޮތަށް ގާނޫނީ ޒިންމާ ކަނޑައެޅި، ތަރިކައިގެ ލިސްޓެއް އެކުލަވާލެވި އެކުލެވިފައި ވާނެކަމަށް އެ މިނިސްޓްރީން ބުނެއެވެ.
އަދި މި ލިސްޓު ތައްޔާރުކޮށްފައިވަނީ ރަށު ކައުންސިލްތަކާއި ދާއިރާގެ މާހިރުންނާއި އާންމުންގެ އެހީތެރިކަމާއި އެކުގައެވެ. މި ލިސްޓު އަދާ ހަމަކޮށް، ލިސްޓުގައި ހިމެނިފައިވާ މައުލޫމާތުތަށް އުނި އިތުރު ގެނައުމަށާއި މައުލޫމާތު ކަށަވަރުކުރުމަށް އާންމުންގެ ޚިޔާލު މިނިސްޓްރީގެ ވެބްސައިޓު މެދުވެރިކޮށް އަބަދުވެސް ފޮނުވޭނެ އިންތިޒާމު ވާނީ ހަމަޖެހިފައިކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.
މީގެ އިތުރުން ސަގާފީ ތަރިކައިގެ ވަގުތީ ދަފްތަރެއް އެކުލަވާލުމަށްފަހު މިހާރު ވާނީ ގެޒެޓްކޮށްފައި ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.
އެ މިނިސްޓްރީން އިތުރަށް ބުނީ، ތަރިކައިގެ ޤާނޫނު މަޖުލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކުރެއްވުމުން ރާއްޖޭގެ ތަރިކަ ދެމެހެއްޓެނިވި ގޮތަކަށް ކަނޑައެޅިފައިވާ އުސޫލުތަކެއްގެ ތެރެއިން ބަލަހައްޓަންފަށައި، ތަރިކައިގެ ލިސްޓަށް ޤާނޫނީ ބާރު، ލިބި އާސާރީ ސަރަހައްދުތައް ޙިމާޔަތް ކުރުމަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ކުރިއަށްގެންދިއުމަށް މަގުފަހިވެގެންދާނެކަމަށެވެ.
މީގެ އިތުރުން ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރުމަށް ހަމަޖެހިފައިވަނީ ކަޅުވަކަރު މިސްކިތް އަލުން ރާވައި ބެހެއްޓުން ކަމަށްވެސް އެ މިނިސްޓްރީން މައުލޫމާތުދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް