އޭޖީ އިން ކަނޑައެޅި ބާރަ ވައުދުގެ ތެރެއިން އެގާރަ ވައުދު ފުއްދައިފި

ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އެޓާނީ ޖެނެރަލް އޮފީހުން ކަނޑައަޅާފައިވާ ބާރަ ވައުދުގެ ތެރެއިން، އެގާރަ ވައުދު ފުއްދިއްޖެ ކަމަށް އެ އޮފީހުން ބުނެފިއެވެ. އޭޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގ...

28 Mar 2019 | 11:38

ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އެޓާނީ ޖެނެރަލް އޮފީހުން ކަނޑައަޅާފައިވާ ބާރަ ވައުދުގެ ތެރެއިން، އެގާރަ ވައުދު ފުއްދިއްޖެ ކަމަށް އެ އޮފީހުން ބުނެފިއެވެ.

އޭޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، އެ އޮފީހުން ފުއްދަން ޖެހޭ ވައުދުތަކުގެ ތެރެއިން ނުހައްގު މުއްސަނދިވުން ހުއްޓުވުމަށް މަޖިލީހަށް ބިލެއް ހުށަހަޅައިފައިވާނެ ކަމަށާއި، ރިޝްވަތު ހިފާ މީހާއާއި އެއްވަރަށް ރިޝްވަތު ދޭ މީހާވެސް ކުށްވެރިވާގޮތަށް ގާނޫނަށް ބަދަލު ގެނައުމަށްވެސް ބިލެއް ހުށަހަޅައިފައިވާނެކަމަށެވެ.

މީގެ އިތުރުން، މިނިވަން މުއައްސަސާތައް މިނިވަންކަމާއެކު ހިންގޭނެ ގޮތަށް ގާނޫނުތައް އިސްލާހުކުރަން މަޖިލީހަށް ހުށަހަށައިފައިވާނެކަމަށާއި، އަދުލުއިންސާފުގެ ނިޒާމު އިސްލާހުކުރުމަށް ޖޭއެސްސީ އަށާއި ފަނޑިޔާރުގެއަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ފަށައިފައިވާނެކަމަށެވެ. އަކި ވަކިމީހަކަށް ނުވަތަ ވަކި ބަޔަކަށް ގެއްލުމެއް ދިނުމަށް ނުވަތަ ވަކި މީހަކަށް މަންފާއެއް ހޯދުމަށް ބަދަލުކޮށް، ފާސްކޮށްފައިވާ ގާނޫނުތައް ބަލައި މުރާޖައާކުރަން ފަށައިފައިވާނެކަމަށެވެ.

މި ބަޔާނުގައި އިތުރަށް ވަނީ، ވަކި އަދަދެއްގެ ރައްޔިތުން އެދުމުން ކައުންސިލުތަކުގެ ޓައުންހޯލް ބައްދަލުވުންތައް ބޭއްވޭނެ ފުރުސަތު ފަހިކޮށްދީފައިވާނެކަމަށެވެ. ހަމައެއާއިއެކު، ދައުލަތް ދަރަނިވެރިވެ، ގައުމުގެ ސިޔާދަތަށް ގެއްލުންވާނެ އުސޫލުން ނެގިފައިވާ ލޯނުތަކާއި، ކޮންޓްރެކްޓްތައް އަލުން ރީނެގޯޝިއޭޓް ކުރަން ފަށައިފައިވާނެކަމަށެވެ.

މީގެ އިތުރުން، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު އިސްލާހުކުރުމާބެހޭ ބިލެއް މަޖިލީހަށް ހުށަހެޅުމުގެ އިތުރުން، ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ބިލެއް މަޖިލީހަށް ހުށަހަޅައިފައިވާނެކަމަށެވެ. އަދި ޖަމްއިއްޔާތަކާބެހޭ ގާނޫނު އިސްލާހުކުރުމަށްޓަކައި ކަމާގުޅޭ ބިލަކާއި، ކުޑަކުދިންގެ އަދުލުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައިވާނެ ކަމަށްވެސް މި ބަޔާނުގައި ހާމަކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް