ބުރުސޫރަ – ހަތްވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ... އެދުވަހުގެ ބާކީ ހުރި ކްލާސްތަކަަށް މަންހާ އެއް ނާދެއެވެ. ސަބަބު އިނގެނީ އެންމެ ތިން މީހުންނަށެވެ. އެއީ ޒިއަން، އީމާން އަދި ޒޭބާ އަށެވެ. ޒޭބާ އިނީ ވަރަށް ހިތްހަމަޖެހިފައެވެ. މަނ...

28 Mar 2019 | 10:38

ކުރީގެ އަދަދާއި ގުޅޭ...

އެދުވަހުގެ ބާކީ ހުރި ކްލާސްތަކަަށް މަންހާ އެއް ނާދެއެވެ. ސަބަބު އިނގެނީ އެންމެ ތިން މީހުންނަށެވެ. އެއީ ޒިއަން، އީމާން އަދި ޒޭބާ އަށެވެ. ޒޭބާ އިނީ ވަރަށް ހިތްހަމަޖެހިފައެވެ. މަންހާ އާއި ޒިއަންގެ ގުޅުމަކީ ޒޭބާ މި ދުނިޔެ މަތިން އެންމެ ފޫހިވާ ގުޅުމެވެ. މަންހާއާއި ޒިއަންގެ އެކުވެރިންނާއި އޮންނަ ގުޅުމަކީވެސް ޒޭބާ އެހާ ފޫހިވާ ގުޅުންތަކެކެވެ. އޭނާ ބޭނުންވަނީ މަންހާގެ މަގާމެވެ. މަންހާ ފަދައިން ޒޭބާވެސް ހުންނަނީ ފާޑަކަށް ޒިއަންއާ އަޅައިގަނެފައެވެ. މިހާރު ދެތިންފަހަރު ޒިއަންއަށް ލޯބި ހުށަހަޅައިވެސްފިއެވެ. ކޮންމެ ފަހަރަކު އޭނާއަށް އަމާޒުވަނީ ޒިއަންގެ ބަދު ބަސްތަކެވެ. މިވަގުތު އޭނާ ވިސްނަމުން އެ ދަނީ އަނެއްކާވެސް ޒިއަންއަށް ލޯބި ހުށަހެޅުމަށެވެ. މިއީ ރަގަޅު ވަގުތެއް ކަމުގައި އޭނާގެ ހިތް ބުނަމުން ދިޔައެވެ.

"މަންހާ އާ ދިމާލަށް އެއްޗެކޭ ބުނީތަ؟ އެމަންޖެ ކްލާހަކަށްެވެސް ނައި ޒިއަން އޭނަ ކައިރީގަ ނީށީމަ..." ގެއަށްދާން ކޮލެޖްގެ ގޭޓުން ނިކުންނަމުން މާޒިން އަހައިލިއެެވެ.

"ކައެ އެހާ ދެރަވަންޏާ އެ މަންޖެ ސެޓު ކޮށްބަލަ.. މަށަކަށް ނޭންގެ ވީ ގޮތެއް..." ޒިއަން ކައިރިއަށް ރުޅި އަންނަގޮތްވިއެވެ. މި ވޭތުވެދިޔަ ހުރިހާ ދުވަހަކު ކްލާހުގައި ޒިއަން އިންނަނީ މަންހާ ކައިރީގައެވެ.

"އޭ ހަމަޖެހިބަލަ... އަހާލީ ދޯ މި... މަންހާއޭ ބުނާއިރަށް ކީއްވެތަ ތިހާ ވަރަށް ތި ރުޅި އަންނަނީ މިހާރު... ކުރިން ހީވަނީ ދެމީހުންނަކީ އެކަތިގަނޑެއްހެން..." މާޒިން ފާޑަކަށް ހިނިގަނޑެއް ޖަހައިލިއެވެ. އީމާން ހުރީ ދެމީހުންގެ ވާހަކަ އަޑުއަހަން ބަހެއްވެސް ނުކިޔައެވެ.

"އަބަދު ތަތް ވެގެންނެއް ނޫޅެވޭނެއެއްނު... އެހެން ނޫނަސް މަންހާ ދޯ އަހަރެން ފަހަތުން އުޅުނީ.. ދެން އޭނަ ވާހަކަ މަ ކައިރީ ނުދައްކައްޗޭ..." މާޒިންއަށް ލޯ އަޅައިލަމުން ޒިއަން ބުނެލިއެވެ.

"އިނގެޔޭ ފުނަދޫއިން ޖިންނިއެއް އަވަލައިގެން ތި އުޅެނީ..." މާޒިން ވަރަށް ޔަގީން ކަމާއިއެކު މިހެން ބުނިކަމުގައި ވިޔަސް އަޑުގައި ވަނީ ސަމާސާ ރާގެވެ. މިހެން ބުނުމުން އީމާން ކައިރިއަށްވެސް ހިނިއައެވެ.

"މޮޔަވޭ ދެމީހުން... މަ މި ނައްޓާލީ..."ޒިއަން ސައިކަލަށް އަރައި ސްޓާޓް ކޮށްލުމުން މާޒިން ފަހަތަށް އެރިއެވެ.

"ހަމަ މިހާރު ފައިބާ... މަ ނޫޅެން ކަލޭ ގެއަށް ގެންދާކަށް..." ޒިއަން ބުނެލިއެވެ.

"އޭ ޕްލީޒް މަ ސައިކުގަ ދޮންބެ އޭ... ގެންދެބަލަ ބޭބީ ޕްލީޒް" ޒިއަންގެ ގައިގައި ފަހަތުން ބައްދައިލަމުން މާޒިން ބުނެލިއެވެ.

"ހޫނ.. ދޫކުރޭ މީހުން ހީކޮށްފާނެ އަހަރެމެން މީ އަނެއް އަތު ބައެކޭ..." މާޒިން އަދި އެޔަށްވުރެ ބާރަށް ޒިއަންގެ ގައިގައި ބައްދައިލިއެވެ.

"އޭ ކިހާ ދެރަ ކަމެއް ދޫކޮށްލަބަލަ ގެންދާނަމޭ..." ޒިއަން ކައިރިއަށްވެސް ހިނިއަންނަ ގޮތްވިއެވެ. މާޒިން ޒިއަންގެ ގައިން ދޫކޮށްލުމުން، ޒިއަން ސައިކަލު ދުއްވައިލިއެވެ. އޭރު އީމާންވެސް އެމީހުންގެ ފަހަތުން އޭނާގެ ސައިކަލުގައި އާދެއެވެ.

"އޭ ހިނގާބަލަ ތިގެއަށް ޑްރަމް ކުޅެލަން ދާން..." މާޒިން ބުނެލިއެވެ. އޭރު އީމާން ވެސް ދުއްވަމުން ދިޔައީ އެމީހުންނާ އެއްވަރަށެވެ.

"މަ މިދަނީ ގެއަށް ވަރަށް ބޮލުގަ ރިއްސާ އެބަ" ޖެހިގެން އޮތް ގޯޅި އަޅަމުން، މިހެން ބުނުމަށްފަހު އީމާން އެމީހުންނާ ވަކިވެއްޖެއެވެ.

"ފައިން" މާޔޫސްވެފައި މާޒިން ބުނެލިއެވެ. ޒިއަން ކައިރިއަށް އަނެއްކާ ހިނިއައެވެ.

"ބޭބީ ދެން މިރެއަކު ނޫންދޯ.." ފަހަތުން އަތް ގެންގޮސް މާޒިންގެ ބަނޑުގައި ކޮށްޓައިލަމުން ޒިއަން ބުނެލިއެވެ. މާޒިން ދިޔައީ ސިއްސައިގެންނެވެ.

***

މިގޮތުގައި ދުވަސްތައް ދާތާ މަސްދުވަސް ވެއްޖެއެވެ. ޒިއަން އާއި ރާނީގެ ގުޅުން ވަރުގަދަ ވަމުން ދާވަރަކަށް، މަންހާ މަތިން އޭނާ ދަނީ ދުވަހެއް ދުވަހަކަށް ފޫހިވަމުންނެވެ. މަންހާ އަދިވެސް އުންމީދު ކަނޑައެއްނުލައެެވެ. ޒިއަންއާ ވާހަކަ ދެއްކޭތޯ އޭނާ ކުރަމުން އަންނަ މަސައްކަތައް ނިމުމެއް އަންނާނެ ހެންނެއް ހިއެއްނުވެއެވެ. މިކަމާ ހެދި މަންހާ އާއި އީމާންގެ ގުޅުން ދަނީ ހީނަރުވަމުންނެވެ. އެކަމާ އެންމެ ހިތާމަ ކުރަނީ އީމާންއެވެ. ނަމަވެސް އެކަން އެހެން މީހަކަށް އަންގާކަށް އީމާން ބޭނުމެއް ނޫނެވެ.

ޒިއަން ބޭނުންވަނީ ވީހާވެސް އަވަަހަކަށް ރާނީ އޭނާގެ މީހަކަށް ހަދާށެވެ. އެންމެ ފުރަތަމަ ކަމަކަށް އޭނާ ޖެހޭނީ މަންމަ ކައިރީގައި އެވާހަކަ ދައްކާށެވެ. ޒިއަން މިހާރު ތައްޔާރުވަމުން އެ ދަނީ މަންމަ ކައިރީ ރާނީގެ ވާހަކަ ބުނުމަށެވެ. ޒައިނާ ކައިރީގައި ލޯބިވާ ކުއްޖެއް ހުންނަކަމުގައި ޒިއަން ވަނީ ބުނެފައެވެ. އިތުރަކަށް އެއްވެސް ވާހަކައެއް ޒިއަން ކިޔައެއްނުދެއެވެ.

ރޭގަނޑު ކްލާސް ނިންމާލައިފައި އައި އިރު ގޭގައި ބައްޕަ އުޅޭކަން އިނގުނީ ބައްޕަގެ ކާރު ގަަރާޖުގައި އޮތުމުންނެވެ. ޒިއަންގެ ބައްޕައަކީ ސަރުކާރުގެ އިސް މަގާމެއް ފުރަމުން އަންނަ ވަރަށް ސިޔާސީ މީހެކެވެ. ރަސްމީ ދަތުރެއްގައި އިނގިރޭސިވިލާތަށް ބައްޕަ ފުރީ ޒިއަން މާލެ އައިތާ ހަފްތާއެއް ފަހުންނެވެ.

"ދަރިފުޅާ އާދޭ ކާން.." ޒިއަން ގެއަށް ވަތްއިރު ބައްޕަ އާއި މަންމަގެ އިތުރުން ޒައިނާވެސް އިނީ ކާށެވެ. ޒިއަން ދަބަސް ކޮޓަރިއަށް ލުމަށްފަހު ކާކޮޓަރިއަށް ވަދެ އިށީނެވެ. ބައްޕަ ފުރަތަމަ ވެސް އެހީ ޒިއަންގެ ކިޔެވުމާ ބެހޭގޮތުންނެވެ.

"މި އަހަރު ޑިގްރީ ނިމުނީމަ ދެން ބޭރަށް ދާނީ މާސްޓާސް ހަދަން ދޯ..." ޝާހިދު މިހެން ބުނެލުމުން ޒިއަން ވަރަށް ފޫހިވިއެވެ. އެކަން ފާހަގަ ކުރެވުނީ ޒައިނާއަށް އެކަންޏެވެ.

"ބައްޕާ އަޅުގަނޑު ދެން އިތުރަށް ކިޔަވާކަށް ބޭނުމެއް ނޫން..." ވަރަށް ބިރުން އިނދެ ޒިއަން ބުނެލިއެވެ. ހަގީގަތުގައި މިހާރުވެސް ޒިއަން އެ ކިޔަވަނީ ޝާހިދުގެ ނުފޫޒުންނެވެ. ޝާހިދު ފުރަތަމަވެސް ބޭނުންވީ ޒިއަން ރާއްޖެއިން ބޭރަށް ކިޔަވަން ފޮނުވާށެވެ. ނަމަވެސް ޒިއަން ގަދަދައްކާލައިފައި ނުދިއުމުން، ޝާހިދު ޝަރުތުކުރީ މާލޭގައި ކިޔެވުމަށެވެ. ޑިޕްލޮމާ ނިމުމުން ޑިގްރީއަށް ކިޔަވަން މަޖުބޫރު ކުރީ ވެސް ޝާހިދެވެ. އަނެއްކާ މާސްޓާސްއަށް ކިޔަވާ ވަހަކަ ބުނުމުން ޒިއަންގެ ބޮލުގައި ރިއްސައިލިއެވެ.

"ނޫނޭ ދަރިފުޅާ.. ދަރިފުޅަކީ އެހާ ހިތްއަލި ކުއްޖެއް... ބައްޕަ ކިހިނެއް ވަޒީފާއަށް ދަމުން އެހުރި ދެ ފިހާރަ އެކަނި ބަލަހައްޓާނީ... ކިޔަވައިގެން ހުރިއްޔާ ދޯ ތަނެއް ދޮރެއްވެސް އިނގޭނީ..." ޝާހިދު މަސައްކަތްކުރީ ރީތިގޮތުގައި ޒިއަންއަށް ވިސްނަދޭށެވެ. ނަމަވެސް ދެވަނަ ފަހަރަށްވެސް ޒިއަން އިންކާރުކުރިއެވެ. އެގޭގައި ޝާހިދުއާއި ދެކޮޅަށް ބަސްބުނަން ކެރެނީ ޒިއަންއަށް އެކަންޏެވެ. ނަމަވެސް ނޫނެކޭ ބުނަންކެރޭނީ ދެފަހަރަކަށެވެ. ޝާހިދު މާބޮޑަށް ބާރުއަޅަންޏާ ނޫނެކޭ ބުނަން ޒިއަންވެސް ފަސްޖެހެއެވެ.

"މައްސަލައެއް ނެތް... މިފަހަރު ޒިއަންއަށް ދޫކޮށްލީ... އަދި އެބައޮތް އެއް ކަންތައް" ޝާހިދު މިހެން ބުނުމުން ޒިއަން އުފާވެފައިވެސް ހާސްވިއެވެ. އަނެއްކާ ކޮންމެވެސް ކަމެއް ބޮލުގަ އަޅުވަން އުޅެނީއޭ ޒިއަންގެ ހިތް ބުނަމުންދިޔައެވެ.

"ދެން ކައިވެނި ކުރަންވީނު؟" ބައްޕަ މިހެން ބުނުމުން ޒިއަންގެ ހިތް ނަށައިލިއެވެ. ރާނީގެ ވާހަކަ ބުނަން މީ ރަގަޅު ވަގުތެއްކަން ޒިއަންއަށް ހީވިއެވެ. ނަމަވެސް ޒިއަން ފުރަތަމަ ބޭނުންވީ ބައްޕަ އެހެން އެބުނި ސަބަބު ހޯދާށެވެ.

"ބައްޕާ އަޅުގަނޑު އަދި ކުޑައެއްނު ކައިވެނި ކުރަން..." ޒިއަން ބުނެލިއެވެ. ޝާހިދު ކައިރިޔަށް ހިނިއައެވެ.

"ސައުވީސް އަހަރަކީ ކުޑަ އުމުރެއް ނޫން... ފަންސަވީސް އަހަރު ވާން ތި އުޅެނީ އެހެންވީމަ މީ ހަމަ ބަރާބަރު އޭޖް އެއް ދޯ ޒާހީ..." ޒާހިދާއަށް ދޯ ދެމުން ޝާހިދު މިހެން ބުނެލުމުން ޒާހިދާވެސް ބޯ ޖަހައިލިއެވެ. އެއްވެސް ބަހެއްނުބުނެ އެތާ އިނީ ޒައިނާ އެކަންޏެވެ.

"މަންހާގެ ބައްޕަ އިއްޔެ އެކަމާ ބައްޕައާ ވާހަކަދެއްކި..." ޒިއަންގެ އަތުގައި އޮތް ސަމުސާ ތަށި ތެރެއަށް ދޫވިއެވެ. ވީ ގޮތް ޒައިނާއަށްވެސް އިނގުނެވެ. ޒިއަން ދިރުވައިލި ބަތްކޮޅު ކަރުގައި ތާށިވެގެން ކޮށިއެރިއެވެ. ޒާހިދާ އަވަހަށް އައިސް ޒިއަންއަށް ފެން ފޮދެއް ބޯންދިނެވެ. ކެއްސުންގަނޑު މައިތިރިވުމުން، ޒިއަން ހިންދިރުވައިލުމަށްފަހު ބައްޕަގެ މޫނަށް ބަލައިލިއެވެ.

"މަންހާގެ ބައްޕަ ވެސް ބޭނުންވަނީ އަވަހަށް މި ކައިވެނި ކުރެވެން... ބައްޕައަށްވެސް ވަރަށް ކަމުދާ ކުއްޖެއް އެއީ... އެހެން ނޫނަސް ރައްޓެހި ވެގެން މާ ގިނަ ދުވަހު އުޅޭކަށްވެސް ނުވާނެ މިޒަމާނުގަ..." ޝާހިދު އަނެއްކާވެސް ބުނެލިއެވެ. އޭގެ ދިފާއުގައި ވާހަކަދައްކަން ޒިއަން ކިތަންމެހާވެސް ބޭނުންވިއެވެ. ނަމަވެސް އޭނާ އާއި މަންހާގެ ގުޅުން ދެ އާއިލާއަށް އިނގޭކަމުން އިތުރަށް ބުނާނެ އެއްޗެއް ޒިއަންއަކަށް ނޭންގުނެވެ. ޒިއަން އާއި މަންހާގެ ދެމެދުގައި އުފެދުން މައްސަލަ ސިއްރުކުރެވުނު ކަމުން މިހާރު ޒިއަން އަށް އެކަމާ ރުޅި އާދެވެން ފެށުނެވެ. ހަދާނެގޮތް ހުސްވެފައި ޒިއަން އިންދައި، ކައިގެން ޝާހިދު ހިނގައްޖެއެވެ. ޒައިނާ އިނީ ކޮއްކޮގެ ދިފާއުގައި ވާހަކަ ދައްކަން ކިތަންމެހާވެސް ބޭނުންވެފައެވެ. ނަމަވެސް ބައްޕަ ކުރިމަތީގައި ޗުއްޕު ބުނުމަށްވެސް މިއަދު އޭނާ އެވާ ހާލުން ނުކުޅެދެއެވެ.

"ޒިއަން" ކުއްލިއަކަށް ޒިއަން ގޮނޑިން ތެދުވެގެން ދާން ހިނގައިގަތުމުން ޒައިނާ ގޮވައިލިއެވެ. ކޮންމެވެސް ކަމެއް ވެއްޖެހެން ޒާހިދާއަށްވެސް އެވަގުތު ހީވިއެވެ. ޒައިނާ ތެދުވެގެން ޒިއަންގެ ފަހަތުން ދުއްވައިގަތެވެ. ޒިއަން ގޮސް ވަނީ މަތީގައި ހުރި އޭނަގެ މިއުޒިން ރޫމް އަށެވެ.

"ޒިއަން ލެޓްސް ޓޯކް..." ޒިއަންގެ އަތުގައި ހިފައިލަމުން ޒައިނާ ބުނެލިއެވެ.

"އައި ޓޯލްޑް ޔޫ އެބައުޓް ރާނީ... އައި ވޯންޓް ޓް މެރީ ހާ" ޒައިނާ ގައިގައި ބައްދައިލަމުން ޒިއަން ބުނެލިއެވެ. ޒައިނާ ޒިއަންގެ ބުރަކަށީގައި ފިރުމައިލިއެވެ.

"ބައްޕަ ކައިރީ ބުނަންވީދޯ ރާނީގެ ވާހަކަ" ޒައިނާގެ ގައިން ދޫކޮށްލަމުން ޒިއަން އަހައިލިއެވެ. ޒައިނާ ކުޑަކޮށް ބިރުގަންނަ ގޮތް ވިއެވެ.

"ނޫން ޒިއަން... ކައިވެނީގެ އެކަހަލަ ވާހަކައެއް ދައްކައިފިއްޔާ ބައްޕަ އަނެއްކާ ޒިއަންއާ ގުޅުން ކަނޑާލަފާނެ..." ޒައިނާގެ މާޒީ ހަނދާންވެފައި ބިރުގަންނަގޮތްވިއެވެ.

"ކުޑޫ ގެ ސްޓޯރީ މުޅިން ތަފާތޭ... ހިޔާ އައި ބްރޯކްއަޕް ވިތް މަންހާ... ހައު ކެން އައި މެރީ ހާ.. އަދި ލޯބި ނުވާ މީހަކާ ކިހިނެއް މެރީ ކުރާނީ... އަހަރެން ކައިރީ އަހާލާފަ މަންހާގެ ބައްޕަ އާ ބައްޕަ ވާހަކަ ދެއްކި ނަމަވެސް...." ޒިއަން ހުރީ ގޮތް ހުސްވެފައެވެ.

"ލެޓްސް ޓޯކް މަންމަ" ޒައިނާ ބުނެލިއެވެ. ޒިއަންވެސް އެ ހިޔާލަށް ތާއީދުކުރިއެވެ. މާދަމާ މަންމައާ ވާހަކަ ދައްކާނީ ކަމަށް ބުނެފައި ޒައިނާ ނިކުމެގެން ހިނގައްޖެއެވެ.

ކޮޓަރިއަށް ދިއުމަށްފަހު ޒައިނާ ވިސްނަމުން ދިޔައީ މި ކައިވެނި ހުއްޓުވާނެ ގޮތަކާ މެދުގައެވެ. މައިންބަފައިންނާއި ދެކޮޅަށް ކައިވެނިކޮށްގެން އެއްވެސް އުފަލެއް ނުލިބޭނެކަން މިއަދު އޭނާއަށް މިވަނީ ޔަގީންވެފައެވެ.

ޒައިނާ އަށް ލޯބިވެވުނީ ކިޔަވަން މެލޭޝިޔާގައި ހުރިއިރު ދިމާވި ދިވެއްސަކާއެވެ. އެއީވެސް މާލޭގެ ބޮޑު ވިޔަފާރި ވެރިއެއްގެ ދަރިއެވެ. އާލިމްއާ ރައްޓެހިވެގެން ދެ އަަހަރު އުޅުމަށްފަހު، ކިޔަވައި ނިންމައިގެން ޒައިނާ މާލެ އައީ ކައިވެނީގެ ވާހަކަ މައިންބަފައިން ކައިރީގައި ދައްކާށެވެ. ނަމަވެސް އާލިމް ފުރަތަމަ ފެނުންދުވަހުވެސް ބައްޕަ އެ ގުޅުމާ ނުގަބޫލުވިއެވެ. ސަބަބު ހާމަނުކުރިކަމުގައި ވިޔަސް، އެ ކައިވެނި ކޮށްފިނަމަ ބައްޕަގެ އެއްވެސް އެހީތެރިކަމެއް ނުލިބޭނެކަަމަށް ޝާހިދު ބުންޏެވެ. ނަމަވެސް ޒައިނާ އެކަން ހުއްޓާކަށް ބޭނުމެއް ނުވިއެވެ. ކޯޓުން ވަލީ ހޯދައިގެން ކައިވެނިކުރީ ބައްޕަ އެކައިވެންޏާ ނުރުހުނު ސަބަބު ނޭންގޭ ހާލުގައެވެ. އާލިމް ބޭނުންވީވެސް ޒައިނާ އޭނާގެ ގޭގައި ބަހައްޓާށެވެ. ބައްޕަގެ ރުހުން ހޯދަން މަސައްކަތް ކުރަން ކަމުގައި އާލިމް ބުންޏެވެ. ނަމަވެސް ކައިވެންޏަށް މާގިނަ ދުވަސްތަކެއް ނުވަނިސް ބައްޕަ އެކައިވެންޏާ ނުރުހުނު ސަބަބު އޭނާއަށް ފަޅާއެރިއެވެ. އާލިމްގެ އަންބަކާ ދަރިއެއް ހުންނަކަން އެނގުން ދުވަހު ޒައިނާ ދުނިޔެއިން މޮޔަވި ކަހަލައެވެ. ނަމަވެސް ބައްޕަ ކުރިމަތީ ބަލި ގަބޫލު ނުކުރަން އޭނާ އެކަންވެސް ގަބޫލުކުރީއެވެ. އާލިމްއަށް މާފުކުރީ ހިތުގައިވި ޒަހަމްތައް ފޮރުވަމުންނެވެ. އޭގެ ފަހުން ފުރަތަމަ އަހަރު ދެ އަނބިންނަށްވެސް ވަރަށް ހަމަހަމަކޮށް ކަންތައްތައް ކޮށްދެމުންދިޔައެވެ. ނަމަވެސް މިސްރާބު ބަދަލުވީ އާލިމްގެ ދޮށީ އަނބި އަހުދާ ދެވަނަ ކުއްޖަކަށް ބަލިވެ އިނުމުންނެވެ. އަހުދާ ބަނޑުބޮޑުއިރު އާލިމް އޭނަ ކައިރިޔަށް އައީ ހަފްތާއަކު އެންމެ ރެއަކުއެވެ. ނަމަވެސް ވިހޭފަހުން މިހާރު ހަ މަސްވަނީއެވެ. ދެހަފްތާއިން އެއް ހަފްތާވެސް އާލިމް އަކަށް ނާދެވެއެވެ. އަދިވެސް ޒައިނާ ބަލި ގަބޫލުކުރާކަށް ބޭނުމެއް ނޫނެވެ. އާލިމް ދެކެ އޭނާ ލޯބިވެއެވެ. އޭނާ އަދިވެސް ކެތްކުރާނެއެވެ. ބައްޕަގެ ރުހުން އޭނާއަށް ލިބޭނީ ދަރިއަކު ލިބުމުންކަން ހިތް ބުނަމުން ދިޔައެވެ. ނަމަވެސް އާލިމް ގެ އެ ދުރުކަމުން މިހާރު ހިތް މާޔޫސް ކޮށްލައިފިއެވެ. މިހާރު ކިތަންމެ ވަރަށް ގުޅިޔަސް ފޯނެއް ނުނަގައެވެ. ގެއަށް ދިއުމުން ދޮރު ހުޅުވާނެ މީހަކުވެސް ނުވެއެވެ.

ޒިއަންގެ ކައިވެންޏާ ދެކޮޅު ހަދައިފިނަމަ ދެން ކަންތައް ވާނެ ގޮތެއްވެސް ނޭންގެއެވެ. ހަމަގައިމުވެސް މަންހާ ކައިވެނި ކުރަން ބޭނުންވާނެކަން ޒައިނާއަށް އިނގެއެވެ. އެ ދެމެދުގައި ހިނގީ ކޮންކަމެއްކަން ނޭންގުނަސް، ޒައިނާގެ ހިތް ބުނަމުން ދިޔައީ ޒިއަން ބައްޕަގެ އެ އެދުމަށް އާނ ބަސް ބުނުމަށެވެ. ކައިވެނި ކުރުމުން މައްސަލަ ހައްލުވެސް ވާނެއެވެ. އަދި ރާނީ މަތިން ހަނދާންވެސް ނެތޭނެއެވެ.

(ނުނިމޭ)

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް